ލިވަޕޫލް (ޖުލައި 20) - ލިވަޕޫލްގެ ކެޕްޓަން، ޖޯޑަން ހެންޑަސަން، ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގައި ވާދަކުރާ އަލް އިއްތިފާގަށް ވިއްކާލުމަށް ލިވަޕޫލުން ވަނީ އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަލް އިއްތިފާގަކީ ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ސްޓީވެން ޖެރާޑް ކޯޗުކޮށްދޭ ޓީމެވެ. ލިވަޕޫލާ އެކު, ހެންޑަސަން, 33, މި ވަގުތު ހުރި ކޮންޓްރެކްޓް ހަމަވާން ދެ އަހަރު ބާކީ އޮތް ނަމަވެސް އޭނާ ބޭނުންވާތީވެ، ލިވަޕޫލުން މި ވަނީ އަލް އިއްތިފާގުން ހެންޑަސަން ގަންނަން ހުށަހެޅި 15 މިލިއަން ޑޮލަރުގެ ޑީލް ބަލައިގަންނަން ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ހެންޑަސަން އަށް ހަފްތާ އަކު، އަލް އިއްތިފާގުން 915،000 ޑޮލަރު ދޭނެ އެވެ.
ސަންޑަލެންޑް ދޫކޮށް 24 މިލިއަން ޑޮލަރަށް، 2011 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ހެންޑަސަން، ލިވަޕޫލްގެ ކެޕްޓަންކަމާ ހަވާލުވީ 2015 ވަނަ އަހަރު ޖެރާޑް، އެ ކްލަބް ދޫކޮށްލުމުންނެވެ. ހެންޑަސަންގެ ކެޕްޓަންކަމުގައި ލިވަޕޫލުން ވަނީ ކްލަބް ލެވަލްގައި ހޯދޭނެ ހުރިހާ ޓްރޮފީއެއް ހާސިލްކޮށްފަ އެވެ.
ލިވަޕޫލުން ހެންޑަސަން ވިއްކާލާނެކަން ޔަގީންވީ، ރޭ އެ ޓީމުން ޕްރީ ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގެ ސްކޮޑުގައި ހެންޑަސަން ނުހިމެނުމުންނެވެ. ރޭ ލިވަޕޫލުން ވަނީ ޕްރީ ސީޒަން މެޗެއްގައި ކާލްސްރޫ އަތުން 4-2 އިން މޮޅުވެފަ އެވެ.
ލިވަޕޫލުން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ބްރައިޓަން އަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު، އަލެކްސިސް މެކް އަލިސްޓާ އާއި އާރްބީ ލައިޕްޒިގުގައި މޮޅު ކުޅުމެއް ދެއްކި، ހަންގޭރީގެ ތަރި، ޑޮމިނިކް ސޮބޯސްލާއިގެ ސޮއި ހޯދައިފަ އެވެ.












