އިޒްރޭލުގެ އުއްމީދަކީ ސައުދީ އަރަބިއްޔާއާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުން ކަމަށް އެ ގައުމުގެ ރައީސް އައިސަކް ހެރްޒޮގް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ކޮންގްރެސްގައި ތަގުރީރު ކުރައްވަމުން ހެރްޒޮގް ވިދާޅުވީ އެކަމަށް އެންމެ ބޮޑަށް ބާރުއަޅާ އެމެރިކާއަށް ޝުކުރުވެރިވާ ކަމަށެވެ.
"އިޒްރޭލާއި ސައުދީ އަރަބިއްޔާއާ ދެމެދު ސުލްހަވެރި ގުޅުން ގާއިމްކުރަން އެމެރިކާއިން ކުރާ މަސައްކަތަށް ޝުކުރު އަދާކުރަން،" ހެރްޒޮގް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ސައުދީއަކީ މެދުއިރުމައްޗާއި މުސްލިމް ގައުމުތަކުގެ ތެރޭގައި އެންމެ ނުފޫޒު ގަދަ އަދި އެންމެ މުއްސަނދި ގައުމެވެ.
އިޒްރޭލާއި ސައުދީއާ ދެމެދު ގުޅުން ގާއިމްކުރަން އެމެރިކާއިން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު ސައުދީން ހިތްހަމަނުޖެހެނީ ފަލަސްތީން މައްސަލައިގަ އެވެ.
އެހެން ނަމަވެސް މިދިޔަ ހަފުތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އެކަމާ ބެހޭ ތަފްސީލެއް ނުދެއްވަ އެވެ.










