މެޑްރިޑް (ޖުލައި 19) - ބާސެލޯނާގެ ކޮންޓްރެކްޓް ހަމަވެ، މި ވަގުތު އެއްވެސް ކްލަބަކާ ނުގުޅި ހުރި ތަޖުރިބާކާރު ފުލްބެކް، ޖޯޑީ އަލްބާ ވެސް އިންޓަ މިއާމީ އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަލްބާ، 34، މިދިޔަ މަހުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރުމަށް ފަހު، އެ ހަމަވުމާ އެކު އޭނާ އެ ކްލަބް ދޫކޮށްލާނެކަން ވަނީ މާކުރިން އިއުލާނުކޮށްފަ އެވެ. ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އިންޓަ މިއާމީން ހިލޭ ޓްރާންސްފާއެއްގައި ލިއޮނަލް މެސީ އާއި ސާޖީ ބުސްކެޓްސްގެ ސޮއި ހޯދާފައިވާއިރު، އެ ދެ ކުޅުންތެރިންނާ އެކު، އަލްބާ ވެސް ވަރަށް އަވަހަށް އެ ޓީމަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ސްޕެއިނުގެ ވެލެންސިއާ ދޫކޮށް 2012 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި އަލްބާ ވަނީ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެެވެ. އެކަމަކު، ފާއިތުވި އަހަރުތަކުގައި ބާސެލޯނާގެ މާލީ ހާލަތު ގޯސްވެ، ކުޅުންތެރިންގެ މުސާރަތަށް ކުޑަކުރިއިރު، އަލްބާގެ ވެސް މުސާރަ ކުޑަކުރަން ނިންމުމުން އޭނާގެ ހިތްހަމަނުޖެހުންތަކެއް ހުއްޓެވެ.
ސްޕެއިން ގައުމީ ޓީމާ އެކު ވެސް ގިނަ އަހަރުތަކެއް ހޭދަކުރި އަލްބާ ވަނީ ބާސެލޯނާގައި ހޭދަކުރި 11 ވަަރަކަށް އަހަރު ތެރޭގައި އެ ޓީމަށް 459 މެޗު ކުޅެދީފަ އެވެ. އެ މެޗުތަކުގައި 28 ގޯލު ޖަހައި، 96 ގޯލު ޖަހަން ފުރުސަތު ތަނަވަަސްކޮށްދިނެވެ.
އަލްބާ އަށް ސައުދީ އަރަބިއްޔާގެ ކްލަބްތަކުގެ ހުށަހެޅުންތަކެއް ލިބިފައިވީ ނަމަވެސް އޭނާގެ ޝައުގުވެރިކަން ހުރީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ދިއުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިންޓަ މިއާމީގެ ކޯޗަކަށް ހުރީ ބާސެލޯނާ އަށް ކުރިން އިރުޝާދުދިން ޓަޓާ މާޓީނޯ އެވެ.












