ހޫނުމިން މައްޗަށް ގޮސް، އިޓާލީ އިން އެ ގައުމުގެ 16 ސިޓީއަކަށް ރެޑް އެލާޓް ނެރުނުއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ދެކުނު ޔޫރަޕްގައި ރެކޯޑް މިންވަރަކަށް ހޫނު ގަދަވާނެ ކަމުގެ އިންޒާރު ދީފި އެވެ.
ސްޕެއިން، އިޓަލީ އަދި ގްރީސްގައި މިހާރު ވެސް ގިނަ ދުވަސްތަކެއް ވަންދެން ހޫނުމިން މައްޗަށް ގޮސް ދަނޑުވެރިކަމަށް ވަނީ ގެއްލުންވާ ފަށައިފަ އެވެ. އަދި ބޭރަށް ނުކުމެ ނޫޅުމާއި ގިނައިން ދިޔާ އެއްޗެހި ބޭނުންކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ.
އިޓަލީގެ ބައެއް ހިސާބުތަކުގައި 45 ޑިގްރީ ސެލްސިއަސް (113 ފަރެންހައިޓް) އަށް ވުރެ ހޫނު ވަނީ ގަދަވެ އެވެ.

"މުޅި ގައުމަށް ފެތުރިގެންދާނެ ވަރުގަދަ ހީޓް ވޭވަކަށް ތައްޔާރުވާން ޖެހޭ،" އިޓަލީގެ މޫސުމާބެހޭ އިދާރާއިން އާދީއްތަ ދުވަހު ބުންޏެވެ.
ޔޫރަޕްގައި މިހާތަނަށް ހޫނިމިން އެންމެ މައްޗަށް ދިޔައީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ސިސިލީގައި 48.8 ޑިގްރީ ސެލްސިއަސް އަށެވެ.
އެ މިންވަރަށް ވުރެ މައްޗަށް މިފަހަރު ހޫނުމިން މައްޗަށް ދާނެ ކަމަށް ލަފާކުރެ އެވެ.
.









