ލަންޑަން (ޖުލައި 15) - އިނގިރޭސި އެންމެ އަގުބޮޑު މިޑްފީލްޑަރުގެ ގޮތުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ ކެޕްޓަން، ޑެކްލަން ރައިސް، 138 މިލިއަން ޑޮލަރަށް އާސެނަލަށް ސޮއިކޮށްފި އެވެ.
މީގެ ކުރިން އިނގިރޭސި އެންމެ އަގުބޮޑު ޑީލަކަށް އޮތީ، މީގެ ދެ އަހަރު ކުރިން އެސްޓަން ވިލާ އަށް 130 މިލިއަން ޑޮލަރު ދީފައި މެންޗެސްޓާ ސިޓީން ގަތް ޖެކް ގްރީލިޝްގެ ޓްރާންސްފާ އެެވެ. އެކަމަކު، ރައިސްގެ ޓްރާންސްފާ މި ވަނީ ރެކޯޑް މުގުރާލައިފަ އެވެ.
އުމުރުން 24 އަހަރުގެ ރައިސް ގަންނަން އާސެނަލުން ކުރި ފުރަތަމަ މަސައްކަތްތައް ވީ ނާކާމިޔާބެވެ. އެންމެ ފަހުގެ ލީގު ޗެމްޕިއަން، މެންޗެސްޓާ ސިޓީން ވެސް ފުރަތަމަ ރައިސް ގަތުމުގެ ރޭހުގައި ވާދަކުރި އެވެ. އެކަމަކު، ފަހުން ވެސްޓް ހޭމް އިން ރައިސް ވިއްކާލަން ކިޔާ އަގު ބޮޑުވުމުން ފަހުން ސިޓީން އެ ޑީލާ ދުރަށް ޖެހިލީ އެވެ.

މީގެ ކުރިން، ޗެލްސީގެ ކޯޗަކަށް ފްރޭންކް ލަމްޕާޑް ހުރިއިރު، އެ ޓީމުން ވެސް ވަރަށް ބޮޑަށް ރައިސް ގެންނަން މަސައްކަތް ކުރި އެވެ. އެކަމަކު، އޭރު ވެސްޓް ހޭމް މެނޭޖްމަންޓުން ނިންމީ އެއްވެސް އަގެއްގައި އެ ވަގުތު ރައިސް ނުވިއްކުމަށެވެ.
އެކަމަކު، މިދިޔަ ސީޒަނުގައި ވެސްޓް ހޭމް އިން ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކުރި ހިސާބުން، ވެސްޓް ހޭމްގެ މެނޭޖްމަންޓުން އެއްބަސްވީ ރެކޯޑް ޑީލެއް ލިބިއްޖެނަމަ ރައިސް ދޫކޮށްލާށެވެ. އެ ފަދަ އަގެއްގައި އާސެނަލުން ރައިސްގެ ޑީލް ނިންމީ އެވެ.
އާސެނަލުން މި ވަނީ މި ފަހަރުގެ ޓްރާންސްފާގައި ތިން ކުޅުންތެރިއަކު ގަންނަން 250 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކޮށްފަ އެވެ. ޗެލްސީގެ ކައި ހަވާޓްޒް ވަނީ 75 މިލިއަން ޑޮލަރަށް އާސެނަލަށް ސޮއިކޮށްފަ އެވެ. އަދި އަޔަކްސްގެ އުންމީދީ ޑިފެންޑަރު ޖޫރިއަން ޓިމްބާ ވަނީ 38 މިލިއަން ޑޮލަރުގެ ފީ އަކަށް އާސެނަލާ ގުޅިފަ އެވެ.












