ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ގައި ވެއްޓުނީ ބަގާވާތަކުން ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) މިރޭ ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރި ހޯދުމަށް އެމްޑީޕީއިން ކުރަމުންދާ ކެމްޕޭނުގެ ތެރެއިން މިރޭ ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރީކޯ ވިދާޅުވީ، 2008 ވަނަ އަހަރު ގެނެވުނު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަގާވާތަކުން ހީވި ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ.
"2008 ވަނަ އަހަރު ގެނައި ވެރިކަން ބަގާވާތަކުން ވެއްޓުމަށް ފަހުގަ އަޅުގަނޑުމެންގެ ހުރިހާކަމެއް ފުނޑުފުނޑުވެގެން ދިޔައީ. އަޅުގަނޑުމެންނަށް އޭރު ހީވީ ބަގާވާތެކޭ. އެކަމަކު ފަހުން މަންޒަރު ބަދަލުވެއްޖެ،" ނޮވެމްބަރު، 2022، ގައި އެމްޑީޕީއާ ދެ ވަނަ ފަހަރަށް ގުޅިވަޑައިގަތް މޫ×ާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ނަޝީދުގެ ސަރުކާރު ވެއްޓުނީ ބަގާވާތަކުން ނޫންކަން ފަޅާއެރީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ކަމަށެވެ. އެއީ ބަގާވާތެއް ނަމަ މިއަދު "ހުރިހާ ބާގީން ކޮނޑަށް ލައިގެން" ނަޝީދު ނުހިންގަވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އެކަން ހިނގާދިޔަ ގޮތަކީ މިއީ. ބަގާވާތުގެ ނަން ގެނައީ. މިއަދު އަޅުގަނޑުމެންނަކަށް ނެތް އެވާހަކަ ދެއްކޭކަށް. ވަރަށް ލަދުވެސް ގަނޭ އެވާހަކަ ދައްކަން. މި ދެންނެވި ގޮތަށް ވީމަ، ފުރުޓް ސެލަޑު...،" ރީކޯ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރު އަދާކުރައްވާފައިވާ ރީކޯ މޫސަގެ ސިޔާސީ ހަޔާތް ފެއްޓެވީ ވެސް އެމްޑީޕީންނެވެ. އޭނާ އެމްޑީޕީ ދޫކޮށްލީ އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުންނަވަނިކޮށެވެ.
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ފަހު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ރީކޯ މޫސަ ކެމްޕޭން ވެސް ކޮށްދެއްވި އެވެ.
މެދުނުކެނޑި 30 އަހަރަށް ދެމިގެން ދިޔަ ރައީސް މައުމޫނުގެ ވެރިކަމަށް ފަހު 2008 ވަނަ އަހަރު އެމްޑީޕީއަށް ލިބުނު ވެރިކަން ނިމުމަކަށް އައީ ބަގާވާތަކުން ކަމަށް އެމްޑީޕީގެ އިސްވެރިން އޭރު ގަބޫލުކުރެއްވި އެވެ. އެންމެ ގަދައަށް އެ އަޑު އުފުއްލެވި އެއް ބޭފުޅަކީ މޫސަ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމެރީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގަތުމަށް ފަހު ފިކުރެއްގެ ދިރުމުގެ ނަމުގައި ނަޝީދު އިސްވެ ހުންނަވައިގެން ގޮތްޕެއް އެކުލަވާލި އެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި މައްސަލަ އިތުރަށް ހޫނުވެ ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މީހުން އެޕާޓީއިން ވަކިވެ ދަ ޑިމޮކްރޭޓްސްގެ ނަމުގައި އާ ޕާޓީއެއް ވަނީ އުފައްދާފަ އެވެ.
ނަޝީދު ވަނީ މިރޭ އެ ޕާޓީއަށް ސޮއި ކުރައްވައި، އެމްޑީޕީ ރޫޅާލެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ.













