ޓިއުރިން (ޖުލައި 11) - ކޮވިޑް-19 ދުވަސްވަރުގައި ޔުވެންޓަސްގެ ކުޅުންތެރިންގެ މުސާރައިގެ ތެރެއިން މަކަރު ހަދައި އޮޅުވާލާފައިވާތީ، އެ ކްލަބްގެ ކުރީގެ ރައީސް އަންދްރެއާ އަގްނެލީ އަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ) އިން ބޮޑު އަދަބެއް ދީފި އެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަގްނެލީ ވަނީ ކޮވިޑް-19 ދުވަސްވަރު ޔުވެންޓަސްގެ ކުޅުންތެރިންގެ މުސާރައިން އުނިކުރި ބައި އަމިއްލަ ކުންފުންޏަކަށް ޖަމާކޮށްފަ އެވެ. ކޮވިޑް-19ގެ ދުވަސްވަރުގައި ޔުވެންޓަސްގެ އެކި ކުޅުންތެރިން އަތުން މުސާރައިގެ ވަކި ޕަސެންޓެއް އުނިކުރީ ކްލަބްގެ މާލީ ހާލަތު ގޯސް ކަމަށް ބުނެ އެވެ.
އަގްނެލީގެ ބައިވެރިވުން އޮވެގެން، ޔުވެންޓަސްގެ ކުޅުންތެރިންގެ މުސާރައިގެ ކަންކަން އޮޅުވާލާފައިވާ ކަން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނަށް ސާބިތުވެފައިވާއިރު، އެ މައްސަލައިގައި އިއްޔެ ނިންމީ އަގްނެލީ 16 މަސް ދުވަހަށް ފުޓްބޯޅަ އިން ސަސްޕެންޑްކޮށް، 751،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.
މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އަގްނެލީ ވަނީ މި މައްސަލަ އެޕީލް ނުކުރާނެ ކަމަށް ނިންމައިފަ އެވެ.
އަގްނެލީ އާއި ޔުވެންޓަސްގެ ކުރީގެ ނައިބު ރައީސް ޕަވެލް ނެޑްވެޑް ވެސް ހިމެނޭ ގޮތަށް، އެ ކްލަބުގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ މަގާމުން އިސްތިއުފާދީފަ އެެވެ. ޔުވެންޓަސްގެ ބޯޑުގެ ހުރިހާ މެމްބަރުން އިސްތިއުފާ ދިނީ އެ ކްލަބުން 2019 އާއި 2021އާ ދެމެދު ހަދާފައިވާ ބައެއް ޓްރާންސްފާތަކާ ގުޅޭ މާލީ ހިސާބުތައް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވި، އިޓަލީގެ ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށެވެ. މި މައްސަލައިގައި އޮޅުވާލާފައިވާ ކަމަށް ބެލެވެނީ ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ރައިޓްސް އިން ލިބޭ އާމްދަނީ އެވެ.
މި އަހަރު ޖެނުއަރީ މަހު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން، ޔުވެންޓަސްގެ ކުރީގެ ލީޑަޝިޕަށް އެޅި ފިޔަވަޅުތަކަށް ބަލާއިރު، ޔުވެންޓަސްގެ ކުރީގެ ރައީސް އަގްނެލީ އާއި ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) މައުރީޒިއޯ އަރިވަބީނޭ ދެ އަހަރަށް ސަސްޕެންޑްކުރުމާއި ކުރީގެ ސްޕޯޓިން ޑިރެކްޓަރު، ފަބިއޯ ޕަރަޓީޗީ، 30 މަހަށް ސަސްޕެންޑްކުރުމުގެ އިތުރުން ކުރީގެ ނައިބު ރައީސް، ނެޑްވެޑް އަށް މަސް ދުވަހަށް ސަސްޕެންޑް ކުރުން ހިމެނެ އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ މި ނިންމުން ފީފާ އިން ބަލައިގަނެ، ފީފާގެ ބާރު ހިނގާ ހުރިހާ މެމްބަރު ގައުމެއްގައި މި އަދަބު ތަންފީޒުކުރަން ޖެހޭނެ ކަމަށް ވަނީ ނިންމައިފަ އެވެ. މިއާ އެކު، ޓޮޓެންހަމްގެ ސްޕޯޓިން ޑިރެކްޓަރަކަށް ހުރި ޕަރަޓީޗީ އަށް މަގާމުގައި ދެމިނުހުރެވޭނެކަން ވަނީ ކަނޑައަޅައިފަ އެވެ.












