ޖުމްލަ އަށް ޓީމު ހިމެނޭ ގޮތަށް 15 ވަނަ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތް ފަށަން ތައްޔާރުވެއްޖެ އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ރާވައިގެން ކުރިއަށްގެންދާ މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަށް ބަހާލައިގެންނެވެ. އެއް ދުވަހުން ނިންމާލާ ގޮތަށް ކުޅޭ މި މުބާރާތުގެ ކޮންމެ ގްރޫޕަކުން ދެ ޓީމެއް ސެމީ ފައިނަލަށް ހޮވޭނެ އެވެ.
އެއް ނަމްބަރު ކްރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ސެމީ ފައިނަލުން މޮޅުވާ ދެ ޓީމެއްގެ މެދުގައި ފައިނަލް މެޗު ކުޅޭނީ މާދަމާ ހަވީރު ފަހެއް ޖަހާއިރު އެވެ.
ގްރޫޕްތަކަށް ބަލާއިރު، ފުރަތަމަ ގްރޫޕްގައި ހިމެނެނީ ބަނޑޮސް މޯލްޑިވްސް، ފޯ ސީޒަން ކުޑަ ހުރާ، ވިލަމެންދޫ އައިލެންޑް އަދި މީރު އައިލެންޑް އެވެ. ދެ ވަނަ ގްރޫޕްގައި އޮތީ ވަން އެންޑް އޮޮންލީ ރީތި ރަށް، ޖުމެއިރާ މޯލްޑިވްސް، އަމިއްލަ މޯލްޑިވްސް އަދި ކުރުނބާ މޯލްޑިވްސް އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހެނދުނު އަށެއް ޖަހާއިރު، ބަނޑޮސް ބައްދަލުކުރާނީ ފޯ ސީޒަން ކުޑަހުރާއާ އެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް 14:00 އަށް ނިންމާލުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. އެ އަށް ފަހު ލަންޗް ބްރޭކެއް ނެގުމަށް ފަހު، ސެމީ ފައިނަލް އޮންނާނީ 15:00 އާއި 16:00 ގަ އެވެ. އަދި ފައިނަލް މެޗު ކުޅޭނީ 17:00 ގަ އެވެ.












