ރިޕޯޓުކެމްޕޭނަށް ކުރާ މާސިންގާ ހަރަދު: މީގެ މަދަދުގާރުން އެނގެން ޖެހޭ!

ކެމްޕޭނަށް ކުރާ މާސިންގާ ހަރަދު: މީގެ މަދަދުގާރުން އެނގެން ޖެހޭ!

ކެމްޕޭނުގެ ފައިސާ ކެންޑިޑޭޓުންނަށް ހަމަޖައްސަނީ ކޮން ބަޔެއްކަން ދިވެހީންނަށް އެނގުމަކީ ހައްގެއް. އޭގެ ތެރޭގައި ހިމެނޭ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނާއި ބޭރު ގައުމުގެ ސަރުކާރުތަކާއި ބޭރު ޖަމިއްޔާތަކާއި ބޭރު ސިޔާސީ ޕާޓީތައް ހިމެނޭ ނަމަ އެ ހުރިހާ ވެސް އެނގި، ސާފުވާންޖެހޭ.

ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭނަށް ފައިސާ ހަމަޖައްސާ ގޮތާއި އެ މަދަދަގާރުންނަކީ ކާކުކަން ސާފުނުވާ ކަން ދޭހަކޮށްދީފައި - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު
ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭނަށް ފައިސާ ހަމަޖައްސާ ގޮތާއި އެ މަދަދަގާރުންނަކީ ކާކުކަން ސާފުނުވާ ކަން ދޭހަކޮށްދީފައި - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު

ހއ. ތުރާކުނުން ފެށިގެން އައްޑު އަތޮޅާ ދެމެދު މީހުން ދިރިއުޅޭ 187 ރަށް އޮވެ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މިއިން ކޮންމެ ރަށެއްގައި އުޅޭ، ވޯޓުލެވޭ އުމުރުގެ ކޮންމެ މީހަކު ވެސް ސިޔާސީ ވެރިންނަށް އެ ދަނޑިވަޅުގައި މުހިންމު ވާނެ އެވެ. އެހެންވީތީވެ، ކެންޑިޑޭޓުން ނިކުމެ، އެއިން ކޮންމެ ރަށެއްގައި އުޅޭ ކޮންމެ މީހަކަށް ދިމާވާ އެކި ގޮންޖެހުންތައް ސާފުކުރަން ޖެހެ އެވެ.

މީހުން ދިރިއުޅޭ ސަތޭކައަށް ވުރެ ގިނަ ރަށްރަށަށް ކެންޑިޑޭޓުން ދަތުރު ކުރެ އެވެ. ރައްޔިތުންގެ ބޭނުންތައް ހޯދައިގެން މެނިފެސްޓޯ ތައްޔާރު ކުރުމުގެ ބޭނުމުގައި ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން ވެސް އެކި ފަހަރު މަތިން ރަށްރަށަށް ދަތުރު ކުރެ އެވެ. ހަރުގެ ހިންގުމަށާއި ޖަލްސާތައް ބޭއްވުމަށާއި ކެއުމާއި ސައިފޮދާިމ ބާބަކިއު އާއި ކޮފީތަކުގެ އިވެންޓުތައް މި މޫސުމުގައި ނިކަން ގިނަވާނެ އެވެ.

ކެމްޕޭން ދުވަސްތަކަށް ފަހު، ވޯޓުލާ ދުވަހު ވެސް އެތައް ހަރަދެއް ކެންޑިޑޭޓުން އެބަ ކުރެ އެވެ.

ރަށްވެހިކަން އޮންނަ ރަށް ނޫން ރަށެއްގައި ދިރިއުޅޭ ނަމަ ޖެހެނީ ރީރަޖިސްޓާވާށެވެ. ކޮންމެ މީހަކު ވެސް އެ ހައްގު ލިބިދޭތޯ ސިޔާސީ ވެރީން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެ ފަހުން ވޯޓުލާ ދުވަސް އަންނަ އިރު ލިސްޓުގައި ވޯޓުލާން އޮތް ތަން ނޫން ތަނެއްގައި ވެސް ތިބެދާނެ އެވެ. އެ ދަތުރުފަތުރު ވެސް ކެންޑިޑޭޓުން ހަމަޖައްސައިދެ އެވެ. އެ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ޝަރުތު ވެސް ކޮށްފަ އެވެ.

"އެއީ އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބު، މި ރިސޯޓުގައި ވޯޓު ފޮއްޓެއް ނުބެހެއްޓުނު، ކެންޑިޑޭޓު ބުނެގެން މާލޭގައި ވޯޓުލާ ގޮތަށް ރަޖިސްޓްރީކޮށްފިން، އަހަރެން އެކަނި ދާއިރާ މީހަކަށް މި ރިސޯޓުގައި ހުރީ ވެސް، މާލެ ގޮސް ވޯޓުލާފައި އަނބުރާ އަންނަން ލޯންޗަށް ކުއްޔަށް ހިފާފައި ފޮނުވި،" ރާއްޖޭގައި ރިސޯޓެއްގައި މަސައްކަތް ކުރާ ޒުވާނަކު އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

މި ހަރަދުތަކުގެ އަންދާޒާ ކުރެވޭ ވަރުގެ ވަކި އަދަދެއް ބުނަން ވެސް ދައްޗެވެ. ދެން އޮތީ ވޯޓު ގަތުމުގެ ހަރަދެވެ. ވޯޓުލާ އާބާދީ ދެ ލައްކައިން މަތީގައި އުޅޭއިރު، ވޯޓުލާ މީހުންގެ ސާފު އަޣުލަބިއްޔަތު ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވެ އެވެ. މިއީ ވެސް ކެމްޕޭނުގައި ކުރާނެ ބުރަ، ބޮޑު ހަރަދެކެވެ.

ރިޝްވަތާއި މަސްތުވާތަކެތި ފޯރުކޮށްދިނުމާއި އެފަދަ ނޭދެވޭ ވިޔަފާރިތަކުގައި އިސްކޮށް ތިބޭ މީހުން ބޭނުންވާ ބައެއް ކަންކަން ހަމަޖައްސައިދިނުން ފަދަ އެތައް ހުތުރު ކަމަކަށް ފައިސާ ހަރަދުކުރާކަން ރާއްޖޭގައި ހަދާފައިވާ އެތައް ދިރާސާތަކުން ވެސް ފެނެ އެވެ. ވޯޓު ގަތުމަށް ފަހު، ފައިސާ ދިން މީހާ ވޯޓު ދިނީ އެ ގޮތަށް ކަން ބުނެދޭން ވޯޓު ކަރުދާހުގެ ފަހަތުގައި އެ މީހުން އެދޭ ގޮތަކަށް ފާހަގައެއް ޖަހާފައި ހުރެ އެވެ.

"ރަށްރަށުގައި ހިނގާ ޖަމިއްޔާޖަމާއަތްތަކަށް ލެޕްޓޮޕް، އޮފީސް ސާމާނު ހަދިޔާކޮށްދީފައި އެބަ ހުރި، ކެންޑިޑޭޓުންނާއި ޕާޓީތަކުން ޑްރަގް އެޑިކްޓުންނަށް އެ ތަކެތި ދީފައި އެބަ ހުރި، ރާއްޖޭން ބޭރަށް ގޮސް ބޮޑު ހަރަދުތަކެއް ކޮށްގެން ކުރަން ޖެހޭ ބޭސްފަރުވާތަކަށް ފައިސާ ދީފައި އެބަ ހުރި،" ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިއަށް ހެދި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ދެހާސްއަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ދެ ކެންޑިޑޭޓުން ވާދަކުރިއިރު، ދެ ކެންޑިޑޭޓުންގެ މާލީ ބަޔާނުން ކެމްޕޭން ފައިނޭންސިންގެ މުޅި މަންޒަރު ސާފުނުވާ ކަން ޔަގީނެވެ.

މިހާރުގެ ރައީސް އަދި އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ މާލީ ބަޔާނުގައި އޮންނަ ގޮތުން އެމަނިކުފާނަށް ކެމްޕޭނުގައި ހަރަދުކުރައްވަން ޕާޓީގެ އިސް ބޭފުޅުންނާއި ޕާޓީން ފޯރުކޮށްދީގެން 31،620،860 ރ. ލިބިވަޑައިގަތެވެ. އެއިން 31،620،859 ރ. ހަރަދުކޮށްފައިވާ ކަމަށާއި، ހަރަދުތައް ކުރި ގޮތް ކަމަށް ބުނެ ތަފުސީލުތައް އޭގައި ހިމަނާފައި އޮތެވެ.

އޭރުގެ ރައީސް އަދި އިންތިހާބުން ނާކާމިޔާބުވެވަޑައިގަތް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ މާލީ ބަޔާނުގައިވާ ގޮތުން މުޅި ކެމްޕޭނަށް އެމަނިކުފާނު ހަރަދު ކުރެއްވީ 19،500،000 ރ. އެވެ. އެ ހަރަދުތައް ކުރެއްވި ގޮތް ކަމަށް ބުނެ ތަފުސީލުތަކެއް އޭގައި ވެސް ހިމަނާފައިވެ އެވެ. ފައިސާ މައިގަނޑު ގޮތެއްގައި ހޯދާފައިވަނީ ޔާމީންގެ އަމިއްލަ ފައިސާއިންނާއި ވަކިވަކި ފަރުދުން ހަމަޖައްސައިދިން ފައިސާ އާއި ޕީޕީއެމުން ހަމަޖައްސައިދިން ފައިސާއިން ކަމަށް ބުނެ އަދަދުތަކެއް ވެސް ހިމަނާފައިވެ އެވެ.

ކެންޑިޑޭޓުންގެ މާލީ ބަޔާނުގައި އޮންނަ ގޮތަށް، ކެންޑިޑޭޓުންނަށް ފައިސާ ދިން މީހުން ފައިސާ ހޯދި ގޮތެއް ވެސް ނޭނގެ އެވެ. މާލީ ބަޔާނުގެ އަދަދުތަކާއި އޭގައިވާ ތަފުސީލަށް އެތައް ސުވާލެއް އެބަ އުފެދެ އެވެ.

ސޯލިހުގެ ކެމްޕޭނަށް، އޭރުގެ އެންމެ ގާތް އެކުވެރިޔާ އަދި މިހާރު ސިޔާސީ ގޮތުން އެންމެ ބޮޑު ހަތުރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިލިއަނުން ފައިސާ ދީފައިވާ ކަމަށް މާލީ ބަޔާނުގައި އެވެ. ނަމަވެސް އެއީ ނަޝީދަށް ބަޔަކު ދިން ފައިސާއެއް ކަމެއް ނޭނގެ އެވެ. ނޫނީ ވިޔަފާރިކޮށްގެން ހޯދި ފައިސާއެއް ކަމެއް ނޭނގެ އެވެ. ނޫނީ ދައުލަތުން ކޮންމެ މަހަކު ދޭ މަހު މުސާރައިން ރައްކާކޮށްގެން ހަމަކުރި ފައިސާއެއް ކަމެއް ވެސް ނޭނގެ އެވެ.

މާލީ ބަޔާނަކުން ނުފެންނަ އެތައް ވާހަކައަކާއި އަމަލެއް

ކުރީގެ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓްތަކަށް ބޮޑެތި އަދަދުތަކުން ޖަމާކޮށްފައިވާ އެކި ފައިސާއާ ގުޅިގެން ހިޔާނާތާއި ރިޝްވަތާއި މަނީ ލޯންޑަގެ ދައުވާތައް، އެމަނިކުފާޏުގެ މައްޗަށް އުފުލާފައިވާއިރު އޭގެ ދިފާއަކަށް ނަންގަވާ ނުކުތާއަކީ ވެސް އެއީ "ސިޔާސީ ފައިސާ" ކަމަށެވެ. ސިޔާސީ ހަރަކާތްތައް ހިންގުމަށް، އެމަނިކުފާނަށް ވަފާތެރި އަދި ތާއީދުކުރަން އެދޭ ފައިސާވެރިން ދީފައިވާ ފައިސާ ކަމަށެވެ.

ޔާމީންގެ މާލީ ބަޔާނަށް ބަލާއިރުގައި ވަކިވަކި ފަރުދުންގެ އަތުން "ނަގުދު" ފައިސާގެ ގޮތުގައި 13 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އެއީ ތިން މީހަކު ދިން ފައިސާ އެވެ. އެއީ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންނެވެ.

ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރި ހަރަދުތަކުގެ މާލީ ބަޔާން ފެންނަން ނެތެވެ. ނަމަވެސް، އެކި ވިޔަފާރިވެރިންގެ އަތުން ފައިސާ ނެންގެވި ކަމަށް އެމްއެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ޝަރީއަތަށް ހެކިބަސް ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު ދެންނެވިން އެ ދުވަހު ޔާމީން ކައިރީ، އަޅުގަނޑަށް މިހާރު ސާފު، މިއީ ރިޔާސީ އިންތިހާބުގެ ދަރަނި ދައްކަން ކުރާ ކަމެއް ކަން، އެ ދުވަހު ފިޔަވަޅު އެޅި ނަމަ 70 މިލިއަން ޑޮލަރުގެ ބޮޑު ހިޔާނާތް ހުއްޓުވިގެން ދިޔައިސް،" ޔާމީންގެ ވެރިކަމުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވަންދެން، އެމަނިކުފާނުގެ އެންމެ އަރިހުގައި ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވާފައިވާ ނާޒިމް ޝަރީއަތުގައި ވިދާޅުވެފައިވެ އެވެ.

ނާޒިމް އެ ދުވަހު ކިޔައިދެއްވި ގޮތުން އެކި ވިޔަފާރިވެރިންގެ އަތުން ކެމްޕޭނަށް ފައިސާ ހޯއްދަވާފައި ގެނެސް ދެއްވަނީ އޭރު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބެވެ. އަދީބަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި ސްކޭމްގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާ އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް، ރިސޯޓު އޯނަރުންނާއި ބައެއް ވިޔަފާރިވެރިންނާއި އޭގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވެސް ކެންޑިޑޭޓުންނަށް ތާއީދުކުރައްވަ އެވެ. އިންތިހާބުގެ ކުރިން އެ ވިޔަފާރިވެރިންގެ ރިސޯޓުތަކަށް ޒިޔާރަތްކޮށް، އެ ތަނުގައި ބައްދަލުކުރައްވަ އެވެ. އެކުގައި ފޮޓޯ ނެންގެވުމަށް ފަހު ސޯޝަލް މީޑިއާއަށް ވެސް ދޫކުރައްވަ އެވެ.

ނަމަވެސް މި ފަހުން ފެނުނު 2018 ގެ މާލީ ބަޔާނުގައި މިއިން އެއްވެސް ފަރާތެއްގެ ނަން އައިސްފައެއް ނުވެ އެވެ. އެހެންވިޔަސް ސަރުކާރުގެ ތެރެއިން މިއިން ބައެއް ވިޔަފާރިވެރިންނަށް މަންފާވާ ގޮތަށް ފަޅުތަކާއި ރަށްތައް ދޫކުރާ ކަމުގެ ތުހުމަތުތައް އަބަދުވެސް ކުރެވެ އެވެ.

ދެން އޮތީ ބޭރު ގައުމުތަކުން ފައިސާ ދީގެން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ދެކެވޭ ވާހަކަ އެވެ. މި ވާހަކައަށް ބާރުދެވޭ ސަބަބަކީ، ބޭރުގެ ބައެއް ގައުމުތަކަށް މާ ބޮޑަށް ބައެއް ސިޔާސީ ވެރިން ގާތް ކަމެއް ބޭއްވުމެވެ.

ޔާމީންގެ ވެރިކަމުގައި ގާތް ގުޅުމެއް ބާއްވާފައި ވަނީ ޗައިނާއާ އެވެ. އެ ވެރިކަމުގައި، މާލެ ސަރަހައްދުގައި ހިންގާފައިވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ފަންޑު ހަމަޖައްސައިދިނީ ޗައިނާއިންނެވެ. އެ މަޝްރޫއުތައް ހިންގަން ދީފައިވަނީ ޗައިނާ ކުންފުނިތަކަށެވެ.

މިއަދު އިދިކޮޅުގައި މަސައްކަތް ކުރަމުން އަންނަ އިރު ވެސް ޗައިނާއާ ވާދަވެރި، އަދި ޒަމާނުއްސުރެން ރާއްޖޭން ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާއާ ދެކޮޅު ޝިއާރުތަކަށް ސިޔާސީ ހަރަކާތްތައް އެބަ ހިންގަ އެވެ.

އިންޑިއާއަކީ ރައީސް ސޯލިހުގެ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމަށްވާއިރު މި ސަރުކާރުގައި ގިނަ ކަންކަން ފަހިކޮށްފައި ވަނީ އިންޑިއާއިން ބޭނުންވާ ގޮތަށެވެ. ޗައިނާއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ލީޑަރަކީ ވެސް ކުރިން މި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ލީޑަރަކަށް ހުންނެވި ރައީސް މުހައްމަދު ނަޝީދެވެ. މިހާރު އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަން ނަޝީދު ބޭނުންވި ނަމަވެސް އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓާލަން ނަޝީދު އުފައްދާ އާ ޕާޓީން އެދެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ދިރާސާގައި ބުނާ ގޮތުން، ކާކުކަން ނޭނގޭ ގޮތަށް ސިޔާސީ ޕާޓީތަކަށް ފަންޑު ދޭން ގާނޫނުތަކުންނާއި ނިޒާމުން ޖާގަ ލިބިދެ އެވެ. އެ ޖާގަ ހޯދައިގެން ބޭރުގެ ގިނަ ފަރާތްތަކުން، ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ ކަމަށް އޭގައި ވެސް ބުނެފައިވެ އެވެ.

ފޮރިން ސާވިސަސްގައި ދިގު މުއްދަތަކު ހިދުމަތް ކުރެއްވި ބޭފުޅަކު ވެސް، މައުލޫއުގެ ގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައިދެއްވި ގޮތުގައި، ބޭރުގެ ސަރުކާރުތަކުން ވެސް ސިޔާސީ ޕާޓީތަކަށް ފަންޑު ދޫކުރެ އެވެ. އަދި އޭގެ ބަދަލުގައި އެ ވެރިކަމެއްގައި ގައުމަކަށް ފައިދާވާނެ ގޮތަށް ޚާރިޖީ ސިޔާސަތުތަކާއި، ފޮރިން އިންވެސްޓްމަންޓްގެ ކަންކަން ހަމަޖައްސައިދޭން ޝަރުތުކޮށްފައި ވެސް ހުރެ އެވެ.

"ސިޔާސީ މަސްރަހުން އެ ފެންނަނީ އެ މަންޒަރުތައް، އިންޑިއާ، އަދި ޗައިނާގެ ދިފާއުގައި ވެސް މާ ބޮޑަކަށް އެ އުޅޭ ބަޔަކު، އެ އުޅެނީ އެހެންވެގެން، ދެން ވަކި ކޮން ސަބަބެއް އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

ފުރިހަމަ މާލީ ބަޔާނެއް ނެތް، އެޅުނު ފިޔަވަޅެއް ނެތް

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ މާލީ ބަޔާނަށް ބަލައިލުމުން ވެސް ދެ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް މިހާރު އޮތް ގާނޫނަށް ނުފެތޭ ކަން ސާފެވެ.

ދެ ކެންޑިޑޭޓުންގެ ތެރެއިން ސޯލިހުގެ މާލީ ބަޔާނުގައި ގާނޫނުގައި ބަޔާންކުރާ ތަކެތީގެ ތެރެއިން ފުރިހަމަ ވަނީ ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި ފައިސާ ދިން މިންވަރުގެ ތަފުސީލު އެކަންޏެވެ. ޔާމީންގެ މާލީ ބަޔާނުގައި އެ ތަފުސީލުތަކުގެ އިތުރަށް ޔާމީނަށް ފައިސާ ޖަމާކޮށްދިން މީހުން، ކެންޑިޑޭޓުގެ ކެމްޕޭން އެކައުންޓަށް ފައިސާ ފޮނުވި ބޭންކު ސްޓޭޓްމަންޓްތައް ހިމަނާފައިވެ އެވެ.

އާންމު އިންތިހާބުތަކުގެ ގާނޫނުގައި ބުނާ ގޮތުން، ކެންޑިޑޭޓު ކެމްޕޭނަށް ހުޅުވާ ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު ސްޓޭޓްމަންޓް އޭގައި ހިމަނަން ޖެހެ އެވެ. އޭގެ އިތުރަށް އެއީ ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، އަދި ބިލުތަކުގެ ކޮޕީ ވެސް ހިމަނަން ޖެހެ އެވެ.

ޔާމީނާއި ސޯލިހުގެ މާލީ ބަޔާން ފުރިހަމަ ނުވާ ކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ގަބޫލުކުރައްވަ އެވެ. އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބާއި މަޖިލީހުގެ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންސްގައި ވެސް އެ މައްސަލަ ފާހަގަވެފައި އެބަ އޮތެވެ.

"ކޮންމެ ފަހަރަކު ވެސް، އެ ގޮތަށް ދިމާވުމުން، 2009 އަދި 2014 މަޖިލިސް އިންތިހާބުގައި ވެސް، މި ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ގާނޫނު ބުނާ ގޮތަކަށް ނޫން މި މާލީ ރިޕޯޓުތައް ހުށަހަޅާފައި ހުރީއެއް،" ފުއާދު ވިދާޅުވި އެވެ.

މީގެ ކުރިން އީސީގެ މެމްބަރު ކަމުގައި ހުންނެވިއިރު ކުރެވުނު ތަޖުރިބާތަކާއި މި ފަހުން ކުރެވުނު ތަޖުރިބާތައް ވެސް ހިއްސާކުރައްވަމުން ފުއާދު ވިދާޅުވި ގޮތުގައި އެއިން ބައެއް މައްސަލަތަކުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވާފައިވެ އެވެ. ނަމަވެސް ދައުވާ ކުރެވޭނެ ތަނެއް ނޫނީ އެ ވަރުގެ ހެކިތަކެއް ނެތް ކަމަށް ފާހަގަކޮށް، ކޮންމެ ފަހަރަކު ވެސް ދައުވާނުކޮށް މައްސަލަ ފޮނުވާލަނީ އެވެ.

ބޭނުން ވަނީ ކެމްޕޭން ހަރަދުތައް އޮޑިޓްކުރެވޭނެ ނިޒާމެއް

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދޫކުރާ ހުއްދައެއްގެ ދަށުން ބޭރު ގައުމުތަކުގެ ސަރުކާރުންނާއި ބޭރުގެ ޖަމިއްޔާޖަމާއަތްތަކުންނާއި ބޭރުގެ ކުންފުނިތަކުން އަދި ނަން ހާމަނުކުރާ ގޮތަށް ސިޔާސީ ޕާޓީތަކަށް ފައިސާ ހޯދޭނެ އެވެ.

އެކަމަކު ގާނޫނުގައި އެއްވެސް ތަފުސީލެއް ނެތުމުން އެ ފައިސާ ވަރަށް ފަސޭހައިން ހޯދޭނެ މަގު ލިބިދޭ ކަމަށް ޓްރާންސްޕޭރެންސީގެ ދިރާސާގައި ވެސް ބުނެ އެވެ.

ނިޒާމުގައި ހުރި ބާގަނޑުތައް ނައްތާލުމުގެ ބޭނުމުގައި ސިޔާސީ ޕާޓީތަކުގެ އަހަރީ ރިޕޯޓާއި އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ރިޕޯޓު އޮޑިޓް ކުރުމުގެ އުސޫލުތަކެއް ހަމަޖެއްސުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އިސް ނަގައިގެން އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެމްއެމްއޭއާ ގުޅިގެން އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

"މާލީ ބަޔާން ހުށަހަޅަން މި އޮންނަނީ އިންތިހާބު ބާއްވާތާ 21 ދުވަސް ތެރޭގައި، އަޅުގަނޑުމެން ހަތަރު މުއައްސަސާއިން ގުޅިގެން މި މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގެ ކުރިއަށް އުސޫލު އެކުލަވާލާ ނިންމައި އާންމުކޮށް އެއާ އެއް ގޮތަށް އަމަލުކުރަން ފެށުމަށް،" އޮޑިޓަ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ނަސީމް ވިދާޅުވި އެވެ.

ނަމަވެސް އޮޑިޓް އޮފީހުގެ އުސޫލަކުން ނުފުދެ އެވެ. ސިޔާސީ ޕާޓީތަކާއި އިންތިހާބުތަކުގެ ކެންޑިޑޭޓުން ކުރާ ހަރަދުތަކާއި ކެމްޕޭން ފައިނޭންސް ކުރާ ގޮތުގެ އުސޫލުތައް ހިމެނޭ ވަކި ހާއްސަ ގާނޫނީ އޮނިގަނޑެއް އޮންނަން އެބަ ޖެހެ އެވެ. އަދި އޭގައި ކެމްޕޭން ހަރަދުތައް އޮޑިޓް ކުރެވޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ގަބޫލުކުރައްވާ ގޮތުގައި މި ކަންކަން އެންމެ އެކަށޭނަ ގޮތަކަށް ހަމަޖެހޭނީ ކެމްޕޭން ފައިނޭންސިން ގާނޫނެއް ގެނެސްގެންނެވެ. ނަމަވެސް އެ މަސައްކަތް އަދި ފެންނަނީ މާ ފަހަތުގައި އޮތް ތަނެވެ.

"މިފަދަ ފައިނޭންސަސް ޓްރޭސް ކުރުން ވާނީ ހަމަ ވަރަށް އުނދަގޫ ކަމަކަށް، މިހާރު ވެސް މިދިމާވާ ކަމަކީ ފައިސާގެ ރަސީދު ހުށަހަޅަން އޮތަކަސް އެ ނުލައި ހަރަދުތަކެއް ކުރަނީ، ބޭންކު މެދުވެރި ނުކޮށް ނަގުދު ފައިސާ ނޫޓުން ބައެއް ހަރަދުތައް ކޮށްފައި މާލީ ބަޔާނުގައި ނުހިމަނަނީ،" ފުއާދު ވިދާޅުވި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ރެކޮމެންޑްކޮށްފައިވާ އެއް ކަމަކީ ކެމްޕޭން ފައިނޭންސިންގެ ހާއްސަ ގާނޫނެއް ގެނައުމެވެ. އެ ޖަމިއްޔާއިން ދެކޭ ގޮތުގައި ވެސް ދިމާވެގެން އުޅޭ މައްސަލައަކީ ކެމްޕޭން ހަރަދުތައް އޮޑިޓް ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތުމެވެ.

"ރެކޮމެންޑޭޝަންގައި ވާނީ ވެސް، ޓޫ ސްޓެޕް ވެރިފިކޭޝަން ސިސްޓަމެއް ގެންނަން، މިނިވަން އޮޑިޓަރަކު އޮޑިޓް ކުރަން، އަދި ދައުލަތުގެ މުއައްސަސާގެ ތެރެއިން މިނިވަން މުއައްސަސާއެއް އެ ކަމަށް ކަނޑައަޅާފައި އަނެއްކާ ބަލަން،" ޓްރާންސްޕޭރެންސީގެ ކޮމިއުނިކޭޝަން މެނޭޖަރު ސަރާ ނަސީމް ވިދާޅުވި އެވެ.

ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރެއިން ސަރާ އަދި ފުއާދު ވެސް އިޝާރާތް ކުރެއްވި އަނެއް ކަމަކީ ޝަކުވާ ހުށަހެޅުމުގެ ނިޒާމެވެ. ޝަކުވާ ހުށަހަޅަން މިހާރު އޮތް މުއްދަތު އިތުރުކުރަން ޖެހެ އެވެ.

"ފަސޭހައިން ރިޕޯޓް ކުރެވޭނެ ގޮތް ވެސް އޮންނަން ޖެހޭ، ދެން ނަގުދު ފައިސާއިން ހިންގާ މުއާމަލާތްތަކާ ގުޅޭ ގޮތުން ރިޕޯޓް ކުރެވެން ވެސް ނެތީ ފަސޭހައަކުން،" ފުއާދު ވިދާޅުވި އެވެ.

އިންތިހާބުގެ ކެމްޕޭނަށް ބޭނުންވާ ފައިސާ ރިޔާސީ ކެންޑިޑޭޓުންނަށް ހަމަޖައްސައިދެނީ ކޮން ބަޔެއްކަން ދިވެހީންނަށް އެނގުމަކީ ހައްގެކެވެ. އޭގެ ތެރޭގައި ހިމެނޭ ދިވެހި ވިޔަފާރިވެރިންނާއި ބޭރުގެ ވިޔަފާރިވެރިންނާއި، ބޭރު ގައުމުގެ ސަރުކާރުތަކާއި ބޭރު ޖަމިއްޔާޖަމާއަތްތަކާއި ބޭރު ސިޔާސީ ޕާޓީތައް ހިމެނޭ ނަމަ އެ ހުރިހާ ކަމެއް ވެސް އެނގި ސާފުވާން ޖެހެ އެވެ.

ކެމްޕޭނަށް އެއިން ބަޔަކު ފަންޑު ދޫކުރަން އެ ފަރާތާއެކު، ސިޔާސީ ވެރީން އެއްބަސްވި ޝަރުތުތައް ވެސް އެނގެން ޖެހެ އެވެ. ކެމްޕޭންގެ ހަރަދުތައް ހަމަޖައްސައިދޭ ހެޔޮ އެދޭ ފަރާތްތަކާއި މަދަދުގާރުންގެ އެ ޝަރުތުތަކަކީ ދަރަންޏެވެ. އޭގައި މި ދައުލަތުގެ ވަސީލަތްތަކުން ބައެއް ދިނުން ވެސް އޮވެދާނެ އެވެ. ކެމްޕޭން ހަރަދުތަކުގެ ބުރަ، ކޮންމެ ރައްޔިތަކަށް ވެސް އެނގެން މުހިންމު ވަނީ މި ސަބަބަށްޓަކަ އެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox