ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ރަޝިއާއިން މެދުނުކެނޑި މަސައްކަތް ކުރާނެ ކަމަށް އެ ގައުމުގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވެއްޖެ އެވެ.
ޝަންހާއީ ކޯޕޮރޭޝަން އޯގަނައިޒޭޝަަން (އެސްސީއޯ) ސަމިޓުގައި ވާޗުއަލްކޮށް ތަގުރީރު ކުރައްވަމުން ޕުޓިން ވިދާޅުވީ އެ ގްރޫޕްގެ ގައުމުތަކުން އެ ގައުމެއްގެ ފައިސާއިން މުއާމަލާތް ކުރަމުން ދިޔުން މުހިއްމު ކަމަށެވެ.
ޕުޓިން ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ރަޝިއާއިން މެދުނުކެނޑި މަސައްކަތް ކުރަމުންދާ އިރު، އެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާ ވަރުގަދަވަމުންދާ ކަމަށެވެ.
ޗައިނާއި އާއި ރަޝިއާއާ ދެމެދު ކުރާ ވިޔަފާރީގެ 80 ޕަސެންޓަށް ވުރެ ބޮޑު ބައި ހިންގަނީ ރޫބަލްސް އަދި ޔުއާންއިން ކަމަށް ޕުޓިން ފާހަގަކުރެއްވި އެވެ.
އެސްސީއޯގެ އެހެން ގައުމުތަކަށް ޕުޓިން ގޮވާލެއްވީ އެ ނަމޫނާ ބަލައިގެން ކުރިއަށް ގޮސް، އެ ގައުމެއްގެ އިގްތިސާދު ވަރުގަދަ ކުރުމަށެވެ.
މި އަހަރުގެ ސަމިޓު އިންތިޒާމް ކުރާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ފާހަގަކުރެއްވީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ގުޅުން ފުޅާކުރުމުގެ މުހިއްމު ކަމެވެ.
ހުޅަނގާ ވެސް ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާ މޯދީ ދެއްވި ތަގުރީރުގައި ޔޫކްރެއިން ހަނގުރާމަ އާއި ޗައިނާއާ ގުޅޭ ވާހަކައެއް ނުދައްކަަވަ އެވެ.
ޗައިނާ އާއި ރަޝިއާ އަދި މެދުތެރޭ އޭޝިއާގެ ހަތަރު ގައުމަކުން އެސްސީއޯ އުފެއްދީ 2001 ވަނަ އަހަރު އެވެ. އިންޑިއާ އާއި ޕާކިސްތާނުން މެމްބަރުކަން ހޯދީ 2017 ގަ އެވެ.










