ކްރައިމިއާގެ ވެރިޔާ ސާގެއި އަކްސިޔޮނޯވްއަށް އަމާޒުކުރި ހަމަލާއެއް ހުއްޓުވައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރަޝިއާއިން ބުނެފި އެވެ.
ރަޝިއާގެ ދަށަށް ކްރައިމިއާ ގެންދިޔައީ 2014 ގަ އެވެ. އަކްސިޔޮނޯވްއަކީ ރަޝިއާ ސަރުކާރުން އެ ތަނަަށް ހަމަޖެއްސި ވެރިޔެކެވެ.
ރަޝިއާގެ އެފްއެސްބީ ސެކިއުރިޓީ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ "ރިޕަބްލިކް އޮފް ކްރައިމިއާގެ ވެރިޔާ ސާގެއި އަކްސިޔޮނޯވް އަވަހާރަކޮށްލަަން ދޭން އުޅުނު ހަމަލާއެއް" ހުއްޓުވި ކަމަށެވެ.

އެއީ ޔޫކްރެއިންގެ ހާއްސަ ޖާސޫސީ އިދާރާތަކުން ރޭވި ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ތުހުމަަތުކޮށްފައިވެ އެވެ.
ހައްޔަރު ކުރީ ރަޝިއާގެ ރައްޔިތެއް ކަމަށާއި އޭނާއަކީ ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސް (އެސްބީޔޫ) އަށް މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށް ވެސް ބުންޏެވެ.
ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ ގޮވާ ތަކެތި ފޮރުވާފައި ހުރި ތަނަކުން އެ ތަކެތި ނަގަމުން ދަނިކޮށް ކަމަށް އެފްއެސްބީއިން ފާހަގަކުރި އެވެ.










