'ދި ޑިމޮކްރެޓްސް' އުފެއްދުމަށް އަންނަ ބުދަ ދުވަހު ބާއްވާ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދިނީ މިއަދެވެ. އެއާއެކު އެ ޕާޓީން ވަނީ, އަންނަ ބުދަ ދުވަހުގެ ރޭ 8:30ގައި ޣިޔާސުއްދީން ސްކޫލުގައި ޖަލްސާ ބޭއްވުމަށް ނިންމާ އެކަން އިއުލާން ކޮށްފަ އެވެ. އެ ޖަލްސާއަށް ވަޑައިގަންނަވާނެކަން ނަޝީދު ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ނަޝީދުގެ އަރިސް ބޭފުޅުން ފެށްޓެވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެމަނިކުފާނަށް ނާކާމިޔާބު ވުމުން، ފިކުރެއްގެ ދިރުމުގެ ނަމުގައި ފެށްޓެވި ހަރަކާތެއްގެ ތެރެއިންނެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން، މި ޕާޓީ އުފެއްދުމަށް ސޮއިކުރި 3560 މެންބަރުންނަށް، އަދި އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑުމެންނަށް ދެންނެވިން، ޕާޓީއަށް ސޮއިކުރަން ބޭނުންވާ އިތުރު މެންބަރުންނަށް އެ ޖަލްސާގައި ސޮއިކުރުމުގެ ފުރުސަތު ވެސް އޮންނާނެ،" ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާއާ ބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެހަސަން ލަތީފު ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓެއް އަދި ނުނިންމަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން، ޕާޓީ އުފައްދަން ބާއްވާ ޖަލްސާގައި ޕާޓީގެ ނިޝާން، ކުލަ، ލޯގޯ، އަސާސީ ގަވާއިދު ފާސްކުރުމުގެ އިތުރަށް ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވެންދެކަށް ޕާޓީ ހިންގާނެ ވަގުތީ ލީޑާޝިޕެއް ވެސް އިންތިހާބުކުރަން ޖެހެ އެވެ.












