ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެދުުނު ގޮތަށް، ދައުރުން ބޭރު ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ.
މާދަމާ ހެނދުނު ބާއްވާ އެެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތް ހަމަ އެކަނި ކަމަކީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތް ނިންމުމުގެ މައްސަލަ އެވެ.
މިއަހަރުގެ ދެވަަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ ކޮމިޓީތަކުގެ އެކުލެވުމާ މެދު ގޮތެއް ނުނިމި އޮތުމުން، އެކަމާ ގުޅުވައި އެހެން ބައެއް މައްސަލަތައް ކުރިއަށް ނުގެންގޮސް އޮއްވަ އެވެ. ކޮމިޓީތަކުގެ މައްސަލައާ ގުޅުވައި ކުރިއަށް ނުގެންގޮސް އޮތް އެއް މައްސަލައަކީ މަޖިލީހުގެ ނައިބުރައީސްކަމުން އީވާއަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައި އޮތް މައްސަލަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ވެސް އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ.
ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އެދި 29 މެމްބަަރެއްގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން، މަޖިލީހުގެ ތިންބައިކުޅަ އެެއްބައި މެމްބަރުން އެދިވަޑައިގެންފި ނަމަ 14 ދުވަހެ ތެރޭގައި އެ ޖަލްސާ ބާއްވަން ޖެހެ އެވެ. އެމްޑީޕީން އެފަދަ ޖަލްސާއަކަށް އެދުނުތާ މިވީ 10 ދުވަހެވެ.














