ޕެނަލްޓީގައި ލެބަނަން ބަލިކޮށް އިންޑިއާ އަނެއްކާ ވެސް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

ޕެނަލްޓީ ޖަަހައިގެން މޮޅުވުމުން އިންޑިއާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕެނަލްޓީ ޖަަހައިގެން މޮޅުވުމުން އިންޑިއާ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗުގެ ފުރިހަމަ ވަގުތު ކުޅުން ހަމަވެ، އިތުރު ވަގުތުގައި ވެސް ގޯލެއް ނުޖެހުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ލެބަނަން 4-2 އިން ބަލިކޮށް އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ހޯދައިފި އެވެ.

އިންޑިއާ އިން މި ވަނީ 2005 ވަނަ އަހަރުން ފެށިގެން ސާފް ޗެމްޕިއަންޝިޕްގެ ނުވަ މުބާރާތުގެ ވެސް ފައިނަލަށް ދަތުރުކޮށްފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތް މިހާރު ކުރިއަށްދާއިރު، އެންމެ ފަހަރަކު ނޫނީ ހުރިހާ ފަހަރެއްގައި އިންޑިއާ ވާދަކޮށްފައިވެ އެވެ. އިންޑިއާ ފައިނަލުގައި ނުކުޅެނީ 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގަ އެވެ.

މި މެޗަށް އިންޑިއާއިން ނިކުންނަން ޖެހުނީ އެ ޓީމްގެ މުހިންމު ޑިފެންޑަރު ސަންދޭޝް ޖިންގަންއާ ނުލަ އެވެ. އޭނާ އަށް ދެ ކާޑު ހަމަވެގެން މި މެޗަށްވަނީ ސަސްޕެންޑްވެފަ އެވެ. މީގެ އިތުރުން މިމެޗުގައި ގޯލްކީޕަރު ގުރްޕުރީތު ސިންގް ސަންދޫ އާއި ސުބަސިޝް ބޯސް އަދި ސަހަލް އަބްދުލް ސަމަދަށް ވަނީ ފުރަތަމަ އެގާރައިން ޖާގަ ދީފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަތް ކާޑު ދެއްކި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކްވެސް މެޗަށް ހުރީ ސަސްޕެންޑުކޮށްފަ އެވެ. އޭނާ އަށް ފައިނަލް މެޗުގައި ވެސް ބެންޗުގައި ނީނދެވޭނެ އެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި 20،000 އެއްހާ މީހުން ކުރިމަތީގައި މެޗު ފެށި ގޮތަށް ފުރަތަމަ މިނެޓުގައި ލީޑު ނަގަން ލެބަނަން އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އަރިމަތިން ޒެއިން ފަރާން ނަގައިދިން ހުރަސް ލިބުނީ ކުޑައޭރިއާ ކަނުގައި ހުސްކޮށް ހުރި ނަދާރު މަތާރަށެވެ. އެއް ފަހަރުން އޭނާ ފޮނުވާލި ހަމާލާ ދިޔައީ ގޯލާ އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އޭގެ ފަހުން، ޒެއިން ފެރާން އަށް ލިބުނު ހުސް ފުރުސަތުގެ ވެސް ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ކެޕްޓަން ހަސަން މާތޫކު ދިން ޕާހަކުން ޒެއިން އަށް ލިބުނު ބޯޅަ އޭނާ ކޮންޓްރޯލް ކޮށްލުމަށް ފަހު ފޮނުވާލުމުން އިންޑިއާގެ ކީޕަރު ގުރްޕްރީތު ސިންގް ސަންދޫ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓަށް ފަހު އިންޑިއާ އިން ގޭމްގެ ތެރެއަށް ވަދެ ރަނގަޅު ހަމާލަތައް އުފައްދަން މަސައްކަތްކުރި އެވެ. އެ ގޮތުން މެޗުގެ ސޯޅަ ވަނަ މިނެޓުގައި ސުނިލް ޗެތުރީ ދިން ޕާހަކުން ޖެކްސަން ސިންގް އަށް ލިބުނު ބޯޅަ ބޭނުން ނުކުރެވުނީ އޭނާ އެ ބޯޅަ އޮފްސައިޑް މަގާމެއްގައި ހުރި ސަހަލް އަބްދުލް ސަމަދް އަށް ދިނުމުންނެވެ. ހުސްކޮށްހުރި ޖެކްސަން އަށް އެ ބޯޅަ ގޯލަށް ފޮނުވާލު މަށް ވެސް ރަނގަޅު ފުރުސަތެއް އޮތެވެ.

އޭގެ ހަތަރު މިނެޓު ފަހުން އަނިރުދް ތާޕާ ނަގައިދިން ހުރަހަކުން ޕްރިތަމް ކޮޓާލް ކުރިއަށް އަރައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިިރިން ބޭރަށެވެ. އޭގެ ފަހުން ލިބުނު ހިލޭ ޖެހުމަކުން ތަޕާ ނަގައިދިން ހުރަހަކުން ޗެތުރީ ބޮލުން ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އިންޑިއާގެ ދެ ހަމަލާއަކަށް ފަހު ލިބުނު ދެ ހިލޭ ޖެހުމަކުން ލެބަނަން އިން ނުރައްކާކުރި އެވެ. އެ ގޮތުން މާތޫކު ނަގައިދިން ދެ ހުރަސްވެސް ކީޕަރު ގުރްޕުރީތު ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގައި އިންޑިއާ އާއި ލެބަނަން އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އިންޑިއާ އަށް ލިބުނު ހިލޭ ޖެހުމަކުން ލަލިއަންޒުއާލާ ޗަންގްޓޭ ނަގައިދިން ހުރަހަކުން ޗެތުރީ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުގެ ކުރިން ލެބަނާންގެ ވާލިދު ސޫރު ވަނީ ދިފާއުކޮށްފަ އެވެ.

އޭގެ ފަހުން، ލިބުނު ހިލޭ ޖެހުމަކުން މާތޫކު ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ދަނިކޮށް ކީޕަރު ގުރްޕުރީތު ވަނީ އެ ބޯޅަ ކޯނަރަކަށް ބާރުކޮށްލާފަ އެވެ.

ދެ ވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓަށް ބަލާއިރު ދެ ޓީމުގެ ފައުލްތައް ފެނުނީ ގިނަކޮށެވެ. ވަކިން ހާއްސަކޮށް އިންޑިއާ އިން ކުރިއަށް ޖެހިލައިގެން ކުޅެން މަސައްކަތް ކުރުމާ އެކު އެ ޓީމުގެ އެޓޭކްތައް ހުއްޓުވަން ލެބަނަން އިން ގިނަ ފައުތަލްތަކެއް ކުރަން ޖެހުނެވެ.

މި ހާފުގެ ފުރަތަމަ ހަމާލާ ފޮނުވާލީ ލެބަނަން އިންނެވެ. މެދުތެރެއިން ކުރިއަށްދިން ޕާހަކުން މަހްދްރީ ޒެއިން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔައިރު، އަރިމަތިން ލިބުނު ބޯޅަައިން ޒެއިން ނަގައިދިން ހުރަހުން ކަރީމް ޑާވިޗް ބޮލުން ފޮނުވާލި ބޯލަ ގޯލުގެ ކަނަށް ދަނިކޮށް ދިފާއުކުރީ ގުރްޕުރީތު އެވެ.

އިންޑިއާ އިން މިހާފުގައި ގިނަ ހުރަސްތަކެއް އޭރިއާ ތެރެއަށް ނަގައިގެން ލެބަނަންގެ ގޯލަށް ނުރައްކާކުރަން މަސައްކަތް ކުރަމުންދިޔަ އެވެ. ނަމަވެސް މާ ހުސް ފުރުސަތެއް އެ ޓީމަށް ތަނަވަސްކުރެވޭ ގޮތެއް ނުވި އެވެ.

ކައުންޓާ އެޓޭކެއްގައި ހަސަން މާތޫކަށް މެޗުގެ 83 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. މަތާރު ދިން ޕާހަކުން ލެބަނަންގެ ކެޕްޓަން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އިންޑިއާ އިން މި ހާފުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ މެޗުގެ 87 ވަނަ މިނެޓުގައި އަންވަރު އަލީ ބޮލުން ފޮނުވާލި ބޯޅަ އެވެ. އާޝިކް ކުރުނިޔަން ނަގައިދިން ކޯނަރުން އަންވަރު ފޮނުވާލި ބޯޅަ ލެވަބަންގެ ކީޕަރު މަހުދީ ހަލީލް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން ގާތް ގާތުގައި ލިބުނު ތިން ކޯނަރުގައިވެސް އިންޑިއާއިން ލެބަނަންގެ ގޯލަށް ޕްރެޝަރު ކުރި އެވެ. ނަމަވެސް ލެބަނަންގެ ޑިފެންޑަރުން ވަނީ ހުށިހާރު ކަމާ އެކު ހުރިހާ ބޯޅަތަކެއް ދިފާއުކޮށްފަ އެވެ.

މެޗުގެ 90 މިނެޓުގައި ގޯލެއް ނުޖެހި މެޗު އެއްވަރުވުމުން ނަތީޖާ ނެރެން އިތުރު ވަގުތު ދެ ހާފު ކުޅެން ޖެހުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އިންޑިއާގެ ކެޕްޓަން ޗެތުރީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ބޭރުން ޗެތުރީ ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ދިފާއުކުރީ ކީޕަރު ހަލީލް އެވެ. އޭގެ ދެ މިނެޓު ފަހުން އަތިމަތިން އުދަންތާ ނަގައިދިން ހުރަހަކުން ޗެތުރީ އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި ހާފުގައި އިންޑިއާ އިން ފެނުނީ ނުރައްކާތެރިކޮށެވެ. ގިނަ ވަގުތު ލެބަނަންގެ ހާފްގެ ތެރޭގައި އިންޑިއާ އިން ބޯޅް ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، އިތުރު ފުރުސަތުތައް ވެސް ހޯދި އެވެ. މިގޮތުން ޗަންގްޓޭ އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ކީޕަރު ހަލީލް ވަނީ ކުރިއަށް ނުކުމެ ހޯދައިފަ އެވެ. އޭގެ މިނެޓެއް ފަހުން ޗަންގްޓޭ ނަގައިދިން ބޯޅައަކުން އުދަންތާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލެބަނަން ފޮނުވާލި ހަމައެކަނި ބޯޅައަކީ ފަހު މިނެޓުގައި މުހައްމަދު އަލީ ދައިނީ ފޮނުވާލި ބޯޅައެކެވެ. ލެބަނަންގެ ހާފު ތެރެއިން ލިބުނު ބޯޅައަކާ އެކު އެކަނިމާ އެކަނި ކުރިއަށްގޮސް އޭރިއާ ރޮނގާ ހިސާބުގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 108 ވަނަ މިނެޓުގައި ލެބަނަން އިން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައަކުން ލެބަނަންގެ ޒެއިން އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އޭގެ ތިން މިނެޓު ފަހުން އިންޑިއާގެ މާހޭޝް ސިންގް ނަގައިދިން ހުރަސް ލެބަނަންގެ ޖޯޖް ފެލިކްސް ފައިގައި ޖެހިފައި ދިޔައީ އަރިމަތީ ދާގަނޑަށެވެ. ލެބަނަން އަށް ލިބުނު ކައުންޓާ އެޓޭކުގައި ހަތަރު ކުޅުންތެރިން ކުރިއަށް އަރައި ފުރުސަތު ތަނަވަސް ނުކުރެވުމުގެ ފައިދާ ނަގައި އިންޑިއާގެ އުދަންތަ ބޯޅައާ އެކު ގޮސް ލެބަނަންގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށްވަދެ ފޮނުވާލި ހަމަލާ ކީޕަރު ހަލީލް ވަނީ ދީފައުކޮށްފަ އެވެ.

އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި އިންޑިއާގެ ޗަންގްޓޭއަށްވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. މަހޭޝް ދިން ބޯޅައަކުން ޗަންގްޓޭ ފޮނުވާލި ބޯޅަ ކީޕަރު ހަލީލް ވަނީ ދިފާއުކޮށްފަ އެވެ.

އިތުރު ވަގުތުގެ ދެ ހާފުގެ އިތުރު ވަގުތުގައި ލެބަނަން އިން ވަނީ އެ ޓީމުގެ ދެ ވަނަ ކީޕަރު އަލީ ސަބީހު ކުޅެން އަރުވައިފަ އެވެ. މީގެ އިތުރުން ޕެނަލްޓީ ޖެހުމަށް ޒެއިންގެ ބަދަލުގައި މުހައްމަދު ސަދެކް ވެސް ކުޅެން އެރުވި އެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި އިންޑިއާއިން ޖެހި ހަތަރު ޕެނަލްޓީވެސް އެ ޓީމުން ކާމިޔާބުކުރި އެވެ. ލެބަނަން އަށް ކާމިޔާބުކުރެވުނީ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެވެ. އިންޑިއާގެ ޗެތުރީ، އަންވަރު، މަހޭޝް އަދި އުދަންތަ ޖެހި ޕެނަލްޓީތައް ކާމިޔާބުކުރިއިރު ލެބަނަންގެ ވަލީދު ޝޫރު އާއި ސަދެކް ޖެހި ދެ ޕެނަލްޓީ ކާމިޔާބުކުރި އެވެ. ލެބަނަންގެ ކެޕްޓަން މާތޫކު، އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ޖެހިއިރު، އޭނާ ފޮނުވާލި ޕެނަލްޓީ ކީޕަރު ގުރްޕުރީތު ދިފާއުކުރިއިރު، އަދި ލެބަނަންގެ ހަތަރު ވަނަ ޕެނަލްޓީ ހަލީލް ފޮނުވާލި ޕެނަލްޓި ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އިންޑިއާ އިން މި ވަނީ 16 ދުވަސްތެރޭ ތިން ފަހަރު ލެބަނަންއާ ކުޅެ ދެ ފަަހަރު އެ ޓީމު އަތުން މޮޅުވެފަ އެވެ. އިންޑިއާގައި މިދިޔަ މަހު ބޭއްވި އިންޓަކޮންޓިނެންޓަލް ކަޕްގެ ލީގު ބުރުގައި އިންޑިއާ އާއި ލެބަނަން ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ލެބަނަން އަތުން އިންޑިއާ މޮޅުވީ 2-0 އިންނެވެ. މިއަދު އިންޑިއާ އަށް ލެބަނަން ބަލިކުރެވުނީ ޕެނަލްޓީގަ އެވެ.

ސެމީ ފައިނަލުން މޮޅުވި އިންޑިއާ ފައިނަލްގައި ނުކުންނާނީ މިއަދު ފުރަތަަމަ ސެމީ ފައިނަލުގައި ބަންގްލަދޭޝް އަތުން މޮޅުވި ކުވެއިތާ ދަކޮށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު ހަތެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox