ބެންކޮކް، ތައިލެންޑް (ޖުލައި 1) - ސައުތު އީސްޓް އޭޝިއަން ގޭމްސް (ސީ ގޭމްސް)ގައި އިންޑޮނީޝިއާއާ ދެކޮޅަށް ތައިލެންޑުން ކުޅުނު މެޗެއްގައި ހިނގާދިޔަ ހަމަނުޖެހުމެއްގެ ޕްރެޝަރާ ހެދި ތައިލެންޑްގެ ފުޓްބޯޅަ ރައީސް ސޮމްޔޮތު ޕޫމްޕަމްޔޮން މަގާމުން އިސްތިއުފާދީފި އެވެ.
މަގާމުން އިސްތިއުފާ ދިން ކަން ސޮމްޔޮތު އިއުލާނުކުރެއްވީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށެވެ.
މިދިޔަ މެއި މަހު ކުޅުނު ސީގޭމްސްގެ ފުޓްބޯޅަ އިވެންޓް ފައިނަލުގައި އިންޑޮނީޝިއާ އިން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 5-2 އިން ތައިލެންޑް ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު އިންޑޮނީޝިއާ އާއި ތައިލެންޑް ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ މެދުގައި ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގައިފަ އެވެ.
މި މައްސަލަ ބެލުމަށް ފަހު، ތައިލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ދެ ކުޅުންތެރިންނާއި ދެ އޮފިޝަލުންގެ އިތުރުން ކޯޗިން ސްޓާފަކަށް ދިގު މުއްދަތުގެ ސަސްޕެންޝަނެއް ދީފަ އެވެ.
ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ސޮމްޔޮތު ވިދާޅުވީ ތައިލެންޑްގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރައްވަމުން އަންނަ އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ އެކު، އިއްޔެ ބޭއްވި ބައްދަލުވުމުގައި އަންގާފައިވަނީ މަގާމުން ވަކިވާން ކަމަށާއި އެހެންވެ، އިސްތިއުފާ ދޭން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން، ސޮމްޔޮތު ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން، ސައުތު އީސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އާސިއާން) އާއި، އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަދި ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އަށް އަންގައިފަ އެެވެ.












