"ނަޝީދަކަށް ނޫން، ނަޝީދާއަކަށް ނޫން" - މިވަނީ ކިހިނެއް؟

"ނަޝީދަކަށް ނޫން، ނަޝީދާއަކަށް ނޫން" - މިވަނީ ކިހިނެއް؟

ތަފާތަކީ ދެ ނަމެވެ. ދައްކަނީ އެއް ވާހަކައެކެވެ. ބަދަލުވީ ނަމުގެ ފަހަތަށް އިތުރުވި އަކުރެކެވެ. މިވީ ކީއް ހެއްޔެވެ؟ މި އަންނަނީ ކޮން ބަދަލެއް ހެއްޔެވެ؟ އާއެކެވެ. މިއީ ބަހަވީ ހަމަތަކުން ދިރާސާކޮށްލަން ރަނގަޅު ކަމެކެވެ. ދިވެހިބަހުގައި އަތްނުލެވި ހުރި ބަހަވީ ހުސްކަމުގެ ތެރެއިން ކުޑަކުޑަ އެހެނަސް، ފުންކޮށް ފުޅާކޮށް ވާހަކަ ދެއްކިދާނެ މަފުހޫމެކެވެ. ދިވެހިބަހުގައި ހިމެނޭ ނަން ނަފީކުރެވޭ ހާލަތަކުގައި ލަފުޒަށް މަހައިލެވޭ "އަށް"ގެ ސަބަބުން އަންނަ ބަދަލުތަކެވެ.

ނަފީއަކީ ކޮބާ؟

އެއްޗެއް ނުވަތަ ކަމެއް ނުވާކަން ނުވަތަ ނެތްކަން އަންގައިދިނުމަށް ދިވެހިބަހުގައި ނަފީކުރުން ބޭނުންކުރެ އެވެ. ނަފީކުރުމުގައި ތަފާތު އަކުރުތަކާއި ގޮތްތައް ދިވެހިބަހުގައި ބޭނުންކުރާކަމަށް ބަހުގެ ގަވާއިދު ފޮތްތަކުން ބުރުހާނުކޮށްދެ އެވެ. އާއްމުގޮތެއްގައި ދިވެހިބަހުގައި ނަފީކުރެވެނީ "ނޫން" ނުވަތަ "ނެތް" ނުވަތަ "ނު" ބުނެދިނުމަށް ނޫނުގައި ތަފާތު ފިލިތައް ޖަހައިގެން ކަމަށް މުހައްމަދު ޖަމީލުގެ ފިޔަވަޅު، އަބްދުالله ސޯދިގުގެ ބަހުގެ ހަމައިގެ އަތްމަތީ ފޮތުގެ އިތުރުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން އެކުލަވާލައިފައިވާ ދިވެހިބަހުގެ ގަވާއިދު ފޮތުގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް، މިއީ އަދި މުޅިން އެއްބަސްވެ ނިންމާލެވެން ހުރި ކަންކަމެއް ނޫނެވެ.

ދިވެހިބަހުގައި ނަފީކުރުމަށް ޓަކައި މައިގަނޑު 12 އަކުރެއް ބޭނުންކުރާކަން ހާމަވާތީ އެވެ. މިގޮތުން، ބޭނުންކުރާ ގޮތްތަކަކީ ބޭރުގެ ބައެއް ބަސްބަހުން ދިވެހިބަހުގެ ތެރެއަށް ގެނެސްފައިވާ ގޮތްތަކުގެ އިތުރުން އެވޭލާއިން ފެށިގެން މިވޭލާއާ ހަމައަށް ދިވެހިން ބޭނުންކުރަމުން އައިސްފައިވާ ގޮތްތައް ހުރިކަން ބަސްވާރުންގެ ރަޢުޔުތަކުން ހާމަވެ އެވެ. ދިވެހިބަހުގައި ބޭނުންކުރާ ނަފީގެ އަކުރުތައް ކަމަށް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ ދިވެހިބަހުގެ ބަސްމަގު ފޮތުގައި ހިމެނޭ މައިގަނޑު އަކުރުތައް ތިރީގައިވާ ތަސްވީރުގައި އެވަނީ އެވެ.

މި އަކުރުތަކަށް ބަލާއިރު، ލަފުޒުގެ ކުރިއަށާއި ފަހަތަށް ނަފީގެ އަކުރުތައް މެހިގެންދާކަން ހާމަވެ އެވެ. ބައެއް އަކުރުތަކަކީ ވަކީން އޮންނައިރު ފުރިހަމަ މާނައެއް ދޭހަވާ މިނިވަން މޯފީމެއްގެ ގޮތުގައި އޮންނަ އިރު އަނެއްބައި އަކުރުތަކުން މާނައެއް ދޭހަވަނީ ލަފުޒާ މެހުމުންކަން ވެސް ހާމަވެ އެވެ. ދެން އުފެދޭނެ ސުވާލަކީ ދިވެހިބަހުގައި ނަފީގެ އަކުރުތައް ވަންނަނީ ހަމައެކަނި ލަފުޒުގެ ކުރިއަށް ނުވަތަ ފަހަތަށް ތޯ އުފެދޭ ސުވާލެވެ. ހަމައެއާ އެކު އެކީގައި އުފެދޭނެ ސުވާލަކީ ނަފީކުރުވޭ ހިނދު ނަމުގެ ލަފުޒަށް މެހިގެންދާ އަކުރުތަކާއެކު އިތުރު ބަދަލެއް އާދޭތޯ ކުރެވޭ ސުވާލެވެ.

އަބުދުﷲ ސޯދިގު އަދި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން އާއްމުކޮށްފައިވާ ފޮތުގައި ބަޔާންކޮށްފައިވަނީ ނަފީގެ އަކުރު "ނޫނު" އިތުރުން އާއްމު ކުރާ އަކުރު "އެއް" އަދި ނިސްބަތުގެ އަކުރު "އަށް" ނަމަށް މެހިގެންދާކަމަށެވެ. މިސާލަށް،

ނަޝީދު+އަށް ނޫން = ނަޝީދަކަށް ނޫން

ނަޝީދު+އެއް ނޫން = ނަޝީދެއް ނޫން

މިހައި ހިސާބުން މަޝްވަރާކުރެވެމުންދާ މައިގަނޑު ސުވާލުގައިވާ ބައިތަކަށް ނަޒަރެއް ދޫކޮށްލުމަށް ނަމަށް މެހިގެންދާ "އަށް"އަށް އެކަނި ވިސްނުން ދީލައިލަމުން، "އެއް" މެހޭގޮތުގެ ވާހަކަ އެހެން ފަހަރަކަށް ފަސްކޮށްލާނަމެވެ.

"އަށް" މެހެނީ ކިހިނެއް؟

ދިވެހިބަހުގައި ހިމެނޭ ލަފުޒަކާ އަކުރެއް ގުޅުވާލުމުން އެ ލަފުޒުން ބައެއް އުނިވުމާއެކު އަކުރުގައި ހިމެނޭ އަޑުތައް ލަފުޒާ ހިމުންވެގެންދާ ދިޔުމަށް ލަފުޒު މެހުމޭ ކިޔަ އެވެ. މިސާލަކަށް، "މަސް" މި ލަފުޒަށް ނިސްބަތުގެ އަކުރެއް ކަމަށްވާ "އަށް" މަހައިލުމުން "މަހަށް"އަށް ބަދަލުވެ އެވެ. މިހާލަތުގައި "މަސް" މި ލަފުޒުގައިވާ "ސް" ލަފުޒުން އުނިވެ އެ އަޑުގެ ބަދަލުގައި "ހ"އެއް އިތުރުވެ މަހައިލެވޭ އަކުރު ކަމުގައިވާ "އަށް"ގައި ހިމެނޭ އަކުރު ކަމަށްވާ "އަށް" ގުޅިގެންދެ އެވެ. މިއީ ދިވެހިބަހުގައި ހިމެނޭ މޯފޯފޮނޮލޮޖީގެ ބަދަލުތަކާއެކު އަންނަ ބަދަލުތަކެއް ކަމަށް ދިވެހިބަސް ދިރާސާކުރައްވާފައިވާ ބަސްވާރު އަމާލިއާ ޏަނަދެސިކަން ޚިޔާލު ފާޅުކުރައްވައެވެ. މިއީ ވެސް ފުންކޮށް ވާހަކަދެއްކިދާނެ ވަކި މައުލޫއަކަށްވާތީ މި ވާހަކަ ވެސް އިހަށް މި ވަގުތަށް މަޑު ޖައްސާލާނަމެވެ.

ދިވެހިބަހުގައި ހިމެނޭ އަކުރު "އަށް" މި ލަފުޒަކީ ބަހުގައި ތަފާތު އެކި ވަޒީފާތައް އަދާކުރާ އަކުރެއް ކަމަށް ސާބިތުކުރެވެއެވެ. މިގޮތުން، މުޙައްމަދު ޖަމީލުގެ ފިޔަވަޅު ފޮތުގައި ބަޔާންކުރައްވާފައިވަނީ "އަށް" ބޭނުންކުރަނީ މިލްކުވުމުގެ މާނައިގެ އިތުރުން ކަން ހިނގާ ނިމޭތަން ބަޔާންކުރުމަށާއި ސަބަބު ބަޔާންކުރަން ކަމަށެވެ. ދިވެހިބަހުގެ އެކަޑަމީން އާއްމުކޮށްފައިވާ ބަސްފޮތުގައި ވަނީ ރައްދުވާ ފާހަގަކޮށްދޭ އަކުރެއްގެ ގޮތުގައެވެ. ހަމައެހެންމެ، ދިވެހިބަހުގެ ޤަވާއިދު ފޮތުގައިވަނީ މިއީ ގުޅުން ދޭހަކޮށްދޭ އަކުރެއްގެ ގޮތުގަ އެވެ. އަމާލިއާ ޏަނަދެސިކަން ވިދާޅުވަނީ އެއްޗަކަށް ނުސީދަކޮށް އިޝާރާތްކުރަން، އަމާޒަށް، ނިސްބަތްވާ ފަރާތް އަންގައިދިނުމަށް ވެސް މި އަކުރު ދިވެހިބަހުގައި ބޭނުންކުރާ ކަމަށެވެ. އެހެންކަމުން، "އަށް" މި އަކުރަކީ ތަފާތު އެކި ވަޒީފާތައް އަދާކުރާ މަސައްކަތުގެ ލަފުޒެއްކަން ސާބިތުވެ އެވެ.

ނަމެއް ނަފީ ކުރެވޭތަ؟

ދިވެހިބަހުގައި ހިމެނޭ ނަމެއް ނަފީކޮށްފި ނަމަ ބަދަލެއް އާދޭ ހެއްޔެވެ؟ އަދި މި އަންނަ ބަދަލުތަކުން އެއްވެސް ތަފާތުކަމެއް ފާހަގަކުރެވޭ ހެއްޔެވެ؟ މިއީ ބަހާމެދު ވިސްނާ ފިކުރު ހިންގާ މީހުންގެ ސިކުނޑިއަށް ތިލަވާ ސުވާލެކެވެ. މި ސުވާލުތަކުގެ ޖަވާބަކީ ނަން ނަފީކުރުމުން ފާހަގަކުރެވޭ ބަދަލުތަކެއް އަންނަކަމެވެ. މިއަންނަ ބަދަލަކީ ބަހަވީގޮތުން ބުރަދަންހުރި މުހިއްމު އުންސުރެއްކަމެވެ. ދިވެހިބަހުގެ ޠަބީއަތުގައި ހުރި މުއްސަނދި ބަދަލެއް ކަމެވެ. މި ތަފާތު އުނގަނައިދޭން ޖެހޭކަމެވެ. އެހެން ނޫނީ ބަސް ނުދަންނަ މީހުން މިކަން ފެންނާނީ ޖޯކެއް ގޮތުގައެވެ. ވާނުވާ ނޭނގޭ ސުވާލު މާކެއް ގޮތުގަ އެވެ.

ދިވެހިބަހުގައި ނަން ނަފީކުރުމުން މައިގަނޑު ހަތަރު ބަދަލެއް އަންނަކަން ދިވެހިބަހުގެ ބަސްމާފާނެއްގެ އެކުލަވާލައިގެން ކުރިއަށް ގެންދެވުނު ތަހުލީލުތަކުން ސާބިތުކުރެވުނެވެ. މިގޮތުން، އަންނަ މައިގަނޑު ބަދަލުތަކުގެ ޚުލާޞާ ތަސްވީރުން އެ ފެންނަނީ އެވެ.

ނަން ނަފީކުރުމުން އަންނަ އެއް ބަދަލަކީ އުބުފިއްޔާއި އޮބޮފިއްޔަށް ނިމިފައިވާ ލަފުޒުގެ ފަހަތުން "ކަށް" މި ލަފުޒު ފެނުމާއެކު އެ އަކުރުގެ ފަހަތަށް ނަފީގެ އަކުރު އައުމެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ، ނަމާއި ނަފީއާ ދެމެދަށް "ކަށް" މި ލަފުޒު ވަނުމެވެ. މިގޮތަށް މި ބަދަލު އަންނަނީ އޮބޮފިލި އަދި އުބުފިލި ލަފުޒުން ގެއްލިގެންދާތީއެވެ. އަދި ނަފީގެ ކުރިއަށް ނިސްބަތުގެ އަކުރުކަމަށްވާ "އަށް" މެހިގެންދާތީ އެވެ. މިސާލަކަށް، ނަޝީދަށް، ގާސިމަށް ފަދަ ލަފުޒުތަކުގެ ފަހަތުގައިވާ އުބުފިލި ގެއްލި "އަށް" މެހިގެންދެ އެވެ. ހަމައެހެންމެ، އޮބޮފިއްޔަށް ނިމިފައިވާ ނަމުގެ ފަހަތުގައިވާ އޮބޮފިލި ވެސް މިގޮތަށް ގެއްލިގެން ގޮސް "އަށް" މެހެ އެވެ.

ނަން ނަފީކުރުމުން އަންނަ އަނެއް ބަދަލަކީ ދެމޭ ފިއްޔަށް ނިމިފައިވާ ލަފުޒުގެ ފަހަތުން "އަކަށް" މި އަކުރު ފެނުމެވެ. މިސާލަކަށް ނަޝީދާއަކަށް، ހަސީނާއަކަށް، ފާޚިރާއަކަށް ފަދަ ލަފުޒުތައް ފާހަގަކޮށްލެވެ އެވެ. އަމާލިއާ ޏަނަދެސިކަން ވިދާޅުވަނީ "އަކަށް" މި ލަފުޒަކީ ދިވެހިބަހުގައި ނަފީ ކުރެވޭ ހާލަތްތަކުގައި ފެންނަ ނަފީގެ ކޮންކޯޑް ނިޝާނެއް ކަމަށެވެ. ނަމަވެސް، މިއީ އިތުރު ތަހުލީލުތަކަށް ބޭނުންވާ ވިސްނުމެއްކަމުގައި ޤަބޫލުކުރެވެއެވެ. އެހެނީ، ނަފީނުކުރާ ހާލަތްތަކުގައި ވެސް "އަކަށް" މި އަކުރު ބޭނުން ކުރެވޭތީ އެވެ. މިސާލަކަށް، "ދެ އަކަށްވުރެ ގިނަވުން"، "ނަޝީދަކަށްވުރެ ސޯލިހު" މި ހާލަތުގައި އެވަނީ ނަފީއެއް ނޫނެވެ. އެ ހާލަތުގައި "އަކަށް" އަދާކުރަނީ މުޅީން ތަފާތު ވަޒީފާއެކެވެ. ޒިންމާއެކެވެ. "އަކަށް" އަދާކޮށްދޭ ޒިންމާއަކީ އަޅައިބެލުމުގެ ޒިންމާއެވެ. ތަފާތު ބުނެދޭން މަގުފަހިކޮށްދިނުމުގެ ވަޒީފާ އެވެ. މި ނޫނަސް "އަކަށް"ގެ ތަފާތު ޒިންމާތައް ހުރެދާނެއެވެ. ޖެހޭނީ އިތުރަށް ފުންކޮށް ބަލާ ދެނެގަންނާށެވެ.

"އަކަށް" މެހިގެންދަނީ ހަމައެކަނި ދިގުފިލިތަކަށް ނިމިފައިވާ ލަފުޒުތައް ނަފީކުރާއިރަކު ވެސް ނޫނެވެ. ކުރުފިލިތަކުގެ ތެރެއިން އަބަފިލި، އިބިފިލި އަދި އެބެފިއްޔަށް ނިމިފައިވާ ލަފުޒުތައް ނަފީކުރާއިރު ވެސް "އަކަށް" ލަފުޒުން ފެނެ އެވެ. މިސާލަކަށް، މާލެއަކަށް ނުދާނެ، ތަރިއަކަށް ނުވާނެ، މަންމައަކަށް ނުދޭނެ ފަދަ ހާލަތްތަކުގައި ވެސް ނަފީވެގެންދާއިރު "އަކަށް" މި ލަފުޒު ފެނެ އެވެ. މި ހާލަތުގައި ވެސް މިއަންނަ ބަދަލަކީ ލަފުޒުގެ ތެރެއަށް "އަށް" މެހިގެންދާ ގޮތުން އަންނަ ބަދަލެއް ކަމަށް ފާހަގަކުރެވެ އެވެ. ސަބަބަކީ ނަފީއާ ގުޅުން ހުރި ބަދަލެއް ނަމަ "އެއް" މަހައިލުމުން ވެސް "އަކަށް" ފެންނާން ޖެހޭނެތީ އެވެ. މިސާލަކަށް "ނަޝީދެއް ނޫން"، "ގާސިމެއް ނޫން" ފަދަ ހާލަތްތަކުގައި ވެސް ކުރަނީ ނަފީއެވެ. ނަމަވެސް، ލަފުޒުން "އަކަށް" ނުފެނެއެވެ. އެހެންކަމުން، ލަފުޒުން "އަކަށް" ފެނުމަކީ ނަފީކުރުމާ ގުޅުންހުރި ކަމެއް ނޫނެވެ. އެއީ މެހިގެންދާ އަކުރު "އަށް"ގެ ސަބަބުން އަންނަ ބަދަލެކެވެ.

ނަން ނަފީކުރުމުން އަންނަ ތިން ވަނަ ބަދަލެއް ކަމަށް ފާހަގަވާ ބަދަލަކީ ބައެއް އަޑުތައް ލަފުޒުން ގެއްލިގެން ދިޔުމެވެ. މިގޮތުން ސުކުންތަކަށް ނިމިފައިވާ ލަފުޒެއް ނަފީކުރާނަމަ އެ ސުކުނުގެ އަޑު ލަފުޒުން ގެއްލިގެންދާކަން ވަނީ ހޯދިފަ އެވެ. މިސާލަކަށް، މަސް: މަހަށް ނުދޭ / ރުއް: ރުކަށް ނާރާ / ފެން: ފެނަށް ނުވާނެ / ފަތް: ފަތަށް ނުވޭ/ ރަށް: ރަށަށް ނުވަދޭ، ފަދަ ހާލަތްތަކުން މިކަން ސާބިތުވެއެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް ނަމުގެ އެންމެ ފަހަތަށް އޮންނަ ސުކުން އަޑުލަމަށްވާ "ސް"، "އް"، "ން"، "ތް"، "ށް" ލަފުޒުން ގެއްލި ބަދަލުވާ އަކުރުގެ އަކުރުތައް ލަފުޒަށް އިތުރުވެގެންދެ އެވެ. އަދި އެއަށްފަހު "އަށް" މެހި ނަފީގެ އަކުރު ލަފުޒުގެ ފަހަތަށް ގުޅިގެންދެ އެވެ. ހަމަ މިގޮތަށް އުބުފިއްޔާއި އޮބޮފިއްޔަށް ނިމިފައިވާ ނަންނަމަށް ވެސް މި ބަދަލު އާދެއެވެ. މިގޮތަށް ބަދަލު އަންނަނީ އަޑުތަކުގައި ހުން ކޮން ކަހަލަ ޠަބީއީ ސިފަތަކެއްގެ ސަބަބުންތޯ ބެލުމަށް އިތުރު ފުން ދިރާސާތަކެއް ހެދިދާނެ ކަމަށް ދެކެމެވެ.

ނަން ނަފީކުރުމުން އަންނަ އަނެއް ބަދަލަކީ ލަފުޒުގެ އޮނިގަނޑަށް ބަދަލު އައުމެވެ. އާއްމުގޮތެއްގައި ދިވެހިބަހުގައި ލަފުޒު އުފެދިފައި ހުންނަނީ މައިގަނޑު ހަތަރު އޮނިގަނޑަކަށް ކަމަށް ދިވެހިބަސް ދިރާސާކުރެއްވި ބަސްވާރެއްކަމަށްވާ ސޮންޏާ ފްރިޒް ބަޔާންކުރައްވަ އެވެ. އެއީ، V، CV CVC އަދި VCއެވެ. ނަފީގެ ހާލަތުގައި ލަފުޒަށް އަންނަ ބަދަލާއެކު ލަފުޒުގެ އޮނިގަނޑަށް ބަދަލު އާދެ އެވެ. މިސާލަކަށް "ނަޝީދަކަށް" މި ލަފުޒުގެ އޮނިގަނޑަކީ (ނަ+ޝީ+ދަ+ކަށް) CV+CV+CV+CVCއެވެ. ނަމަވެސް، "ނަޝީދާއަކަށް" މި ލަފުޒުގެ އޮނިގަނޑަކީ (ނަ+ޝީ+ދާ+އަ+ކަށް) CV+CV+CV+V+CVCއެވެ. މި ދެ ހާލަތުގައި އަންނަ މައިގަނޑު ބަދަލަކީ ދެމޭ ފިއްޔަށް ނިމިފައިވާ ލަފުޒު ނަފީކުރުމުން ލަފުޒުގެ އޮނިގަނޑަށް އިތުރުވާ "އަކަށް" (އަ+ކަށް)ގެ ސަބަބުން ލަފުޒުގެ އޮނިގަނޑަށް ވަވަލް އަޑެއް (އަ) އިތުރުވުމުން އަންނަ ބަދަލެކެވެ. މި ބަދަލު އަންނާނީ "އަކަށް" އިތުރުވާ ހާލަތްތަކުގައެވެ.

އެނގެންވީ ކޮން ކަމެއް؟

ދިވެހިބަހުގައި ހިމެނޭ ނަން ނަފީކުރުމުގެ ސަބަބުން މެހިގެންދާ "އަށް" މި ލަފުޒާއެކު ލަފުޒުގެ އަޑުތަކަށާއި ލަފުޒުގެ އޮނިގަނޑަށް ބަދަލުތަކެއް އަންނަ ހާލަތްތައް ހުންނަ ކަމެވެ. މިއީ ދިވެހިބަހުގެ ޠަބިއީ ހާލަތުން އަންނަ ބަދަލުތަކެއް ކަމެވެ. އަދި މިއީ ބަހުގައި ހުރި މުއްސަނދި ގޮތްތަކާއި ވައްޓަފާޅީގެ ސަބަބުން އަންނަ ބަދަލުތަކެއްކަމާއި މި ބަދަލުތަކަކީ ބަހުގެ ކެރިފޯރުންތެރި ކަމަށް މުހިއްމު ބަހާ ތަކެއްކަމެވެ. މިކަންކަން ހޯދާ ބަލައި ތަހުލީލުކުރުމަކީ މިކަންކަން އިތުރަށް ދެނެގަންނަށް މަގުފަހިވާނެ ކަމެއް ކަމެވެ. މިހުރިހާ ކަމަކުން އެނގި ހާމަވަނީ ދިވެހިބަހަކީ ބަހަވީ ދިރާސާތަކަށް ބޭނުން ޖެހިފައިވާ ބަހެއް ކަމެވެ. ތިބީންނަށް އޮތީން މުނީންނާ ހަމައަށް މިކަން ގެންދިޔުމަށް ތަހުލީލުތައް ކޮށް ބަހުގައި މިހުރި މުއްސަނދި އަސާސްތައް، ހާމަކޮށް، ދަސްކޮށްދީ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox