ރިޔާދް، ސައުދީ އަރަބިއްޔާ (ޖޫން) - ޗެލްސީ އަށް ކުޅެމުންދިޔަ ސެނަގާލްގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ސައުދީ އަރަބިއްޔާގެ އަލް އަހްލީ އަށް ބަދަލުވެއްޖެ އެވެ.
މެންޑީ އަކީ މިދިޔަ ސީޒަނަށް ފަހު ޗެލްސީ ދޫކޮށް، ސައުދީ ލީގަށް ބަދަލުވި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެންގޯލޯ ކާންޓޭ އާއި ކަލީދޫ ކުލިބާލީ ވެސް ވަނީ ސައުދީ ކްލަބްތަކާ ގުޅިފަ އެވެ. ކަންޓޭ އަލް އިއްތިހާދަށް ބަަދަލުވިއިރު، ކުލީބާލީ ދިޔައީ އަލް ހިލާލަށެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި މެންޑީ، 31، ޗެލްސީ ދޫކޮށް އަލް އަހްލީ އަށް ބަދަލުވީ 20 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގަ އެވެ.
މެންޑީ ވަނީ ޗެލްސީ އަށް 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އެ އަހަރު ޔުއޭފާ އިން ހޮވި އެންމެ މޮޅު ގޯލްކީޕަރާއި ފީފާ އިން ހޮވި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ވެސް ލިބުނީ މެންޑީ އަށެވެ. އެކަމަކު، މިދިޔަ އަހަރު އޮތް ވޯލްޑް ކަޕަށް ފަހު އޭނާ ޗެލްސީ އަށް ކުޅުނީ އެންމެ މެޗެކެވެ.
ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަކިކުރި ހިސާބުން، މެންޑީ އަށް ވަނީ ފުރަތަމަ 11 އިން ފުރުސަތު ހޯދަން އުނދަގޫވެފަ އެވެ.
ޖިއްދާ އަށް ނިސްބަތްވާ އަލް އަހްލީ އަކީ ސައުދީގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބެވެ. މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަންގައި ވާދަކޮށް، ސައުދީ ޕްރޯ ލީގަށް އެ ޓީމު ވަނީ އަލަށް ޕްރޮމޯޓްވެފަ އެވެ.












