ރަޝިއާގެ ކުލީ ސިފައިން ހިމެނޭ ވާގްނާ ގްރޫޕުގެ ހުރިހާ ހަރަދެއް ދެނީ ދައުލަތުން ކަމަށް ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވެއްޖެ އެވެ.
ޕުޓިން ވިދާޅުވީ މޭ 2022 އިން މޭ 2023 އަށް މުސާރަ އާއި ބޯނަސްގެ ގޮތުގައި އެކަނިވެސް ވާގްނާގެ މެމްބަރުންނަށް އެއް ބިލިއަން ޑޮލަރު ހޭދަކުރި ކަމަށެވެ. އެއީ ޑިފެންސް މިނިސްޓްރީ އާއި ދައުލަތުގެ ބަޖެޓުން ހަމަޖެއްސި ފައިސާ އެވެ.
ވާގްނާ ގްރޫޕާ ދެކޮޅަށް ރަޝިއާ ސިފައިން އުޅޭ ކަމަށް ބުނެ އެ ގްރޫޕުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ސިފައިންގެ ލީޑާޝިޕް ވައްޓާލަން ނިކުމެ މޮސްކޯއަށް ދާން މަސައްކަތްކޮށްފަ އެވެ.
އެންމެ ފަހު ވަގުތު މޮސްކޯއަށް ނުގޮސް މިސްރާބު އަނބުރާލީ ބެލަރޫސް މެދުވެރިވެގެން ކުރި މަޝްވަރާއަށް ފަހު އެވެ. ވާގްނާގެ ވެރިޔާ ޔެވްގެނީ ޕްރިގޯޖިން ބެލަރޫސްއަށް ދިޔައީ އަންގާރަ ދުވަހު އެވެ.
ބެލަރޫސްގެ ލީޑަރު އެލެގްޒެންޑާ ލުކަޝެންކޯ މެދުވެރިކޮށް ހުށަހެޅީ ވާގްނާގެ ހަތިޔާރުތައް އަތުލުމަށެވެ. ނަމަވެސް މެމްބަރުންނާ ދެކޮޅަށް ދައުވާއެއް ނުކުރާނެ އެވެ.
"މި ގްރޫޕްގެ ބައިވެރިންނާއި ސިފައިންނާ މެދު އަޅުގަނޑުމެން އަބަދުވެސް އަމަލުކުރީ އިހްތިރާމާ އެކު. އެއީ ހިތްވަރާއި ނަމޫނާ ދައްކަމުން ދިޔައީމަ،" ޕުޓިން ވިދާޅުވި އެވެ.
ވާގްނާގެ ލީޑަރާއި އެ ގްރޫޕަށް ފޯރުކޮށްދިން ފައިސާ ހޭދަކުރި ގޮތުގެ ތަހުގީގެއް ހިންގާނެ ކަމަށް ޕުޓިން ވިދާޅުވި އެވެ.










