ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގައި މިރޭ ކުޅޭ މެޗަށް ނުކުންނައިރު، އިންޑިއާގެ އަމާޒަކީ ކުވެއިތު ބަލިކުރުން ކަމަށް އެ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ބުނެފި އެވެ.
މި މެޗަށް ނުކުންނައިރު ވެސް އިންޑިއާ އާއި ކުވެއިތަށް ވަނީ ސެމީ ފައިނަލުގެ ޖާގަ ލިބިފަ އެވެ. މިރޭގެ މެޗު މި ދެ ޓީމަށް ވެސް މުހިންމުވަނީ ގްރޫޕްގެ އެއް ވަނަ ކަނޑައެޅުމަށެވެ. އެ ގޮތުން، މި ވަގުތު ކުވެއިތު އެއް ވަނައިގައި އޮތީ ޖެހި ގޯލުންނެވެ. އިންޑިއާ އާއި ކުވެއިތަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފައިދާ ގޯލު ވެސް ދެ ޓީމުގެ އޮތީ ހައެކެވެ. އެކަަމަކު، ކުވެއިތު ހަތް ގޯލު ޖެހިއިރު، އިންޑިއާ އަށް ޖެހުނީ ހަ ގޯލެވެ.
މި ފަހަރުގެ މުބާރާތުގައި އިންޑިއާ އިން ކުޅުނު ފުރަަތަަމަ މެޗުގައި ޕާކިސްތާން ބަލިކުރިއިރު، އެ މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ސްޓިމަކް ވަނީ ދެ ވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
ސަސްޕެންޝަން ހަމަކޮށް، ސްޓިމަކް މިރޭގެ މެޗުގައި ޓީމުގެ ބެންޗަށް އަންނާނެ އެވެ.
ކުވެއިތު މެޗުގެ ކުރިން އިންޑިއާ އިން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި މީޑިއާ އަށް ދިން އިންޓަވިއުގައި ސްޓިމަކް ބުނީ ކުވެއިތު ވެގެން ވަކި ހާއްސަ ގޮތެއް ނެތް ކަމަށާއި އެހެން ހުރިހާ މެޗެކޭ އެއްގޮތަށް މި މެޗަށް ވެސް ނުކުންނާނީ މޮޅުވާން ކަމަށެވެ.
"އެއްވަރުވަންޏާ ވެސް ވާންވީ މި މެޗު، އެއީ އަހަރެމެން ބަލާނެ ކަމެއް ނޫން. އަހަރެމެން މި މެޗު ވެސް މި ނަގަނީ އެހެން ކޮންމެ މެޗެކޭ އެއްގޮތަށް .މޮޅުވާން. އަހަރެމެން މުޅި މުބާރާތުގެ ފޯކަސް އަކީ ވެސް ކުޅޭ ކޮންމެ މެޗަކުން މޮޅުވުން. އެ ގޮތަށް ބަލާއިރު ކޮންމެ މެޗަކުން މޮޅުވެގެން ފައިނަލަށް ދިޔައީމަ އެއީ ލިބޭނެ ކޮންފިޑެންސެއް އެ މެޗުން ވެސް މޮޅުވާން،" ސްޓިމަކް ބުންޏެވެ.
ސްޓިމަކް ބުނީ ކުވެއިތު އަތުން މޮޅުވެ، ސެމީ ފައިނަލަށް ގްރޫޕްގެ އެއް ވަަނަ ޓީމުގެ ގޮތުގައި ދާން ގިނަ ބަޔަކު ބޭނުންވާނީ ސެމީ ފައިނަލް ފަސޭހަ ކުރަން ކަމަށް ހީވެދާނެ ކަމަށާއި އެކަމަކު، އެއީ އޭނާ ވިސްނާ ގޮތެއް ނޫން ކަމަށެވެ.
"ސެމީގައި ވަކި ބަޔަކާ ޖެހިގެން ފަސޭހަވާނެއޭ، އެހެން ނުވިސްނަން،" ސްޓިމަކް ބުންޏެވެ.
ގްރޫޕްގެ ދެ ވަނަ ގޮސްފިނަމަ އިންޑިއާ އިން ސެމީގައި ކުޅެން ޖެހޭނީ ރާއްޖެ ގްރޫޕްގެ އެއް ވަނައާ އެެވެ.
ސީނިއާ ފުޓްބޯޅަ ލެވަލްގައި އިންޑިއާ އާއި ކުވެއިތު ވަނީ ތިން ފަހަރު ބައްދަލުކޮށްފަ އެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމުނީ އިންޑިއާ އަށް ލަދުވެތި ނަތީޖާ އަކުންނެވެ. އެ ގޮތުން، 2010 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އިންޑިއާގެ މައްޗަށް ކުވެއިތުން ކުރިހޯދީ 9-1 އިންނެވެ. އިންޑިއާ އިން ކުވެއިތު އަތުން ސީނިއާ ފުޓްބޯޅައިގައި ހޯދި ހަމައެކަނި މޮޅަކީ 2004 ވަނަ އަހަރު ކުވެއިތު ސިޓީގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 3-2 އިންނެެވެ.
ފީފާ ރޭންކިން އަށް ބަލާއިރު، ކުވެއިތު، މި ވަގުުތު އޮތީ ދުނިޔޭގެ ރޭންކިންގެ 143 ވަނައިގަ އެވެ. އެންމެ ފަހުން ނެރުނު ރޭންކިންގައި އިންޑިއާ އޮތީ 101 ވަނައިގަ އެވެ.
އިންޑިއާގެ ކޯޗު ސްޓިމަކް ބުނީ ރޭންކިންގައި އެ އޮތީ ކުވެއިތު ވަރަށް ބޮޑަށް ފަހަތަށް ޖައްސާފައި ކަމަށާއި އެއީ އަސްލަށް ފެންނަ މަންޒަރު ދައްކައިދޭ ކަމެއް ނޫން ކަމަށެވެ.
ކުވެއިތު އަކީ އެ އޮތް ރޭންކިން އަށް ވުރެ ވަރުގަދަ ގައުމެއްކަން މި ވޭތުވެދިޔަ ހައެއްކަ މަސް ތެރޭ އެ ގައުމުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ނަތީޖާ އިން އެނގޭ ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ.
ޕޯޗުގަލްގެ ކޯޗު ރުއީ ބެންޓޯގެ އިރުޝާދުގެ ދަށުން ކުވެއިތު އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން ވަނީ މޮޅުވެފަ އެވެ.
ގްރޫޕް އޭގެ ފަހު މެޗުތައް މިއަދު ކުޅޭއިރު، ރާއްޖެ ގަޑިން ތިނެއް ޖަހާއިރު، ބައްދަލުކުރާނީ ނޭޕާލާއި ޕާކިސްތާން އެވެ. އަދި އިންޑިއާ އާއި ކުވެއިތުގެ މެޗު ކުޅޭނީ މިރޭ ރާްއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.













