މާލޭގެ ރައްޔިތުންނަށް ޒަމާންތަކެއް ކުރިން ދޫކުރި ގޯތިތައް ފޮތިކޮށް، އާ ޖީލުތަކަށް ބިން ނެތުމުން ކުރިމަތިވެފައިވާ މައްސަލަ ހައްލު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ ވައުދުގެ ދަށުން މާލޭ ސަރަހައްދުން 5000 ގޯތި ދޫކުރާ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވާއިރު، މިއީ ވައުދު ފުއްދުމާ ދިމާލަށް އެޅޭ ފިޔަވަޅެކެވެ.
ލިސްޓާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުންގެ ގޯތިތައް ފޮތިފޮތިކޮށް މިހާރު ބައި ކުރާނެ "ވެލިފުކެއް" ވެސް ނެތެވެ. އެހެންވެ، އޭނާ ސިފަކުރެއްވި ގޮތުގައި ގޯތި ދޫކުރުމަކީ މާލޭ ރައްޔިތުންނަށް ނޭވާއެއްލާން ދިނުން ކަމަށެވެ.
"ނޭވާލައްވަން މި އުޅެނީ. ނޭވާލާން ފެށީމަ ދެން އަޅުގަނޑުމެން ކުރަން ޖެހޭ އަދި ބައިވަރު ކަންތައްތައް ހުންނާނެ. މި އުޅެނީ މާލޭގެ ރައްޔިތުންނަށް ހަމަ ނޭވާލެވޭނެ ގޮތެއް ހޯދައިދޭންވެގެން. ކޮންމެ ވެސް މިންވަރެއްގެ ހައްލެއް މީގެ ތެރެއިން ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިން ޕްރެޒެންޓޭޝަނުން އެނގޭ ގޮތުގައި، ގެދޮރުވެރިޔާ ޕޯޓަލްއަށް 64 ގައުމެއްގައި ތިބެގެން 23،000 އަށް ވުރެ ގިނަ މީހުން 15،164 ފޯމު ހުށަހަޅާފައިވެ އެވެ.
- 15،164 ފޯމު ހުށަހެޅި، އެއީ ޖޮއިންޓް ފޯމުތަކާއެކު 23،088 މީހުން
- 12،794 ފޯމު ޝަރުތުހަމަވި، އެއީ 19،857 މީހުން
- 5000 ގޯތި ލިބެނީ ޖުމްލަ 10،314 މީހުންނަށް
- ޝަރުތު ހަމަވެ ގޯތި ނުލިބުނީ ސިންގަލް އަދި ޖޮއިންޓް ހިމެނޭ ގޮތަށް 9544 މީހުންނަށް
ޝަރުތު ހަމަވާ އެންމެނަށް ލިބޭނެ، ނުލިބޭ ނަމަ ސަބަބު އެނގޭނެ
ފްލެޓު ނުވަތަ ބިން ދޫކުރާއިރު، މީގެ ކުރިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ ކަމަކީ ފްލެޓް ނުލިބުނު ސަބަބު އެނގެން ނެތުމެވެ. އެއީ ލިސްޓު އޮޅުވާލައި، ވަކި ބަޔަކަށް ބަހާލާ ކަމުގެ ތުހުމަތު ވެސް ކުރާ އެއް ސަބަބެވެ. އެކަމަކު، ސަރުކާރުން ބުނެފައިވާ ގޮތުގައި މިފަހަރު ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން ގޯތި ނުލިބުނު މީހުންނަށް ނުލިބުނު ސަބަބު އޮންލައިން ޕޯޓަލްއިން ބަލާލެވޭނެ އެވެ.
"ޑިސްކޮލިފައިވީ ފަރާތެއްވާ ނަމަ އެ ފަރާތެއް ޑިސްކޮލިފައިވީ ސަބަބު ވެސް ޕޯޓަލްއިން އެނގެން އޮންނާނެ،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި، މިހާރު 5000 ބިން ދޫކުރިޔަސް، ސަރުކާރުގެ ސިޔާސަތަކީ ޝަރުތު ހަމަވި އެންމެންނަށް ގޯތި ދިނުން ކަމަށެވެ. އެހެންވެ، މިފަހަރު އެކުލަވާލި ލިސްޓު "ލައިވް"ކޮށް ބާއްވާނެ ކަަމަށް ވިދާޅުވި އެވެ.
"ލިސްޓު އޮންނާނީ ލައިވް ލިސްޓެއްގެ ގޮތުގައި. ސަރުކާރުގެ ސިޔާސަތެއް އެބަ އޮތް މި ލިސްޓް ލައިވްކޮށް ބާއްވައިގެން ބާކީ ތިބި ފަރާތްތަކަށް އެކަން ހަމަޖެއްސުމަށް ކަންކަން ތަރުތީބު ކުރާނެ ގޮތް ވެސް،" އަސްލަމް ވިދާޅުވި އެވެ.
ޝަރުތު ހަމަވެ، ގޯތި ނުލިބުނު ގިނަ މީހުންނަކީ އެންމެ ނަމެއްގައި ގޯއްޗަށް އެދުނު މީހުންނެވެ. ސަރުކާރުން ބުނާ ގޮތުގައި، އޭގެ ތެރެއިން ބައެއް މީހުންނަކީ ޖޮއިންޓްކޮށް ފޯމު ހުށަހެޅިދާނެ މީހުން ކަމަށެވެ. އެހެންވެ، އެގޮތަށް ފޯމު ހުށަހެޅުމަށް ފުރުސަތު އޮތް ކަމަށް ބުނެ އަސްލަމް އިއްޔެ އެކަމަށް ބާރު އެޅި އެވެ.
އެގޮތަށް ލިބުމުން ގިނަ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބި، ޖޮއިންޓްކޮށް ލިބޭ ގޯތީގެ ސައިޒް ވެސް ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޖޮއިންޓް ހުށަހެޅުންތަކަށް އިސްކަމެއް ދޭނެ ކަމަށް ވެސް ބުންޏެވެ.
މިފަހަރު ލިސްޓު އެކުލަވާލީ، ގެތަކަށް ގޮސް މީހުން ދިރިއުޅޭ ހާލަތު ނުބަލަ އެވެ. އެހެންވެ، ގޯތި ދޫކުރި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލީ ކިހިނެއްތޯ ބައެއް އާންމުން ސުވާލު އުފައްދަ އެވެ.
އެކަމާ ގުޅިގެން، އަސްލަމް ވިދާޅުވި ގޮތުގައި ގޭގެއަށް ގޮސް ބެލުމުން ފެންނަނީ ބިމަށް އެދޭ މީހާ "ދައްކަން ބޭނުންވާ ތަނެއް" ކަމަށެވެ. އެހެންވެ، ގޭގެއަށް ގޮސްގެން ބެލުމަކީ އިންސާފުވެރިކޮށް އެކަން ކުރުމުން ކަމަށް ނުދެކޭ ކަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ބޭނުންކުރީ، ދައުލަތުގެ އެކި މުއައްސަސާތަކުގައި ހުރި މީސްމީހުންނާ މައުލޫމާތުތައް ކަމަށް ވިދާޅުވި އެވެ. އެ މައުލޫމާތުތައް އެއްކޮށްލުމުން ޖުމްލަ މަންޒަރެއް ފެންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ލިސްޓު އެކުލަވާލި ކޮމިޓީން މަސައްކަތް ކުރީ ވަރަށް ފަރުވާތެރިކަމާއެކު އެވެ. އެހެންވެ، ވަގުތީ ލިސްޓަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.މަޖިލީހަށް ހާޒިރުކޮށް ފްލެޓު ލިސްޓު ކޮބާތޯ އެތައް ފަހަރަކު ސުވާލު ކުރިކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، އަވަސްއަރުވާލައިގެން ޕްރެޝަރަށް ދީލައިނުލައި މަސައްކަތް ކުރީ ރަނގަޅަށް މަސައްކަތްކޮށް، ރަނގަޅު ނަތީޖާއެއް ނެރެން ކަމަށެވެ.
"މާލޭ މީހުންނަށް ވަކި ތަފާތު ކުރަން ނުޖެހޭ"
މާލޭގެ ބިންތަކުގެ އަގު ބޮޑުވެފައި، ހަމައެކަނި މާލޭ މީހުންނަށް އެހައި އަގުހުރި ބިންތަކެއް ހިލޭ ދިނުމަ އެއީ އެއް ބަޔަކަށް ވެވޭ ބޭއިންސާފެއް ކަމަށް ބުނެ ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ. ސަބަބަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާ ބިމެއް ހަމައެކަނި މާލޭ މީހުންނަށް ދޭ ދިނުމެވެ.
ހަމައެކަނި މާލޭ މީހުންނަށް ގޯތި ދޫކުރާ ސަބަބު އަސްލަމް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދެއްވި އެވެ.
އޭނާ ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބިންކޮޅެއް ނުލިބޭތާ އެތައް ޒަމާންތަކެއް ވެއްޖެ ކަމަށެވެ. އެހެންވެ، އެހެން ރަށްތަކުގެ މީހުންނެކޭ އެއްގޮތަށް މާލޭ މީހުންނަށް ވެސް ގޯތި ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މާލެއިން ކުރިން ދީފައި ހުރި ބިންތައް ފޮތިކުރަމުން ގޮސް މިހާރު ގޯއްޗަކަށް ނުވާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެއީ ވަގުތުން ހައްލެއް ހޯދަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
"ކީއްވެގެން ތޯ އޭ މާލޭ ސަރަހައްދުގެ މީހުންނަށް ގޯތި ދެނީ؟ އެއީ މާލޭ ސަރަހައްދުގެ ރައްޔިތުން ރާއްޖޭގެ އެހެން ރަށްރަށުގައި އުޅޭ މީހުންނާ އެހާ ތަފާތުކުރަން ޖެހޭ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެހެން ރަށްރަށުން ވެސް ގޯތި ދޭ. ބޯދާ ޒަމާނުން ފެށިގެން ގޯތި ދޭ. މާލޭގެ ރައްޔިތުންނަށް ވެސް ކޮންމެ ވެސް މިންވަރަކަށް ލިބެން ޖެހޭ، ލިބެން އޮތް މިންވަރަކުން ދޭން ޖެހޭ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި، މާލެއަށް އޮތް ތޮއްޖެހުން ކުޑަކުރެވޭނީ މުޅި ރާއްޖެ ތަރައްގީކޮށްނެވެ. އަދި އެމަގުން ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާ ކަމަށް ވިދާޅުވި އެވެ.
"ގޯތި ދޫކުރަން މާލޭ ސަރަހައްދު އިތުރަށް ހިއްކޭނެ"
ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ބުނަމުންދަނީ ގޯތި ދޫކުރި އިރު ދޫކުރާނެ ގިނަ ބިންތައް އަދި ވުޖޫދުގައި ވެސް ނެތް ކަމަށެވެ. ސަބަބަކީ ބިން ދިނުމަށް ހަމަޖެހިފައިވާ ގުޅީފަޅާއި ގިރާވަރުފަޅު އަދި ހިއްކައި ނުނިމުމެވެ. އެހެންވެ، ޝަރުތުހަމަވީ އެންމެނަށް ގޯތި ދޭނެ ގޮތާ މެދު ވެސް ސުވާލު އުފައްދަ އެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ޓްވިޓާގައި ވިދާޅުވީ، އެއީ އުޅުވާލުމާއި މަކަރު ހެދުން ކަމަށާއި ދޫކުރަން ވައުދުވި 90 ޕަސެންޓު ބިން ވުޖޫދުގައި ނެތް ކަމަށެވެ.
އެ ސުވާލު ވެސް އިއްޔެ މިނިސްޓަރާ އަމާޒުވި އެވެ. އަސްލަމް ވިދާޅުވީ، ގުޅީފަޅު އޮތީ ހިއްކުމަށް ބަންޑް ވޯލް ޖަހާފައި ކަމަށެވެ. އަދި ޖުލައި މަހުގެ ތެރޭގައި ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތެއް މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި މިހާރު ހިއްކުމަށް ނިންމާފައިވާ ސަރަހައްދަށް ވުރެ ބޮޑަށް ވެސް ހިއްކެން އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އަދި ހުޅުމާލެއިން އިތުރު ވެސް ބިމެއް ހިއްކަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
"އެކަމަށް އަދި އިތުރަށް މާލޭ ސަރަހައްދަށް ތަންތަން ހިއްކެން އެބަ އޮތް. އެ މަސައްކަތައިގެން އަޅުގަނޑުމެން ކުރިއަށްދާނީ. އަޅުގަނޑު ގަބޫލުކުރަނީ އެކަން ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދެމި އޮންނާނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.
މާލޭ ސަރަހައްދުން ބިން ހިއްކައިގެން ހިލޭ ގޯތިން ދިން މިއީ ފުރަތަމަ ފަހަރެވެ. އިއްޔެ ގެޒެޓެއްގެ ސިފައިގައި ސަރުކާރުން ސިއްކަޖެހީ އެކަން ކުރުމަށެވެ. ނޭވާލާން ރައްޔިތުންނަށް ޖާގަ ލިބޭނީ ކުރަހައިދިން މަންޒަރުގައި ކުލަ ޖެހިގެންނެވެ. އެކަން ވާނީ ތަން ހިއްކައި، ގެވަޅު ދެއްކުނީމަ އެވެ.












