ވާގްނާ ގްރޫޕުގެ ސިފައިން މޮސްކޯއާ ދިމާލަށް ދަތުރުކުރީ ބަގާވާތެއް ހިންގަން ނޫން ކަމަށާއި އެއީ އަޑުއުފުލުގެ ގޮތުން ހިންގި ހަރަކާތެއް ކަމަށް އެ ގްރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޯޖިން ބުނެފި އެވެ.
އެ ހަރަކާތުން އެނގުނީ ރަޝިއާގެ "ސީރިއަސް ސެކިއުރިޓީ މައްސަލަތައް" ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތަށް ބުނީ ރަޝިއާ ދޫކޮށް ބެލަރޫސްއަށް ގޮސް ނެރުނު ފުރަތަމަ ބަޔާނުގަ އެވެ.
ޕްރިގޯޖިން ބުނީ އޭނާގެ ފައުޖުން މިސްރާބު އަނބުރާލީ މޮސްކޯއާ 200 ކިލޯމީޓަރާ ކައިރިވި ފަހުން ކަމަށާއި އެގޮތަށް ނިންމީ ލޭއޮހޮރުވަމް ބޭނުން ނުވާތީ ކަމަށެވެ.
"އަޅުގަނޑުމެން އެ ހަރަކާތް ފެށީ ނާއިންސާފަކާ ދެކޮޅަށް. އެއީ ވާގްނާ ގްރޫޕް ސުންނާފަތިކޮށްލުމާ ދެކޮޅަށް ފެށި ހަރަކާތެއް. އަޅުގަނޑުމެން ދިޔައީ އަޑުއުފުލަން، ސަރުކާރު ވައްޓާލާކަށް ނޫން."
ވާގްނާ ގްރޫޕްގެ ސިފައިން މޮސްކޯއަށް ނުގޮސް މިސްރާބު އަނބުރާލައި ބެލަރޫސްއަށް ދިޔައީ އެ ގައުމުގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯގެ ހުށަހެޅުމަކަށެވެ.
އެ ހުށަހެޅުމުގެ ތަފްސީލް ޕްރިގޯޖިން ހާމައެއްނުކުރެ އެވެ. އެކަމަކު ބެލަރޫސްގައި ތިބެގެން ވާގްނާ ގްރޫޕް އޮޕަރޭޓް ކުރެވޭނެ ގޮތެއް ހުށަހެޅުމުގައި ހިމެނޭ ކަމަށް އޭނާ ބުންޏެވެ.










