ބޫޓާން ބަލިކޮށް، ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023، ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ލެބަނަން ޖާގަ ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ލެބަނަން މިރޭ ބޫޓާން އަތުން 4-1 އިން މޮޅުވުމާ އެކު އެ ޓީމަށް ވަނީ ސެމީ ފައިނަލުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެފަ އެވެ. އެ ޓީމު ކަޓާނެ ހަމައެކަނި ގޮތަކީ ފަހު މެޗުގައި ރާއްޖެ އަތުން ބޮޑު ތަފާތަކުން ބަލިވެ، ބޫޓާނާއި ބަންގްލަދޭޝް ވާދަކުރާ މެޗުން ބޮޑު ތަފާތަކުން ބޫޓާން ބަލިވެގެންނެވެ. މިރޭގެ މެޗުން ބޫޓާން ބަލިވުމާ އެކު އެ ޓީމް ވަނީ މުބާރާތުން ކަޓައިފަ އެވެ.
މިރޭގެ މެޗަށް ދެ ޓީމުން ވެސް ނުކުތީ މަދު ބަދަލުތަކަކާ އެކުގަ އެވެ. މީގެ ތެރެއިން ފާހަގަކޮށްލެވެނީ ބޫޓާންގެ ތަރި ޗެންޗޯ ޔެލްޝެން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުމެވެ. ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ފެށީ ބެންޗުންނެވެ.
ފުރަތަމަ ހާފު ލެބަނަން އިން ނިންމާލީ ހަތަރު ގޯލުގެ ލީޑަކާ އެކުގަ އެވެ. ފުރަތަމަ ގޯލު 11 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ސަދެކް އެވެ. މިއީ އޭރިއާ ބޭރުން ލެބަނަންގެ އަލީ އަލް ހާޖް ފޮނުވާލި ހަމަލާއެއް ކީޕަރު ޝެރިންގް ޑެންޑުޕް އަތުގައި ޖެހިފައި ނުކުތް ވަގުތު އެ ބޯޅައަށް އަރައި ސަދެކް ޖެހި ގޯލެކެވެ.
އޭގެ ހަ މިނެޓު ފަހުން އޭރިއާ ބޭރުން އަލް ހާޖް ބާރު ހަމަލާއެއް ފޮނުވާލި އެވެ. ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ބޫޓާންގެ ކީޕަރު ޑެންޑުޕް އެ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލި އެވެ.
ލެބަނަން ޓީމުން ލީޑު ފުޅާކުރީ މެޗުގެ 24 ވަނަ މިނެޓުގަ އެވެ. މިއީ އޭރިއާ ރޮނގުމަތިން ލިބުނު ބޯޅައެއް ހިފައިގެން ވަދެ ބޫޓާންގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ އަލް ހާޖް އެވެ.
ފުރަތަމަ ހާފު އެއްކޮށް ކޮންޓްރޯލްކޮށް ގިނަ އެޓޭކްތަކެއް ކުރަން މަސައްކަތް ކުރަމުންދިޔަ ލެބަނަން ޓީމުގެ ތިންވަނަ ގޯލަކީ އެ ޓީމަށް ލިބުނު ކޯނަރަކުން ޖެހި ގޯލެކެވެ. އަލް ހާޖް ނަގައިދިން ކޯނަރުން ލެބަނަންގެ ހަސަން ސްރޫރް ބޮލުން ފޮނުވާލި ހަމަލާ ބޫޓާންގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ލިބުނީ ލެބަނަންގެ ޚަލީލް ބަދަރަށެވެ. އޭނާ ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.
ލެބަނަން ޓީމު އެއްކޮށް ކުރިއަށް ޖެހިލައިގެން ކުޅުމުގެ ނަތީޖާއަކަށްވީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން އިތުރު ގޯލެއް ޖެހުމެވެ. މި ފަހަރު ހަލީލް ބަދަރު ފޮނުވާލި ހަމަލާ ބްލޮކްވެގެން ލިބުނީ މަހްދީ ޒެއިން އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޫޓާނުން ވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. އަރިމަތިން ނިމާ ވަންގްޑީ ނަގައިދިން ހުރަހަކުން ޓެންޒިން ނޯބޫ ބޮލުން ފޮނުވާލި ބޯޅަ ލެބަނަންގެ ކީޕަރު އެންޓޮއިން ނަޔާ އަލްދޫހީ ދިފާއުކުރި އެވެ.
ދެ ވަނަ ހާފު ފަށައިގެން ރަނގަޅު ހަމަލާތައް އުފައްދަމުން ދިޔައީ ބޫޓާނުންނެވެ. އެ ގޮތުން ގޯލު ޖަހާނެ ހުސް ދެ ފުރުސަތު ބޫޓާންގެ ފޯވާޑް ޗެންޗޯއަށް ލިބުނެވެ. ފުރަތަމަ ފުރުސަތަކީ އޭރިއާ ބޭރުން ކިންގާ ވަންގްޗުކް ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ހުސްކޮށް ހުއްޓާ ޗެންޗޯ އަށް ލިބުނު ފުރުސަތެވެ. ޗެންޗޯ ގޯލުގެ ކަނަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ކީޕަރު ދިފާއުކުރި އެވެ.
އޭގެ ދެ މިނެޓު ފަހުން ބޫޓާނަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ އޭރިއާ ތެރެއިން ޗެންޗޯ އަށް ލުބުނާންގެ ކެޕްޓަން މުހައްމަދު އަލީ ދައިނީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ފަހަރު ޗެންޗޯ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުނުވެ އަރިމަތީ ދަނޑި ކައިރިން ދިޔައީ ބޭރަށެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފުގައި ލެބަނަންގެ ކުޅުންތެރިން ފެނުނީ މެޗު ފަސޭހަކޮށްލައިގެން ކުޅުނުތަނެވެ. އަނެއްކޮޅުން މެޗުގެ ފޯރިވެސް މިހާފުގައި ފެނުނީ ދަށްކޮށެވެ. މެޗުގެ ފަހު ދިހަ މިނެޓާ ހަމައަށް ދިޔައީ މަ އެދެވޭ ކުޅުމެއް ދެ ޓީމަށްވެސް ނުދެއްކި އެވެ.
މެޗުގައި ބޫޓާނުން ޖެހި ހަމައެކަނި ގޯލަކީ 79 ވަނަ މިނެޓުގައި ޗެންޗޯ ޖަހައިދިން ގޯލެކެވެ. ބޫޓާންގެ އަރިމަތިން ކުރިއަށްދިން ބޯޅައަކަށް އަރައި ޗެންޗޯ ވަނީ ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައި މުބާރާތުގައި އޭނާގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ.
ދެ ވަނަ ހާފުގައި ލެބަނަން އިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ހަލީލް ބަދަރެވެ. ބޫޓާންގެ ފަހަތުން ޝެރުބް ދޯޖީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބޯޅައާ އެކު އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
އޭގެ ފަހުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަސަން މާތޫކަށް ހުސްކޮށް ހުރެ ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އެވެ.
ސާފް ޗެމްޕިއަންޝީޕްގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު އެވެ. އެ މެޗުގައި ވާދަކުރާނީ މުބާރާތުން ކަޓާފައިވާ ޕާކިސްތާނާއި ނޭޕާލް އެވެ. އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ އިންޑިއާ އާއި ކުވެއިތެވެ.













