ނިއުކާސަލް (ޖޫން 25) - ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑުން ބޮޑު ހޭދައެއް ކުރަންޖެހޭނަމަ އެކަން ކުރަން ތައްޔާރަށް ތިބި ކަމަށް އެކުލަބުގެ ވެރިން ހާމަކޮށްފި އެވެ.
ނިއުކާސަލް ޔުނައިޓެޑަކީ ޕްރިމިއާ ލީގުގެ ކުލަބުތަކުގެ ތެރެއިން އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅޭނެ އެއް ކުލަބެވެ. މި ދިޔަ ސީޒަންގައި އެކުލަބުން ވަނީ ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދައިފަ އެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ޓީމު ތަކުން ފަށާފައިވާއިރު ނިއުކާސަލް ޔުނައިޓެޑު ވެސް ފެންނަނީ ޓްރާންސްފާ މާކެޓްގައި ވަރަށް އެކްޓިވް ކޮށެވެ. މި ގޮތުން އެޓީމުން އަންނަނީ ޑިފެންސާއި މިޑްފިލްޑް ލައިން ވަރުގަދަ ކުރުމަށް މަސައްކަތްކުރަމުންނެވެ.
ބޮޑު ހޭދައެއް ކުރަން ބަލާއިރު ނިއުކާސަލް ޔުނައިޓެޑަކީ މާލީ ތަނަވަސްކަން އޮތް ކުލަބެކެވެ. އެ ގޮތުން، 2020-2021 ވަނަ އަހަރުގެ ސީޒަންގެ ފަހުކޮޅު ސައުދީގެ ޝާހީ އާއިލާ އެކުލަބު ގަތް ހިސާބުން ފެށިގެން ކުލަބުގެ ވެރިން އަންނަނީ ކުލަބަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކުރިއަށް އޮތް ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަ އެއް އެޓީމުން ހޯދުމާއިއެކު ކުލަބުން އިތުރު ހޭދައެއް ކުރާނެކަމަށް ބެލެވެ އެވެ.
މިކަމާ ގުޅޭގޮތުން ކުލަބުގެ ޗެއާމަން ޔާސިރު އަލް ރުމައްޔާން ވިދާޅުވީ ކުލަބުގެ އާމްދަނީ މިހާރު އިތުރުވަމުން އަންނަކަމަށާއި، އޭގެ ސަބަބުން އިތުރު ކުޅުންތެރިން ހޯދުމަށް ފަސޭހަވާނެކަމަށެވެ. އަދި އާ ސީޒަނަށް ކުލަބުން ގެންނަން ބޭނުންވާ ކުޅުންތެރިން ހޯދުމުގައި ކުލަބުގެ ވެރިންގެ އެހީތެރިކަންވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ސީޒަންގައި ނިއުކާސަލް ޔުނައިޓެޑް ކުޅުނު ގިނަ މެޗުތަކެއް ބައްލަވާލެއްވުމަށޤ ސްޓޭޑިއަމަށްވެސް ވަޑައިގެންނެވި ޔާސިރު ވިދާޅުވީ ކުލަބުން ޗެމްޕިއަންސް ލީގުގެ ޖާގަ އެއް ހޯދުމަކީވެސް މިވަގުތު ކުލަބުގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށާއި، ސްޕޮންސަރުންގެ ފަރާތުންވެސް ބޮޑު އެއް ބާރުލުމެއް ލިބެމުން އަންނަކަމަށެވެ.
ކުރިއަށް އޮތް ޓްރާންސްފާގައި ކުލަބުން ހޭދަތައް ކުރުމުގައި ޔުއެފާގެ ފައިނެންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކާ އެއްގޮތަށް ހޭދަކުރަން ސަމާލުކަން ދެއްވާނެކަމަށް ވިދާޅުވި އެވެ.
"އަހަރުމެން މިއަހަރު ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ ކުލަބުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ލިބުނު ހިތްވަރެއް. ޗެމްޕިއަންސް ލީގުންވެސް ބޮޑު އާމްދަނީ އެއް ލިބޭނެ. ސްޕޮންސަރުންވެސް މިހާރު އިތުރުވެއްޖެ. މި ހުރިހާ ކަމަށް ބަލާއިރު އަހަރުމެންނަށް ކުޅުންތެރިން ހޯދުމަށް ރަނގަޅު ބަޖެޓެއް އެބައޮތް" ޔާސިރު ވިދާޅުވި އެވެ.
ނިއުކާސަލް ޔުނައިޓެޑުން އެންމެ އަވަހަށް ސޮއިކުރުން ގާތީ އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސަންދްރޯ ޓޮނާލީ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިލާނުން ޓޮނާލީ ވިއްކާލުމަށް ތައްޔާރަށް ތިބިއިރު، ނިއުކާސަލް ޔުނައިޓެޑުން އޭނާ އަށް 55 މިލިއަން ޕައުންޑް ހޭދަކުރަން ޖެހޭނެ އެވެ.
ޓޮނާލީގެ އިތުރުން ލެސްޓާ ސިޓީގެ ޖޭމްސް މެޑިސަން އާއި ޗެލްސީގެ މާކް ކުކުރެލާއަކީ އެކުލަބުން ގަންނަން ޝައުގުވެރިވާ ކުޅުންތެރިންނެވެ.












