މޮސްކޯ، ރަޝިއާ (ޖޫން 24) - ލޭއޮހޮރުވުމަކަށް ނުދިޔުމަށްޓަކައި ވާގްނާ ގްރޫޕުގެ ސިފައިން މޮސްކޯއަށް ނުގޮސް މިސްރާބު އަނބުރާލަން ނިންމައިފި އެވެ.
ރަޝިއާގެ ކުލީ ސިފައިންގެ ގްރޫޕް ވާގްނާގެ ވެރިޔާ ޔެވްގެނީ ޕްރިގޯޖިން ބުނީ އޭނާގެ ފައުޖު މިސްރާބު އަނބުރާލީ ލޭއޮހޮރުވަން ބޭނުން ނުވާތީ ކަމަށެވެ.
"އަޅުގަނޑުމެން މިސްރާބު ބަދަލުކޮށް، އެނބުރި މި ދަނީ ކުރިން ތިބި ކޭމްޕަށް،" އޭނާ ބުންޏެވެ.
ރަޝިއާގެ ސިފައިންގެ ލީޑާޝިޕް ވައްޓާލާނެ ކަމަށް ބުނެ މޮސްކޯއާ ދިމާލަށް ފެށި ދަތުރު ނިންމާލައި ޕްރިގޯޖިން ބުނީ "ރަޝިއާގެ ލޭ އޮހޮރުވަން ބޭނުން ނުވާ" ކަމަށެވެ.
ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ ގާތް ގުޅުމެއް އޮންނަ ބެލަރޫސްގެ ލީޑަރު އެލެގްޒެންޑާ ލުކަޝެންކޯ ހޮނިހިރު ދުވަހު ވިދާޅުވީ ޕްރިގޯޖިންގެ ވިސްނުން ބަދަލު ކުރުމުގައި ދައުރެއް އަދާކުރެއްވި ކަމަށެވެ.
"ޔެވްގެނީ ޕްރިގޯޖިން ވަނީ ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯގެ ހުށަހެޅުން ގަބޫލުކޮށް، ސިފައިންގެ މިސްރާބާއި ހަރަކާތްތައް އަނބުރާލައި، ހާލަތު ހަމައަކަށް ގެންނަން އެއްބަސްވެފައި،" ބެލަރޫސްއިން ބުންޏެވެ.
އުމުރުން 62 އަހަަރުގެ ޕްރިގޯޖިން ރަޝިއާގެ ސިފައިންނާ ދެކޮޅަށް ތެދުވީ އޭނާގެ ލަޝްކަަރުގެ ސިފައިންނަށް ރަޝިއާގެ ފައުޖުން ހަމަލާދީ ގިނަ ބަޔަކު މަރާފައިވާ ކަމަށް ބުނެ އެވެ.










