އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އަކީ ހުރިހާ ގޮތަކުން ބެލިޔަސް ޓީމަށް ފައިދާ ބޮޑު ހާއްސަ ކުޅުންތެރިއެއް ކަމަށް އިންޑިއާ ޓީމުގެ އަރަމުން އަންނަ ތަރި، ސަހާލް އަބްދުލް ސަމަދު ބުނެފި އެވެ.
ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާ އިން ކުުޅުނު ފުރަތަމަ މެޗުގައި ވަނީ ޕާކިސްތާން އަތުން 4-0 އިން މޮޅުވެފަ އެވެ. އެ މެޗުގައި ޗެތުރީ، 38, ވަނީ ހެޓްރިކެއް ހަދައިފަ އެވެ.
ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި، ސަހާލް، 26، އިއްޔެ، އިންޑިއާ އިން ބޭއްވި ޕްރެކްޓިހުގެ ތެރެއިން މީޑިއާ އަށް ދިން އިންޓަވިއުގައި ވަނީ ޗެތުރީ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
"އަހަރެމެން ވަރަށް އުފާވޭ އޭނަ (ޗެތުރީ) ހުރީމަ، އަބަދުވެސް އޭނަގެ އެހީތެރިކަން ލިބޭ. އަބަދުވެސް ޒުވާން ކުޅުންތެރިން ވިޔަސް ކޮންމެ ކުޅުންތެރިޔަކު ވިޔަސް އޭނަ އެ ދަނީ އެހީވަމުން. ގުރްޕްރީތު (ގޯލްކީޕަރު) ވެސް ވަރަށް އެހީވޭ. ހުރިހާ ކުޅުންތެރިންނަށްޓަކައި އޭނަ (ޗެތުރީ) ހުރޭ. ޕްރޮފެޝަނަލް ކަންކަމަށް ބެލިޔަސް އޭނަ އަކީ ފުރިހަމަ މިސާލެއް. އަހަރެން ވަރަށް އުފާވޭ އޭނައާ އެކު މި ޓީމަށް ކުޅެން، އަހަރެންގެ އުންމީދަކީ ގިނަ އަހަރުތަކެއް ވަންދެން އަދިވެސް އޭނާއާ އެއް ޓީމަށް ކުޅުން،" ސަހާލް ބުންޏެވެ.

މީޑިއާ އަށް ދިން އިންޓަވިއުގެ ތެރެއިން ސަހާލް: އޭނާ އަކީ އިންޑިއާގެ އަރަމުން އަންނަ އެއް ކުޅުންތެރިޔާ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މީގެ ދެ އަހަރު ކުރިން، ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ސަހާލް ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ ފަހަރުގެ، ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ނޭޕާލް އަތުން 3-0 އިންޑިއާ މޮޅުވިއިރު، އެ މެޗުގައި ބަދަލަކަށް ކުޅެން އަރައި، ސަހާލް ވަނީ ގޯލު ޖަހައިފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދައި، އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް އިންޑިއާ އަށް މި ފަހަރުގެ މުބާރާތުގެ ތަށި ދިފާއުކުރެވިދާނެތޯ ނޫސްވެރިއަކު އެހުމުން ސަހާލް ބުނީ ވިސްނަނީ ޓީމެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ކަމަށެވެ.
"ޕްރެޝަރެއް ނެތް، އަހަރެމެންގެ އެބަތިބި ވަރަށް ރަނގަޅު ކުުޅުންތެރިން. މި ލެވަލްގެ ތަޖުރިބާ އެބަހުރި އެ މީހުންގެ، ހުނަރުހުރި ޒުވާން ކުޅުންތެރިން ވެސް އެ އަންނަނީ އަރަމުން. އެންމެ އުނދަގޫ ކަމަކީ ތަށްޓެއް ދިފާއުކުރުން،" އިންޑިއާ ސުޕަ ލީގުގެ ކެރަލާ ބްލާސްޓާސް އަށް ކުޅެމުން އަންނަ ސަހާލް ބުންޏެވެ.
އިންޑިއާގެ ފުޓްބޯޅަ ފާއިތުވި ހަތަރު އަހަރު، ކްރޮއޭޝިއާގެ އީގޯ ސްޓިމަކްގެ ކޯޗުކަމުގައި ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ކަމަށް ސަހާލް ވަނީ ބުނެފަ އެވެ. ހާއްސަކޮށް ބޯޅަ ހިފަހައްޓައިގެން ކުޅޭ ޕޮޒެޝަން ފުޓްބޯޅަ އަށް އިންޑިއާ ހާނުވަން ސްޓިމަކް ކުރާ މަސައްކަތް ސަހާލް ފާހަގަކުރި އެވެ.

ޕާކިސްތާން ދެ ކުޅުންތެރިން ކައިރިން އިންޑިއާ ޓީމުގެ ސަހާލް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ފަހަކަށް އައިސް ސަހާލް އަންނަނީ އިންޑިއާ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަމުންނެވެ. އިންޑިއާ ޓީމުގެ 10 ނަމްބަރު ޖޯޒީގައި ތަފާތު ދައްކަމުން އަންނަ، ސަހާލް ބުނީ އެންމެ މުހިންމު ކަމަކީ ކޯޗުގެ އިތުބާރު ދެމެހެއްޓޭ ފަދަ ލެވަލަކަށް އަބަދުވެސް ކުޅުން ދެމެހެއްޓުން ކަމަށެވެ.
"ކުޅުންތެރިއަކަށް ވަރަށް މުހިންމު ކަމެއް އެއީ ކޯޗުގެ އިތުބާރާއި ޔަގީންކަން އޮތުން. އަހަންނަށް މި ކޯޗު (ސްޓިމަކް)ގެ ފަރާތުން އެކަން އެބަ ލިބޭ. އެހެންވެ، އަހަންނަށް ހަމަޖެހިލައިގެން އުފަލާ އެކު ކުޅެލަން އެ ލިބެނީ. ޔަގީންކަމާ އެކު ބުނަން އެނގޭ އަހަންނަށް އަދިވެސް ރަނގަޅުކުރެވޭނެ ކަންކަން އެބަހުރި. އެންމެ ބޮޑު ކަމަކަށް އަހަރެން ކުރަން ޖެހޭ ކަމަކީ ގޯލު ޖެހުން ނޫނީ ގޯލު ޖަހަން އެހީތެރިވެދިނުން. ގޯލާއި އެސިސްޓް ގިނަ ކުރަން އެބަޖެހޭ،" ސަހާލް ބުންޏެވެ.
"ގޯލު ޖަހަން ބަލާއިރު އަހަރެމެންނަށް އެބަހުރި އާދަޔާހިލާފު ކުޅުންތެރިއެއް. (ޗެތުރީ) ގޯލު ޖަހާނެ. ކޯޗު އެބަ ބުނޭ އެކަން ބަދަލުވާން ޖެހޭނެ ކަމަށް އަހަރެމެން ވެސް ގޯލު ޖަހަން އެބަޖެހޭ ކަމަށް، ހަމައެކަނި ސުނިލް (ޗެތުރީ) ބާއީ އެއް ނޫނޭ ގޯލު ޖަހަންވީ،"
އިންޑިއާ އިން ކުޅޭ ދެ ވަނަ މެޗުގައި މިއަދު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ސަހާލް ބުނީ ނޭޕާލަކީ ވަރުގަދަކޮށް ކުޅޭ ޓީމެއް ކަމަށާއި އެ މީހުންގެ ކުޅުން އިންޑިއާ ޓީމުގެ ވީޑިއޯ ސެޝަންގައި ބަލާފައިވާނެ ކަމަށެވެ.













