ވިގޯ، ސްޕެއިން (ޖޫން 23) - މަޝްހޫރު ގިނަ ޓީމުތަކަކަށް ކޯޗުކޮށްދީފައިވާ ސްޕެއިނުގެ ތަޖުރިބާކާރު ކޯޗު ރަފައެލް ބެނިޓޭޒް، ސްޕެނިޝް ލީގުގެ ސެލްޓަ ވިގޯގެ ކޯޗުކަމާ ހަވާލުވާން ނިންމައިފި އެެވެ.
ނިމިދިޔަ ސީޒަނުގައި ސެލްޓަ ވިގޯ ސްޕެނިޝް ލީގުގެ ރެލިގޭޝަނުން ސަލާމަތްކޮށްދިނުމަށް ފަހު އެ ޓީމުގެ ކޯޗަކަށް ހުރި ކާލޯސް ވަނީ މި މަހު ކުރީކޮޅުގައި އެ ޓީމުގެ މަގާމު ދޫކޮށްލައިފަ އެވެ.
ހުސްވެފައިވާ ސެލްޓަ ވިގޯގެ ކޯޗުކަމާ ބެނިޓޭޒް، 63، ހަވާލުވާން ނިންމީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
އަންނަ ސީޒަނުގައި ސެލްޓަ އަށް 100 އަހަރު ފުރުން ފާހަގަކުރާއިރު، ބެނިޓޭޒް އެ ކްލަބާ އެކު ރަސްމީކޮށް ސޮއިކުރާނީ އަންނަ މަހު ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. ބެނިޓޭޒާ އެކު ކްލަބުން ބޭނުންވާ މިސްރާބަށް ދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑް، ލިވަޕޫލަށް ކޯޗުކޮށްދިން ބެނިޓޭޒް އެންމެ ފަހުން ހަވާލުވެ ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންއާ އެވެ. އެ ޓީމުގެ ކޯޗުކަމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަކިކުރި ފަހުން ބެނިޓޭޒް ހުރީ ވަޒީފާއެއް ނެތި އެވެ.
ބެނިޓޭޒަކީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އެ ގޮތުން، ބެނިޓޭޒް ވަނީ 2005 ވަނަ އަހަރު ލިވަޕޫލަށް ޗެމްިޕިއަންސް ލީގު ހޯދައިދިނުމުގެ އިތުރުން، ވެލެންސިއާ އަށް ސްޕެނިޝް ލީގުގެ ތަށި ދެ ފަހަރެއް މަތިން ހޯދައިދީފަ އެވެ.
ގިނަ ގައުމުތަކެއްގައި މަސައްކަތްކޮށްފައިވާ ބެނިޓޭޒް ވަނީ ޗައިނީސް ސުޕަ ލީގުގެ އިތުރުން އިޓާލިއަން ލީގުގައި އިންޓަ މިލާނާއި ނަޕޯލީ އަށް ވެސް ކޯޗުކޮށްދީފަ އެވެ.












