ސާފް ޗެމްޕިއަންޝިޕުގައި ފުރަތަމަ ފަހަރަށް ކުޅުނު ލެބަަނަންއިން 2-0 އިން ބަންގްލަދޭޝް ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުން ވާދަކުރާ މުބާރާތުގައި ލެބަނަން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ ދެ ވަނަ ހާފުގެ ފަހުކޮޅުގައި ޖެހި ދެ ގޯލުންނެވެ.
ބެންގަލޫރުގެ ކަންޓީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ލެބަނަން އިން ނެރުނު ފުރަތަމަ އެގާރައިގައި ކެޕްޓަން ހަސަން މާތޫކު ހިމަނާފައެއް ނުވެ އެވެ. އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖަހައިދިން މިޑްފިލްޑަރު މެޗުގައި ކުޅެން ނުކުތީ ދެ ވަނަ ހާފުގަ އެވެ.
މިއަދުގެ މެޗު ފަށައިގެން ފުރަތަމަ 15 ވަރަކަށް މިނެޓަށް ބަލާއިރު ދެ ޓީމަށް މާ ނުރައްކާތެރި ހަމަލާތަކެއް ނުއުފެއްދެ އެވެ. ދެ ޓީމުން ވެސް އަރިމަތިން ހުރަސްތައް ނަގައިގެން ހަމަލާތައް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.
މެޗުގެ ފުރަތަމަ ހަމަލާ ލެބަަނަން އިން ފޮނުވާލީ މެޗުގެ 16 ވަނަ މިނެޓުގަ އެވެ. ފޯވާޑް ކަރީމް ޑާވިޗް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅުނު ލެބަނަން ޓީމުން މެޗުގެ 33 ވަނަ މިނިޓުގައި ގޯލެއް ޖެހުމާ ގަތާށް ޖެހިލި އެވެ. އެ ޓީމުގެ އަލީ އަލް ހަޖް ނަގައިދިން ކޯނަރަކުން ހަސަން ކުރާނީ ފޮނުވާލި ބޯޅަ ކީޕަރު އަނީސު ރަހުމާން (ޒިކޯ) ދިފާއުކުރި އެވެ. އޭގެ ފަހުން އަރިމަތިން ލިބުނު ބޯޅައެއްގައި މުހައްމަދު ސާދިކް ފޮނުވާލި ހަމަލާވެސް ދިފާއުކުރީ ކީޕަރު ޒިކޯ އެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ފޯވާޑް ޑާވިޗް ފޮނުވާލި ބޯޅަވެސް ދިޔައީ ގޯލާ އަމާޒު ނުވެ އެވެ.
ފުރަތަމަ ހާފުގައި ބަންގަލްދޭޝުން އުފެއްދި އެންމެ ރަނގަޅު ހަމަލާ އަކީ މެޗުގެ 42 ވަނަ މިނެޓުގައި އެމްޑީ ފައިސަލް ފޮނުވާލި ބޯޅަ އެވެ. އަރިމަތިން ލިބުުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ކައިރި ކަނަށް ވަންނަން ދަނިކޮށް އެ ބޯޅަ ދިފާއުކުރީ ލެބަނަންގެ ކީޕަރު އަލީ ސަބީހު އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލެބަނަންގެ އަލް ހަޖް ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. އޭރިއާ ބޭރުން ލިބުނު ބޯޅަ ހިފައިގެން ބަންގްލަދޭޝްގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާފައި އޭނާ ނަގައިދިން ބޯޅަ ދިޔައީ ގޯލު ރޮނގު ކައިރިން ހުރަސް ވެގެންނެވެ. ފޯވާޑް ޑާވިޗް އަށް ހުރެވުނީ އެ ބޯޅަ ލިބޭ ވަރަށް ވުރެ ކުޑަ ތަންކޮޅެއް ފަހަތުގަ އެވެ.
ދެ ވަނަ ހާފު ލެބަނަން އިން ފެށީ ބެންޗުގައި އިން ކެޕްޓަން މާތޫކު ކުޅެން އަރުވައިގެންނެވެ. މާތޫކުގެ އިންޑިއާގައި ދާދި ފަހުން ނިމުނު އިންޓަ ކޮންޓިނެންޓަލް ކަޕްގައި މޮޅަށް ކުޅުނު ޒެއިން ފަރާން ވެސް ވަނީ ކުޅެން ނެރެފަ އެވެ.
މި ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ލެބަނަން އިން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ފަރާން އަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ކީޕަރު ޒިކޯ ދިފާއުކުރި އެވެ. އޭގެ ފަހުން އޭރިއާ ބޭރުން މާތޫކު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މި މެޗުގައި ގޯލެއް ޖެހުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ބަންގްލަދޭޝް އަށެވެ. ކައުންޓަ އެޓޭކުގައި އެމްޑީ ފައިސަލް އަހުމަދު ފަހީމް އެކަނިމާއެކަނި ގޮސް އޭރިއާ ތެރެއަށްވަދެ ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރު އަލީ ސަބީހު އެވެ.
މުޅި މެޗު އެއްކޮށް ކޮންޓްރޯލް ކޮށްގެން ކުޅުނު ލުބުނާން ޓީމަށް ހުސް ފުރުސަތުތަކެއް ތަނަވަސްކުރިޔަ ނުދީ ބަންގްލަދޭޝް އިން ރަނގަޅަށް ޑިފެންސް ކުރަމުން ދިޔައިރު ކައުންޓަ އެޓޭކުގައި ލިބުނު މަދު ބޯޅަތަކުގެ ބޭނުން ބަންގްލަދޭޝް އަށް ނުކުރެވުނެވެ.
ލެބަނަން އިން މެޗުގައި ޖެހި ފުރަތަމަ ގޯލު އެ ޓީމުގެ ކެޕްޓަން މާތޫކު ޖެހީ މެޗުގެ 80 ވަނަ މިނެޓުގަ އެވެ. މިއީ ބަންގްލަދޭޝްގެ ޑިފެންޑަރު ތާރިކް ރަހްމާން ކާޒީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޑާވިޗް ހޯދި ބޯޅަ މާތޫކު ގޯލަށް ވައްދާލީ ކީޕަރު ޒިކޯއަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.
މި ގޯލަށް ފަހު މެޗުގެ އިތުރު ވަގުތާ ހަމައަށް ލެބަނަން އަށް ރަނގަޅު ތިން ފުރުސަތެއް ލިބުނެވެ. އެ ގޮތުން ޑާވިޗް ބޮލުން ފޮނުވާލި ބޯޅައެއް ގޯލާ އަމާޒުނުވެ ދިޔައިރު، މާތޫކު ފޮނުވާލި ހަމަލާ އާއި މިޑްފިލްޑަރު އަލީ ނީޝް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ބްލޮކްވެގެންނެވެ.
ލެބަނަން އިން މެޗުގައި އެ ޓީމްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ކައުންޓަ އެޓޭކުގައި އަރިމަތިން ޒެއިން ނަގައިދިން ހުރަސް ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ވައްދާލައި ލެބަނަން އަށް މެޗުން މޮޅު ޔަގީންކޮށްދިނީ ހަލީލް ބަދަރު އެވެ.
މުބާރާތުގައި ލެބަނަން ކުޅޭ ދެ ވަނަ މެޗުގައި އެ ޓީމް ނުކުންނާނ ބޫޓާނާ ދެކޮޅަށެވެ. ބަންގްލަދޭޝް އަށް ކުރިއަށް އޮތީ ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ދެ މެޗު ވެސް އޮތީ އާދިއްތަ ދުވަހުގަ އެވެ.
ސާފް ޗެމްޕިއަންޝިޕް 2023 ގައި މިރޭ ކުޅޭނީ ގްރޫޕް ބީގައި ބޫޓާނާއި ރާއްޖެ ވާދަކުރާ މެޗެވެ.













