ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަސް ކަމެއް ނިންމާފައި ނޫނީ މަޖިލިސް ޗުއްޓީއަށް ނުދާ ގޮތަށް ދައުރު ދަންމައިލަން އެމްޑީޕީން ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ ނިޔަލަށް ނިމޭނެ އެވެ. މިއަދުން ފެށިގެން މިމަހުގެ ހުރިހާ ދުވަސްތަކަކީ ރަސްމީ ބަންދުދުވަސްތައް ކަމަށް ވާތީ މިއީ އާއްމު އުސޫލުން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ފަހު ދުވަހެވެ. އެކަން އެހެން އޮތް އިރު މަޖިލީހަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ވަރަށް އަވަހަށް ނިންމަން ޖެހޭ ބައެއް ކަންތައްތައް އެބަހުއްޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު އުޒުރުވެރިވެވަޑައިގެންނެވި ޔަސް، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތް، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ (ހ)ގެ ދަށުން ހެއްދެވުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާތައް ނުބާއްވަވައި ހުންނަވާފައި 22 ޖޫން ، 2023 ގައި (މިއަދު) ޖަލްސާއެއް ބާއްވަން ނިންމަވައި ހަަމަ އެކަނި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުން ހިމެނޭނެނެ ގޮތް ކަނޑައެޅުމުގެ މައްސަލަ އެޖެންޑާ ކުރުމަކީ އަސް ލަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދާ ހިލާފަށް ނަޝީދު ކުރެއްވި ކަމެކެވެ.
"...ޖަލްސާގެ އެޖެންޑާގައި އަންނަނިވި މައްސަލަތަކާއި ވަކިން ހާއްސަކޮށް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ހިމަނުއްވައި، މިމައްސަލަތަކަށް ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ މިދައުރު ދަންމައިލުމުގެ ފުރުސަތު ދިނުމަށް އެދި ދަންނަވަމެވެ،" ސިޓީގައި އަސްލަމް ވިދާޅުވި އެވެ.
ނިންމަން އެދުނު މައްސަލަތައް
- ކޮމިޓީތައް އެކުލަވައިލުމުގެ މައްސަލަ
- އޭޖީ އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަކިކުރުމުގެ މައްސަލަ
- މަޖިލީހުގެ ގަވައިދު ބަދަލުކުރުމުގެ މައްސަލަ
- އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުން
- މަޖިލީހުގެ ރައީސާއި ނައިބުރައީސް ވަކިކުރުމުގެ މައްސަލަ
މީގެ ތެރެއިން ރިފްއަތާއި ޝާހިދު ވަކިކުރުމުގެ މައްސަލަ ފިޔަވައި އެހެން މައްސަލަތަކަކީ އެމްޑީޕީން ހުށަހެޅި މައްސަލަތަކެވެ.














