ލަންޑަން، އިނގިރޭސިވިލާތް (ޖޫން 21) - ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާ ޒިންމާދާރު ކުރުވާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން ވައުދުވެއްޖެ އެވެ.
އެގޮތަށް ބުނީ ޔޫކްރެއިނަށް އެހީވުމާ ބެހޭ ކޮންފެރެންސެއްގެ ތެރެއިންނެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ގެއްލުންތައް މަރާމާތު ކުރުން 14 ބިލިއަން ޑޮލަރު ބޭނުންވެ އެވެ.
އެހެން ނަމަވެސް ވޯލްޑް ބޭންކާއި، އދ. އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔޫކްރެއިން ސަރުކާރުން ހެދި ދިރާސާއެއްގައި ބުނީ އިގްތިސާދު އަލުން ބިނާކުރުމަށް 411 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
ބުދަ ދުވަހުގެ ކޮންފެރެންސްގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ ޔޫކްރެއިން ސުންނާފަތިވެފައި ވަނީ ރަޝިއާގެ ސަބަބުން ކަމަށާއި އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
ހުޅަނގުގެ ގައުމުތަކުން އެގޮތަށް ބުނި އިރު، ހަނގުރާމަ އަދިވެސް ދަނީ ވަރުގަދަވަމުންނެވެ. ރަޝިއާއިން ބުނީ ބުދަ ދުވަހު މޮސްކޯ ކައިރިއަށް ފޮނުވި ޑްރޯންތަކެއް ވައްޓާލި ކަމަށެވެ.
ޔޫކްރެއިނުން ބުނީ އެ ގައުމުގެ ހުޅަނގަށް ފޮނުވި ހަ ޑްރޯން ވައްޓާލި ކަމަށެވެ. ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުޅަނގުން ދަނީ ޔޫކްރެއިނަށް ގިނަ އަސްކަރީ އެހީތަކެއް ފޯރުކޮށްދެމުންނެވެ.










