ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ނޭޕާލް އަތުން 3-1 އިން މޮޅުވި ކަމުގައިވިޔަސް މުޅި މެޗުގައި ފެނުނު ކަންތައްތަކާ މެދު އެއްކޮށް ހިތްހަމަޖެހޭ ކަމަށް ނުބުނެވޭނެ ކަމަށް ކުވެއިތުގެ ކޯޗު ޕޯޗުގަލްގެ ރުއީ ބެންޓޯ ބުނެފި އެވެ.
ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކުވެއިތުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއްނަގައި، ދެ ވަނަ ހާފުގައި ވެސް ކުރިން ގޯލެއް ޖަހާފައި ވަނިކޮށް، ނޭޕާލުން ވަނީ ގޯލެއް ޖަހައިފަ އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބެންޓޯ ބުނީ މި އަށް ވުރެ ރަނގަޅަށް ކުވެއިތުގެ ކުޅުންތެރިންނަށް ކުޅެވޭނެ ކަމަށެވެ. އަދި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އައީ މިސްރުގައި ވަރުގަދަ ދެ މެޗު ކުޅެފައި ކަމަށާއި، ސާފް ޗެމްޕިއަންޝިޕް ކުޅޭ ބެންގަލޫރުގެ މާހައުލަށް ހޭނެން ވެސް ވަގުތު ނަގާނެ ކަމަށް ބެންޓޯ ބުނެފައިވެ އެވެ.
"މޮޅުވީމަ އަހަރެން ހިތްހަމަޖެހޭ. އެކަމަކު، ފެނުނު ބައެއް ކަންތައްތަކަށް ބަލާއިރު، އަހަރެމެންގެ ކުޅުންތެރިން އެ އަށް ވުރެ ރަނގަޅަށް ކުޅޭނެ. އަހަރެން ބައެއް ފަހަރު ޓީމު މޮޅުނުވިޔަސް އެބަ ބުނަން މިއަދު ކުޅުން ރަނގަޅޭ. އެ ގޮތަށް ބަލާއިރު، މޮޅުވާ ދުވަހަކު ވެސް ގޯސްތަކެއް ހެދިދާނެ. މިއީ އެ ކަހަލަ ދުވަހެއް،" ބެންޓޯ ބުންޏެވެ.
ބެންޓޯ ބުނީ ފަސޭހައިން ޕާސްކޮށްގެން ކުޅެވޭނެ މެޗެއްގައި ގިނަ ގޯސްތަކެއް ހެދިއިރު، ލަނޑު ޖަހަން ލިބުނު ފުރުސަތުތަކެއް ވެސް ނަގާލެވުނު ކަމަށެވެ.
ނޭޕާލް ޓީމު ވަރަށް އޮގަނައިޒްކޮށް ކުޅެން މަސައްކަތް ކުރިކަން ފާހަގަކޮށް، ބެންޓޯ ބުނީ ނޭޕާލްގެ ކުޅުން ދެ ވަނަ ހާފުގައި ރަނގަޅުވެގެންދިޔަ ކަމަށެވެ. އަދި ފުޓްބޯޅައިގައި އަބަދުވެސް އޭނާ އަކީ އިދިކޮޅު ޓީމަށް ފުރިހަަމަ އިހުތިރާމް ކުރާނެ މީހެއް ކަމަށް ވެސް ބެންޓޯގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.
ނޭޕާލްގެ ކޯޗު އިޓަލީގެ ވިންޗެންޒޯ އަލްބާޓޯ ބުނީ ފުރަތަމަ ހާފުގައި އޭނާގެ ޓީމަށް އެއްވެސް ވަރަކަށް ނުކުޅެވުނު ކަމަށެވެ.
ފުރަތަމަ ހާފު ދަށްކޮށް ދިޔަ ސަބަބެއް ކަމަށް ވިންޗެންޒޯ ދެކެނީ،ކުވެއިތުގައި ތިބި ފެންވަރު ރަނގަޅު އަދި ތަޖުރިބާކާރު ކުޅުންތެރިންނާ ވާދަކުރަން ނޭޕާލްގެ ޓީމުގެ ޒުވާން ކުޅުންތެރިން ޖެހިލުންވުމެވެ.
"ފުރަތަމަ ގޯލަކީ ކޯނަރަކުން ހެދުނު ގޯހެއް، ދެ ވަނަ ގޯލު ޖެހީ ކައުންޓަ އެޓޭކަކުން، ދެން ޖެހި ގޯލަކީ ޕެނަލްޓީއެއް، މި ކަހަލަ ވަރަށް ގިނަ ގޯސްތަކެއް ހެދިފައި މި ހުރީ. އަސްލު އަހަރެމެންގެ ކުޅުންތެރިންނަށް ތަޖުރިބާ މަދުވީމަ މާ ބޮޑަށް ކުވެއިތުގެ ލެވަލާ މެދު ވިސްނަން ހަދައިގެން މިސްޓޭކްތަކެއް ހެދުނީ، ދެ ވަނަ ހާފުގައި ކަންކަން ދިޔައީ ރަނގަޅުވަމުން،" ވިންޗެންޒޯ ބުންޏެވެެ.
ނޭޕާލަށް ދެން ކުރިއަށް އޮތް ދެ މެޗު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާން ކައިރިން ނަތީޖާއެއް ނެރެގެން ސެމީ ފައިނަލަށް ދެވިދާނެތޯ އެހުމުން ވިންޗެންޒޯ ބުނީ ކުވެއިތާ ދެކޮޅަށް ދެ ވަނަ ހާފުގައި ދެއްކި ކުޅުމަށް ބަލާއިރު، ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅަށް ކުޅެ އިދިކޮޅު ޓީމު ހާސްކޮށްލެވިދާނެ ކަމަށެވެ.
މިއީ މިދިޔަ މާޗް މަހު ނޭޕާލާ ހަވާލުވި ވިންޗެންޒޯގެ ކޯޗުކަމުގައި އެ ޓީމު ބަލިވި ދެ ވަނަ މެޗެވެ. މީގެ ކުރިން ވިންޗެންޒޯ ކޯޗަކަށް ހުއްޓައި ނޭޕާލް ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވީ ހަމައެކަނި ފިލިޕީންސާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުންނެވެ. އެއީ މި މުބާރާތަށް ތައްޔާރުވާން ނޭޕާލުން އެންމެ ފަހުން ކުޅުނު މެޗެވެ.













