ހަނދާނަށް އަންނަނީ އިބްރާހީމް ރަޝީދު (ހާބުރި) ގެ ލަވައެކެވެ. ލަވައިގައި ހާބުރިއާއެކު ލަވަކިޔާ އަންހެން ލަވަކިޔުންތެރިޔާ ވަރިއަށް އެދެނީ އެވެ. ހާބުރި ޖަވާބު ދެނީ ވަރި ކުރާށޭ ބުނެވެން ވެސް ނެތްކަމަށާއި ވަރިވެވޭނޭ އެއްވެސް ގޮތެއްވެސް ނެތް ކަމުގަ އެވެ.
ހާބުރި ބުނެ އެވެ.
ޒަވާޖީ ގުޅުމަކުން ވަނީ ގުޅިފައޭ
އެހެން ވަކި ވެވޭކަށެއް ނެތޭ
ވަދާއުގެ ހިތި ސަލާން ކުރެވިދާނެޔޭ
އެހެން އެކަން ވާކަށެއް ނެތޭ
**
ވަރިކުރާށޭ! ވަރިކުރާށޭ ބުނެވޭކަށެއް ނެތޭ
ދެން ނަޝީދު އެމްޑީޕީ އިން ވަކިވުމުގެ ކަންތައްގަނޑު ހިނގައިދިޔަ ގޮތަށް ވިސްނަވާށެވެ.
"އެމަނިކުފާނު އަމިއްލަފުޅަށް ވަކިވެވަޑައެއް ނުގަންނަވާނެ، ޖެހޭނީ ހަމަ ކަނޑައިލަން. އެބޭފުޅުން [އެމްޑީޕީގައި ދެން ތިއްބެވި އިސް ބޭފުޅުން] އެ މަސައްކަތް ކުރައްވަނީ އެކަން އެގޮތަށް ނުކުރައްވަން،" މިއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ނަޝީދުގެ އަރިސް ބޭފުޅަކު ވިދާޅުވި ވާހަކަ ކޮޅެކެވެ. އޭނާ އެހެން ވިދާޅުވީ އަލަށް އުފައްދާ 'ދި ޑިމޮކްރެޓްސް' އާ ނަޝީދު ގުޅިވަޑައިގަންނަވާނެ އިރެއް ލަފާކޮށްލަން އެނގޭހޭ އެހީމަ އެވެ.
އޭރު އަދި މިފަހަރުގެ ޑްރާމާ އޭގެ ކުންނާާއި ގާތަށް ވެސް ނުދެ އެވެ. މަޖިލީހުގެ ރިޔާސަތުން އެމަނިކުފާނު ދުރުކުރުމުގެ މަސައްކަތް އޭރު އަދި ރަސްމީކޮށް ނުވެސް ފަށަ އެވެ.
އޭގެ ފަހުން ސިޔާސީ ގޮތުން އެމަނިކުފާނު އެޅުއްވި ކޮންމެ ފިޔަވަޅެއް، އެއީ ޕާޓީން ވަކިކުރޭތޯ އެޅުއްވި ފިޔަވަޅެއް ކަމަށް ސިފަވީ ސިއްރުތައް އެނގިވަޑައިގަންނަވާހާ ގާތުން މަސައްކަތްކުރައްވާ ބޭފުޅަކު ދެއްކެވި އެވާހަކަ ހަނދާން ހުންނާތީ އެވެ. އެ ފިޔަވަޅުތައް ފެނުނީ އެމްޑީޕީގެ ލީޑަޝިޕްގައި ދެން ތިއްބެވި ބޭފުޅުންގެ "ކެތްތެރިކަން ދުއްވައިލަން" އެޅުއްވި ފިޔަވަޅުތަކެއްގެ ގެ ގޮތުގަ އެވެ.
އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް އިދިކޮޅުން ހުށަހެޅި މައްސަލަ، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ބޭރުކޮށްލަން އެމްޑީޕީން ކުރި މަސައްކަތް، އިޖުރާއީ ބާގަނޑު ތަކެއް ހޯއްދަވައިގެން ބަރުބާދުކޮށްލުމެވެ. މަޖިލީހުގެ އިމްތިޔާޒަށް ރިފްއަތު އަރާވަޑައިގެންނެވި ކަމަށް އިދިކޮޅު މެމްބަރުން ލައްވާ ހުށަހެޅި މައްސަލައަކާ އެކު ރިފްއަތުގެ މައްސަލަ ޕާކް ކުރެއްވި އެވެ.
މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ވަކިކުރަން އެމްޑީޕީން ހުށަހެޅީ އެހިސާބުންނެވެ. އެ ޕާޓީން ތުހުމަތުކުރި ގޮތުގައި މަޖިލީހުގެ ކަންތައްތައް އެމަނިކުފާނު ނިންމަވަނީ އަމިއްލަފުޅަށް، އަދި ވަކި ބަޔަކާ މަޝްވަރާކުރައްވައިގެންނެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކުވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް އަޅުގަނޑުމެން އެއްވެސް މީހެއްގެ އަމިއްލަކަމެއް ނޫންކަން މީ. އަމިއްލަ ގެ ނޫންކަން މީ. ރައްޔިތުންގެ މަޖިލިސް ކުރާގެ ކަން. މިތަނަކީ މިތަނުގެ ރައީސްގެ ވެސް މިތަނުގެ އަމީންއާންމުގެ ވެސް އަމިއްލަ ގެ ކަމުގައި ދެކެވަޑައިގެން ނުވާނެ," ނަޝީދު ވަކިކުރަން ނިންމަން ޖެހުނު ސަބަބު ތަފްސީލު ކޮށްދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.
ވިދާޅުވީ ރިޔާސަތުން ވަކިވާން ކެތްމަދުވެފައިވާ ކަމަށް
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން ނިންމައި، އަދި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާއި އަމަލުކުރެއްވި ގޮތްތަކުން ވެސް ސާފުކޮށް ފެނުނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅައި ޕާޓީން ވަކިކުރާނެ އިރަކަށް އިންތިޒާރުކުރައްވަމުން ގެންދެވި ކަމެވެ.
މަޖިލީހުގެ ރިޔާސަތު ދޫކުރައްވައި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރުގެ ގޮތުގައި ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން އުއްމީދުުކުރައްވާ ވާހަކަ ވިދާޅުވީ އަލަށް އުފައްދާ ޕާޓީއާ ގުޅުވައިގެންނެވެ. އެޕާޓީން ތަންފީޒުކުރާނެ ސިޔާސަތުގެ ވާހަކަ މުއައްސިސު ހަސަން ލަތީފު މަޖިލީހުގައި ދެއްކެވި ދުވަހެއްގައި އެ ވާހަކައާ ގުޅުވައިގެންނެވެ.
"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުއްމީދުކުރެވެނީ [މައްޗަންގޮޅި] މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް," ހަސަން ލަތީފު ވާހަކަ ނިންމަވައިލެއްވުމާ އެކު ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ނުރުހޭނެހާ ކަމެއް އޭގެ ފަހުން ކުރައްވަން ފެށްޓެވި އެވެ. ވަކިކުރުމުގެ މައްސަލަ ވެއްދިފަހުން އެކަން ވީ އިތުރެވެ. އިދިކޮޅު މެމްބަރުންނާ އެކު މަޖިލީހުގެ ގޯތި ތެރޭގައި ނުރަސްމީ ބައްދަލުވުންތައް ބާއްވަވައި، އެ މެމްބަރުންނަށް އިރުޝާދު ދެއްވަން ފެށްޓެވި އެވެ.
މީގެ އެއް މިސާލަކީ އިދިކޮޅު މެމްބަރުން އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެވެ. މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެ ގޮތަށް ކަންތައްތައް އިންތިޒާމްކުރައްވާފައި އިދިކޮޅު މެމްބަރުންނާ އެކު 'ކުޑަދަށު ބައްދަލުވުމެއް' ބޭއްވެވި އެވެ.
އޭގެ ފަހުން އިދިކޮޅު މެމްބަރުން ބޭއްވެވި ނޫސްކޮންފަރެންސްގައި ވާހަކަ ދެއްކެވީ އިހުގެ ދިވެހިން މިސާލު ޖަހާ ގޮތުން ނަމަ ސީދާ ނަޝީދުގެ ދޫފުޅުންނެވެ. ކަންބޮޑުވުންތަކާއި ޑިމާންޑްތައް އެގޮތެވެ.
އެމްޑީޕީން ވަކިކުރޭތޯ ކުރެއްވި އެހެން އެތައް ކަމެއް މިލިއުމަކު ނުހިމެނެ އެވެ. މިއީ ފާހަގަކޮށްލެވޭ މަދު ކަންތައްތަކެކެވެ.
އެމްޑީޕީގެ ޗެއާޕާސަން އަށް ސިޓީއެއް ފޮނުއްވައި މިއަދު އެޕާޓީން ވަކިވެވަޑައި އެ ގެންނެވީ އެހުރިހާ ކަމަކަށް ފަހުގައި ވެސް ވަކިނުކުރުމުން ކަމަށް ދެކެވެނީ އެކަހަލަ އެތައް ކަަމަކާ ހެދި އެވެ.
ވިދާޅުވާ ކަހަލަ އެވެ. "އިބްރާހީމް މުހައްމަދު ސޯލިހުގެ ބާރުގައި ޕާޓީން ކަނޑައިލީ"އޭ ނުބުނެވޭ ގޮތަކަށް ދާކަށް ނެތީމެވެ. އެކަން އެހެން ވަންދެން އެމްޑީޕީގެ ލީޑަޝިޕްގެ ކެތްތެރިކަން އިމްތިހާނު ނުކުރާނަމެވެ.








