ބެންގަލޫރުގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ހުރިހާ ޓީމެއް ވެސް ފެންނަނީ ވާދަވެރި ރޫހެއްގައި މަސައްކަތް ކުރަމުން އަންނަތަން ކަމަށާއި އެެހެންވެ، މިއީ ފީފާ ރޭންކިން އަށް ބަލައިގެން ގޮތް ނިންމުމަށް ވުރެ ފޯރިގަދަ މުބާރާތެއް ކަމަށް އިންޑިއާ ކޯޗު ސްޓިމަކް ބުނެފި އެވެ.
ފީފާ ރޭންކިން އަށް ބަލާއިރު، މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ރަނގަޅުވާނީ ދައުވަތު ދީގެން މި ފަހަރުގެ މުބާރާތުގައި ކުޅޭ އެއް ގައުމު ކަމަށްވާ ލެބަނަން އެވެ. އެ ގޮތުން، ލެބަނަން އޮތީ އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގެ 99 ވަނައިގަ އެވެ. އެކަމަކު، މިދިޔަ އާދިއްތަ ދުވަހު އިންޑިއާގައި ކުޅުނު އިންޓަކޮންޓިނެންޓަލް ކަޕް ފައިނަލުގައި އިންޑިއާ އިން ވަނީ 2-1 އިން ލެބަނަން ބަލިކޮށްފަ އެެވެ.
އިންޑިއާ ހިމެނެނީ ލެބަނަން އާއި ޕާކިސްތާން އަދި ނޭޕާލާ އެކު ގްރޫޕް އޭގަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ކުރިން މިއަދު ބޭއްވި ޓީމުތަކުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންޑިއާގެ ކޯޗު ސްޓިމަކް ބުނީ މި ފަހަރުގެ މުބާރާތުގައި އިންޑިއާ ހިމެނޭ ގްރޫޕްގައި އޮތް ކޮންމެ ގައުމެއްގެ ކިބައިގައި ވެސް "ހާއްސަ" ކަމެއް އެބަހުރި ކަމަށެވެ. އަދި ކޮންމެ ޓީމެއް ވެސް ވިސްނައިގެން ހުރީ އަމިއްލަ ބާރުގައި އަނެއް ބުރަށް ދިއުމަށް ކަމަށްވާތީ ކޮންމެ މެޗެއް ވެސް އުނދަގޫވާނެ ކަމަށެވެ.
"ފުޓްބޯޅަ އަށް ޝައުގުވެރިވާ ކޮންމެ މީހެއް ވަރަށް ގަޔާވާ މުބާރާތަކަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ވާނެ، ވަރަށް ވާދަވެރި މެޗުތަކެއް ފެންނާނެ، ދެން އަހަރެން އުންމީދުކުރަން ވަރަށް ގިނަ ގޯލު ފެންނާނެ ކަމަށް ވެސް،" 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް އިންޑިއާ އަށް ކާމިޔާބުކޮށްދިން ކޯޗު ސްޓިމަކް ބުންޏެވެ.
ބުބަނޭޝްވަރުގައި ކުރިއަށްދިޔަ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކުރުމުން އިންޑިއާ ޓީމުގެ ރޫހު ރަނގަޅުކަން ފާހަގަކުރަމުން، ސްޓިމަކް ބުނީ މިހާރު އެ މުބާރާުތުގެ އުފާފާޅުކުރުންތައް ނިންމާލައި، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްފެ ޗެލެންޖަށް ޓީމު ތައްޔާރުވެފައިވާ ކަމަށެވެ.
އެކަމަކު، މީގެ ކަންބޮޑުވާން ޖެހޭ ކަމަކީ ބުބަނޭޝްވަރުގައި ޓްރެއިނިން ހަދަން ލިބުނު ވަރުގެ ފެސިލިޓީތަކެއް ބެންގަލޫރުގައި ނުލިބުން ކަމަށް ސްޓިމަކް ފާހަގަކުރި އެވެ. ބެންގަލޫރުގައި ގިނަވާނީ ޓާފް ކަމަށްވާތީ، މީގެ ގިނަ ގޮންޖެހުންތައް ހުންނާނެ ކަމަށް ވެސް ސްޓިމަކް ބުނެފައިވެ އެވެ.
އިންޑިއާ ގްރޫޕްގައި ހިމެނޭ ކުވެއިތު ޓީމާ ބެހޭ މައުލޫމާތު ލިބިފައިވާ ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ. އެއީ ސްޓިމަކާ ގުޅުން އޮތް ކްރޮއޭޝިއާގެ އެކި ފަރާތްތަކުން ކުވެއިތުގައި މަސައްކަތް ކުރަމުން އަންނާތީ އެވެ. ސްޓިމަކް ބުނީ ކުވެއިތު އެކޭ އެއްގޮތަށް ދެން އޮތް ޕާކިސްތާނާއި ނޭޕާލާ ބެހޭ މައުލޫމާތު އެބަހުރި ކަމަށާއި ކޮންމެ މެޗެއްގައި ބޭނުންކުރެވޭ ވަރަށް ކޮންމެ ޓީމަކާ ބެހޭ އެކި ހޯދުންތައް ހޯދާފައިވާނެ ކަމަށެވެ.
"ފުރަތަމަ ކަމަކަށް ރޭންކިން ހަނދާން ނައްތާލަމާ، އަހަރެން ރޭ ބެލިން ޕާކިސްތާނާއި ކެންޏާ މެޗު. ކެންޏާ އަކީ 102 ވަނަ ރޭންކިން، އެކަމަކު، ރޭ މުޅި މެޗުގައި ކުޅުނީ ޕާކިސްތާން ފުރުސަތު ވެސް ހޯދި ގޯލު ޖަހަން، އެހެންވީމަ އަހަރެން ދޭނެ މެސެޖަކީ ރޭންކިން އަށް ބަލައިގެން ގޮތް ނިންމުމުގެ ވިސްނުން ދޫކޮށްލާށޭ. އެ ވިސްނުމުގައި އާންމުން ވެސް ނުތިބޭށޭ،" ސްޓިމަކް ބުންޏެވެ.
"އެއްވެސް ޓީމެއް ނާދޭ ވާދަކޮށްލާފައި ދާކަށް، ކޮންމެ ޓީމެއް ވެސް އައީ ކާމިޔާބު ހޯދަން،"
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕާކިސްތާން ބައިވެރިނުވެ އެވެ. އެ ޓީމަށް ބެންގަލޫރަށް އާދެވޭނީ މިރޭ ކަމަށްވާއިރު، މާދަމާ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނާނީ ޕްރެކްޓިހެއް ނެތި އެވެ. އެއީ އިންޑިއާ އަށް އެޑްވާންޓޭޖެއް ނޫންތޯ އެހުމުން ސްޓިމަކް ބުނީ އެ ގޮތަށް ނުވިސްނާ ކަމަށެވެ.
"10 ދުވަހުގެ ތެރޭ ޕާކިސްތާނުން ތިން މެޗު އެ ކުޅުނީ ރަނގަޅަށް ޕްރެކްޓިސް ނުކޮށް، އެހެންވީމަ ތި ބުނާ ވާހަކަ އަކާ އެއްބަހެއް ނުވެވޭނެ. ދުނިޔޭގެ ފުޓްބޯޅައިގެ ރަނގަޅު ލެވަލްގައި ޓްރެއިނިން ކުރިއަށްގެންގޮސްފައި ހުރި 6-7 ކުޅުންތެރިން ޕާކިސްތާންގައި އެބަތިބި. އެހެންވީމަ، އަހަރެމެން ޕާކިސްތާނަށް އިހުތިރާމް ވެސް ކުރަން ޖެހޭ. އަހަރެން ދެކޭ ގޮތުގައި އެ މީހުންގެ އެ ޓީމުގެ އެ އޮންނަ އެއްބައިވަންތަކަން ވެސް ތަފާތަކަށް ވެދާނެ މި މުބާރާތުގައި،" ސްޓިމަކް ބުންޏެވެ.
ބެންގަލޫރުގެ ސްރީ ކަންޓީރްވާ ސްޓޭޑިއަމްގައި މާދަމާ ސާފް ޗެމްޕިއަންޝިޕް ފަށާއިރު، ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން ތިނެއް ޖަހާއިރު، ނޭޕާލް ކުޅޭނީ ކުވެއިތުއާ އެވެ. އަދި ދެ ވަނަ މެޗުގައި އިންޑިއާ އާއި ޕާކިސްތާން ކުޅޭނީ މާދަމާރޭ ހަތެއް ޖަހާއިރު އެވެ.













