އެލައިޑް އިންޝުއަރަންސްގެ އާންމު އިޖްތިމާއީ ޒިންމާގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑު އަދި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ފުރުސަތަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޯގަސްޓު 15, ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. ކޮމިއުނިޓީ ފަންޑަށް ހުށަހާޅާނީ އެލައިޑުގެ އީމެއިލް، communityfund@allied.mv އަށް މެއިލް ކޮށްގެންނެވެ. އަދި އެޑިއުކޭޝަން ފަންޑަށް އެދި ހުށަހަޅާނީ educationfund@allied.mv އަށް މެއިލް ކޮށްގެންނެވެ.
އެލައިޑު ކޮމިއުނިޓީ ފަންޑަކީ ހަ ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. ކޮމިއުނިޓީ ފަންޑަށް އެދި އީމެއިލް ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ ހަތަރު ފަރާތަކަށް 50،000ރ. ފައިސާގެ އެހީ އެ ކުންފުނިން ދޭނެ އެވެ.
އެލައިޑު ކޮމިއުނިޓި ފަންޑުން އެހީތެރިކަން ފޯރުކޮށްދޭ ދާއިރާތަކަކީ:
- ސިއްހީ ދުޅަހެޔޮކަން
- އިޖުތިމާއީ ހިދުމަތް
- ތިމާވެށި ރައްކާތެރިކުރުން
- އަންހެނުންގެ ހައްގުތައް
- ކުޑަކުދިންގެ ހައްގުތައް
- ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓުތައް
އެލައިޑު އެޑިއުކޭޝަން ފަންޑަކީ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ފަންޑިން ޕްރޮގްރާމެކެވެ. އެޑިއުކޭޝަން ފަންޑަށް އެދި އީމެއިލް ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ އަށް ފަރާތަކަށް 25،000ރ. ގެ ފައިސާގެ އެހީ އެ ކުންފުނިން ދޭނެ އެވެ.
އެލައިޑު އިންޝުއަރެންސްގެ އޮފިޝަލް ވިދާޅުވީ ފަންޑިން ޕްރޮގްރާމުތަކަކީ ވަރަށް އުއްމީދާ އެކު ފަށާފައިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، މިފަހަރު ވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަރާތްތަކަށް އެމުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން އެއީ އަމާޒު ކަމުގައި އޭނާ ވިދާޅުވި އެވެ.
"މި ޕްރޮގުރާމްސް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖުތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިއުމަކީ މިޕްރޮގުރާމް ކުރިއަށް ގެންދިޔުމަށް ލިބުނު ހިތްވަރެއް ކަމުގައި އެލައިޑުން ފާހަގަކުރަނީ،" އޭނާ ވިދާޅުވި އެވެ.
އެ ޕްރޮގުރާމުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެލައިޑުގެ ވެބްސައިޓުން ލިބޭނެ އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ލޯންޗްކޮށްފައިވާ "ޕްރިމިއަމް ފޯ ގުޑް" އަކީ އެލައިޑުގެ އާންމު އިޖުތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ.
އދ. ގެ ދެމެހެއްޓެނެވި ތަރައްގީއަށް ވާގިވެރިވާ އެ އޮނިގަނޑުގެ ދަށުން، ތިމާވެއްޓާ ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައްޔާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެލައިޑުން ބުނެ އެވެ.









