މޯލްޑިވްސް އިސްލާމިކް ބޭންކުގެ (އެމްއައިބީ) ގެ ފައިނޭންސިން ސްކީމް "އުޖާލާ ދިރިއުޅުން" އަށް އިތުރު ފުރިހަމަކަމެއް ގެނެސް މުދާ ނެގޭ ލިމިޓު އިތުރުކޮށްފި އެވެ.
އުޖާލާ ދިރިއުޅުން ފައިނޭންސިންގެ ތެރެއިން އެމްއައިބީގެ ކަސްޓަމަރުންނަށް 400،000ރ. އާ ހަމައަށް މުދާ ގަނެވޭނެ އެވެ. އަދި އެ މީހަކަަށް އަނބުރާ ދައްކަން ފަސޭހަ މުއްދަތެއް ކަނޑައަޅައިގެން، 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން އެ ފައިސާ އަނބުރާ ދެއްކޭނެ އެވެ. އެއްވެސް އެޑްވާންސެއް ނުވަތަ ސެކުއިރިޓީ ޑިޕޮސިޓެއް ދެއްކުމެއް ނެތި މި ފެސިލިޓީގައި ބައިވެރިވެވޭނެ އެވެ.
އެމްއައިބީން ވަނީ މި ފެސިލިޓީ މެދުވެރިކޮށް ނެގޭ ކްރެޑިޓު ލިމިޓު 700,000 އަށް އިތުރުކޮށްފަ އެވެ. އަދި, އަނބުރާ ދެއްކުމަށް ފަސް އަހަރާ ހަމައަށް މުއްދަތު ދޭނެ އެވެ.
އަދި, ކުރިން ގެރެންޓާއެއް ބޭނުންވި ނަމަވެސް މިހާރު މި ފެސިލިޓީ މެދުވެރިކޮށް މުދާ ނެގުމަށް ގެރެންޓާއެއް ވެސް ބޭނުމެއް ނުވާނެ އެވެ. އަދި, އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އެވެ.
އުޖާލާ ދިރިއުޅުން ފެސިލިޓީގެ ތެރެއިން ނެގޭ ފައިސާގެ ލިމިޓު ކަނޑައަޅަނީ އެ މީހެއްގެ މުސާރައަށް ބެލުމަށް ފަހު އެވެ.
އެގޮތުން, އާމްދަނީގެ ގޮތުގައި 22,000ރ. ލިބޭ މީހުންނަށް މިހާރު 400,000ރ. ގެ ބަދަލުގައި 460,000ރ. އާ ހަމައަށް ފަސް އަހަރަށް ބަހާލައިގެން މުދާ ނެގޭނެ އެވެ. އަދި, 34,000ރ. އިން ފެށިގެން އާމްދަނީ ލިބޭ މީހުންނަށް 700,000ރ. ގެ މުދާ ނެގޭނެ އެވެ.
އުޖާލާ ދިރިއުޅުން ސްކީމުގައި އުމުރުން 18 އަހަރާ 60 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ބައިވެރިވެވޭނެ އެވެ. ޝަރުތަކީ ވަޒީފާ އަދާކުރާތާ ހަ މަސް ވެފައި ވުމާއި މަދުވެގެން މުސާރައަށް 4000ރ. ލިބުމެވެ.
އުޖާލާ ދިރިއުޅުމުގެ ދަށުން ނަގާ މުދަލަށް ދެ ގޮތަކަށް އަނބުރާ ފައިސާ ދެއްކެ އެވެ. އެއީ ވަޒީފާ ދޭފަރާތުން މުސާރައިން ކަނޑާގޮތަށް، ނުވަތަ އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަކަށް މުސާރަ ޖަމާކުރާ ގޮތަށެވެ. އެ މީހަކަށް ފަސޭހަ ގޮތެއް އެ މީހަކު އިހުތިޔާރު ކުރަންވީ އެވެ.
ސްކީމުގެ ތެރެއިން މުދާ ގަންނަން ކަނޑައަޅާ ލިމިޓުގެ ތެރެއިން ހަރަދުކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ލިބެ އެވެ. އެމްއައިބީން ގަބޫލުކުރާ ފިހާރައަކުން ކޯޓޭޝަން ހުށައެޅުމުން އެއް ދުވަހުން ހުރިހާ ކަމެއް ނިންމާލެވެ އެވެ.









