ލަންޑަން (ޖޫން 18) - ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދިޔަ ސްވިޑަންގެ ވިންގް، ޑެޖާން ކުލުސެވްސްކީ އެ ކްލަބަށް ޔުވެންޓަސް އިން ވިއްކާލައިފި އެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު ޖެނުއަރީ މަހު ޓޮޓެންހަމްއާ ގުޅުނު ކުލުސެވްސްކީ ފާއިތުވި 18 މަސް ދުވަސް ހޭދަކުރީ އެ ޓީމުގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ކުލުސެވްސްކީގެ ދާއިމީ ޓްރާންސްފާގެ ފީއަކަށް ކަނޑައަޅާފައި އޮތީ 29.2 މިލިއަން ޕައުންޑް އެވެ.
އެކަމަކު، ރިޕޯޓްތަކުން ބުނާގޮތުގައި ޔުވެންޓަސް އިން އޭނާ ވިއްކާލަން ފަހުން ނިންމީ 25 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އެއީ ޔުވެންޓަސްގެ މާލީ ހާލަތު ގޯސްވެފައިވާތީ އެވެ.
ޓޮޓެންހަމާ އެކު ހޭދަކުރި ފުރަތަމަ ސީޒަންގައި ކުލުސެވްސްކީ ،23، ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު، މިދިޔަ ސީޒަންގައި ކުރިމަތިވި އަނިޔާގެ މައްސަލަތަކާ އެކު، އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނުނެވެ.
ކުލުސެވްސްކީ މިހާތަނަށް ޓޮޓެންހަމް އަށް ކުޅުނު 57 މެޗުގައި ހަތް ލަނޑު ޖަހާފައިވެ އެވެ. ސްވިޑަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުލުސެވްސްކީ ވަނީ އުމުރުން 16 އަހަރުގައި ސްވިޑަން ދޫކޮށް، އިޓަލީގެ އެޓަލާންޓާ އަށް ބަދަލުވެފަ އެެވެ. ޔުވެންޓަސް އަށް އޭނާ ބަދަލުވީ 2020 ވަނަ އަހަރު އެވެ.
ކުލުސެވްސްކީ އަކީ ޓޮޓެންހަމްގެ ކޯޗަކަށް އޮސްޓްރޭލިއާގެ އަންގޭ ޕޮސްޓެކޮގްލޫ ހަވާލުވި ފަހުން، އެ ޓީމަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.












