އަންނަ ހަފްތާގައި އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ގައުމީ ފުޓްބޯޅަ ޓީމުން ޖަޕާނުގައި ކުރިއަށްގެންދިޔަ ޓްރެއިނިން ކޭމްޕްގައި ކުޅެން ހަމަޖެހުނު މެޗު ކެންސަލްކުރަން ޖެހުނީ ވިއްސާރައިގެ ސަބަބުން ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ޖަޕާނުގައި ކުރިއަށްގެންދިޔަ އަށް ދުވަހުގެ ޓްރެއިނިން ކޭމްޕަށް ފަހު، ގައުމީ ޓީމު މި ވަގުތު ތިބީ ސްރީ ލަންކާގެ ކޮލަމްބޯގަ އެވެ. އެއީ ބެންގަލޫރަށް ދާން އޮތް ފްލައިޓް ކެންސަލްވުމުގެ ސަބަބުން ލަންކާގައި މަޑުކުރަން ޖެހުނީ އެވެ. އެހެންވެ، މާދަމާ އަލުން ފްލައިޓްގައި ބެންގަލޫރަށް ދާން ހަމަޖެހިފައި އޮތުމުން، މިއަދު ލަންކާގައި ގައުމީ ޓީމުން ޕްރެކްޓިސް ކުރާނެ އެވެ.
ގައުމީ ޓީމުގެ މެނޭޖަރު، އަބްދުﷲ ޝިބާއު (ޝިބާ) ބުނީ، ކުޅެން ހަމަޖެހިފައި އޮތް މެޗު ވިއްސާރައިގެ ސަބަބުން ކެންސަލްކުރީ ދެ ޓީމާއި ކޯޗުން ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި މެޗު ނުކުޅެވުމަކީ އޭގެ ސަބަބުން ޓީމަށް ކޮންމެ ވެސް ވަރެއްގެ "އުނިކަމެއް" ލިބޭނެ ކަމެއް ކަމަށް ޝިބާ ވެސް ވަނީ ބުނެފަ އެވެ.
އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނައިރު، ޓީމުގައި ވަނީ މުޅިން އަަލަށް ވެސް ކުޅުންތެރިންތަކެއް ހިމަނައިފަ އެެވެ.
ސާފަށް ރާއްޖޭން ޕްރެކްޓިސް ފެށީ މިދިޔަ މަހު 21 ވަނަ ދުވަހު އެވެ. ގައުމީ ޓީމުން ވަނީ އެކްސިބިޝަން މެޗެއްގައި މަހިބަދޫ ޓީމަކާ އެކު އެ ރަށު ދަނޑުގައި މިދިޔަ މަހު 27 ވަނަ ދުވަހު މެޗެއް ކުޅެފަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ބޫޓާނާއި ބަންގްލަދޭޝް އަދި ލެބަނަންއާ އެއް ގްރޫޕެއްގަ އެވެ. ފުރަތަަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ރާއްޖޭން ބޫޓާނާ ކުޅުމަށް ފަހު، މި މަހު 25 ވަނަ ދުވަހު ބަންގްލަދޭޝާ ބައްދަލުކުރާނެ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި މި މަހު 28 ވަނަ ދުވަހު ލެބަނަންއާ ކުޅޭނެ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި މި ފަހަރު ވާދަކުރާ އަށް ގައުމުގެ ތެރެއިން، މުބާރާތަށް ތައްޔާރުވާން ފަހު ވަގުތު މެޗެއް ނުކުޅެ ދާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ އެވެ.
ސާފަށް ތައްޔާރުވާން އިއްޔެ ބަންގްލަދޭޝް އިން ކުޅުނު މެޗުގައި ވަނީ 1-0 އިން ކެމްބޯޑިއާ ބަލިކޮށްފަ އެވެ. ފިލިޕީންސާ ކުޅުނު މެޗުން ނޭޕާލް ވަނީ 1-0 އިން ބަލިވެފަ އެވެ.
މެދުކެނޑުމަކަށް ފަހު ސާފްގައި ކުޅޭ ޕާކިސްތާނުން އަންނަނީ މި މަހު 21 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން، މޮރިޝަސްގައި ކުޅޭ ފޯ ނޭޝަންސް ކަޕެއްގައި ވާދަކުރަމުންނެވެ. އެ ގޮތުން އެ މުބާރާތުގައި މާދަމާ ޖިބޫޓީއާ ދެކޮޅަށް ޕާކިސްތާނުން މެޗެއް ކުޅޭނެ އެވެ. އެ މުބާރާތުގައި ޕާކިސްތާން ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ މޮރިޝަސް އަތުން 3-0 އިން އަދި ކެންޏާ އަތުން 1-0 އިން ބަލިވެފަ އެވެ.
ސާފްގެ ކުރިން މި ވަގުތު އިންޑިއާގައި އިންޓަކޮންޓިނެންޓަލް ކަޕްގެ ނަމުގައި ބައިނަލްއަގުވާމީ މުބާރާތެއް ކުރިއަށް އެބަދެ އެވެ. ސާފްގައި ކުޅޭ އަށް ގައުމުގެ ތެރެއިން އިންޑިއާ އާއި ލެބަނަން އިންޓަކޮންޓިނެންޓަލް ކަޕްގައި ކުޅޭއިރު، އެ ދެ ޓީމު ވަނީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހުގެރޭގަ އެވެ.













