މިއުނިކް (ޖޫން 16) - ބަޔާން މިއުނިކްގެ ބައެއް މުވައްޒަފުންނަށް އުޖޫރަ ދިނުމުގައި ޖަރުމަންގެ މިނިމަމް ވޭޖް ގަވައިދާ އެ ކްލަބު ހިލާފުވެފައިވާތީ، ޖަރުމަންގެ ކަމާބެހޭ އިދާރާ އިން އެ ކްލަބު 270،000 ޑޮލަރު އިން ޖޫރިމަނާކޮށްފި އެވެ.
ބަޔާން އިން 2016 އިން 2021 އިން ދީފައިވާ އުޖޫރައިގެ މައްސަލަ ތަހުގީގްކޮށް، މިއުނިކްގެ ކަސްޓަމްސް އިން ވަނީ ބަޔާން ޖޫރިމަނާކުރުމުގެ އިތުުރުން، ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ދައްކަން 50،000 ޑޮލަރު ވެސް ދައްކަން އަންގައިފަ އެވެ.
މިއުނިކް ކަސްޓަމްސް އިން ބުނީ ބަޔާންގެ އެކި ވަޒީފާތަކުގައި ތިބި މުވައްޒަފުން ތިބީ "ލިމިޓަޑް އަވާރސް" ކޮންޓުރެކްޓްގެ ދަށުން ކަމަށެވެ. އޭގެ ތެރެއިން ގިނައީ އެ ކްލަބުގެ ޔޫތު ޓްރެއިނިން ސެންޓަރގައި ތިބި މުވައްޒަފުންނެވެ. އެކަމަކު، މި މުވައްޒަފުންގެ ވަފީޒާތައް އެ ކޮންޓުރެކްޓްތަކާ ނުބައްދަލު ކަމަށް ޖަރުމަންގެ ކަސްޓަމަސް އިންބުނެއެވެ.
މި މައްސަލައިގައި ބަޔާން އިން ވަނީ މާފަށް އެދިފަ އެވެ. ބަޔާން އިން ބުނީ އެ ކްލަބުގެ މުވައްޒަފުންނަށް ހައްގުވާ އުޖޫރާ ނުދީ ހިފެހެއްޓުމަކީ އެ ކްލަބުގެ ނިޔަތެއް ނޫން ކަމަށެެވެ.
ބަޔާން އިން ބުނީ އެ ކްލަބުން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދިން ކަމަށާއި އެފަދަ ކަމެއް ތަކުރާނުކުރުމަށް ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.
ބަޔާން އިން އަހަރަކު 700 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާއިރު، އެއީ ޖަރުމަންގެ އެންމެ ބޮޑު ކުޅިވަރު ކްލަބެވެ. އަދި ބަޔާން އަކީ ދުނިޔޭގައި ތިން ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާ ކްލަބެވެ.












