ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ އިންޑިއާއިން އަމިއްލަ ގައުމުގައި ކުޅެމުން އަންނަ އިންޓަކޮންޓިނެލް ޗެމްޕިއަންޝިޕްގެ ފައިނަލުން ފުރުސަތު ހޯދިއިރު، މޮރީޝަސްގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާން ބަލިވެއްޖެ އެވެ.
މި މަހުގެ 21 އިން އަންނަ މަހު 4 އަށް އިންޑިއާގެ ބެންގަލޫރުގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތަކުން އަންނަނީ މި މުބާރާތަށް ތައްޔާރު ވަމުންނެވެ. އެ ގޮތުން އެކުވެރިކަމުގެ މެޗުތަކާއި އެކުވެރިކަމުގެ މުބާރާތްތަކުގައި ވާދަކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
އެންމެ ބޮޑަށް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ އިންޑިއާގެ ގައުމީ ޓީމުން އަންނަނީ އިންޓަކޮންޓިނެންޓަލް ކަޕްގައި ވާދަކުރަމުންނެވެ. އަމިއްލަ ގައުމުގައި އޮންނަ މުބާރާތުގައި އެޓީމް މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް އިންޑިއާ ވަނީ ފައިނަލުން ޖާގަ ހޯދާފަ އެވެ. މޮންގޯލިއާ އަތުން 2-0 އިން މޮޅުވިއިރު ވަނުއާޓޫ އަތުން މޮޅުވީ 1-0 އިންނެވެ. ލީގު ބުރުގެ ފަހު މެޗުގައި އެޓީމް މާދަމާ ލެބަނަނާއާ ދެކޮޅަށް ކުޅޭނެ އެވެ.
އިންޑިއާއާއިއެކު އިންޓަކޮންޓިނެންޓަލް ކަޕްގައި ވާދަކުރާ ލެބަނަން އަކީވެސް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމެކެވެ. ލެބަނާން ކުޅުނު ފުރަތަމަ މެޗުގައި ވަނުއާޓޫ އަތުން 3-1 އިން މޮޅުވިއިރު، ދެވަނަ މެޗުގައި މޮންގޯލިއާއާ ވާދަކޮށް އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އިން އެއްވަރުވެގެންނެވެ.
ބުބަނޭޝްވަރުގައި ކުރިއަށްދާ މުބާރާތަށްފަހު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް އިންޑިއާގެ ގައުމީ ޓީމް ބެންގަލޫރަށް ދާނީ މިމަހުގެ 19ގަ އެވެ.
އިންޑިއާގެ އިތުރުން ޕާކިސްތާނުންވެސް އަންނަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ހަތަރު ގައުމު ވާދަކުރާ މުބާރާތެއްގައި ކުޅެމުންނެވެ. މޮރީޝަސްގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. މޮރީޝަސް އަތުން ޕާކިސްތާން ބަލިވީ 3-0 އިންނެވެ.
މި މެޗުގައި އެޓީމްގެ ދެ ތަރިން ކަމަށްވާ އިންގްލެންޑު ޔޫތު ޓީމްގެ ކުރީގެ ކެޕްޓަން އީސާ ސުލެއިމާން އަދި ޑެންމާކުގައި ކުޅެމުން އަންނަ ޑިފެންޑަރު އަބްދުﷲ އިގްބާލް ނުކުޅެ އެވެ. މި ދެ ކުޅުންތެރިން ޓީމާ ގުޅިފައިވަނީ މޮރީޝަސް އަތުން ބަލިވި މެޗަށްފަހުގަ އެވެ.
ފޯ ނޭޝަންސް ކަޕްގައި ޕާކިސްތާން ކުޅޭ ދެވަނަ މެޗުގައި މިރޭ ނިކުންނާނީ ކެންޔާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ޖޫން 17 ގައި ޖިބޫޓީ އާ ދެކޮޅަށެވެ.
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ކުވެއިތުންވެސް ވަނީ މިދިޔަ ހޯމަ ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. ޒެމްބިއާ އާ ދެކޮޅަށް ކުޅުނު މެޗުން އެޓީމް މޮޅުވީ 3-0 އިންނެވެ.
މުބާރާތުގައި ވާދަކުރާ އެހެން ޓީމްތަކަށް ބަލާއިރު، ދިވެހިރާއްޖެއިން މިވަގުތު ތަމްރީން ހަދަމުންދަނީ ޖަޕާނުގަ އެވެ. ބަންގްލަދޭޝްގެ ގައުމީ ޓީމް ކެމްބޯޑިއާގައި ތަމްރީން ހަދަމުން އަންނައިރު، މިމަހުގެ 17ގައި އެގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ބަންގްލަދޭޝުން މެޗެއް ކުޅޭނެ އެވެ. ނޭޕާލުން ފިލިޕީންސްގައި ކޭމްޕްކޮށްފައިވާއިރު އެޓީމުންވެސް މާދަމާ ފިލިޕީންސްގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭނެ އެވެ. ސާފްގެ ކުރިން އެކުވެރިކަމުގެ މެޗެއްވެސް ނުކުޅެ މުބާރާތާ ކުރިމަތިލަނީ ބޫޓާން އެކަންޏެވެ.












