ސިޔާސީ ޕާޓީތަކުގެ ދެބަސްވުންތަކާހުރެ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ހުއްޓިފައިވާތީ އެ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރާނެ ގޮތް ފާސް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރުމުގެ ދެ ގަރާރެއް މަޖިލީހަށް ހުށަހަޅާފައިވާއިރު ގަވާއިދުވާ ގޮތުން އެ ދެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންނާއި ވަގުތު ކަނޑައަޅަންޖެހެނީ މަޖިލީހުގެ އާންމު ކޮމެޓީންނެވެ.
ގަވާއިދު ބުނަނީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރަންޖެހެނީ މަޖިލީހުން ޕާޓީތަކަށް ލިބިފައިވާ ޕަސެންޓޭޖާ އެއްވަރަށް ނަމަވެސް ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް ވެސް ހައްގު ފުރުސަތު ދިނުމަށްފަހު ކަމަށެވެ.
މެއި 17، ގައި އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމުން މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ނިސްބަތް ބަދަލުވުމުން، ކޮމެޓީތައް އޮތީ ފުރިހަމަނުވެ އެވެ. އަލުން މެމްބަރުން އައްޔަން ކުރާނެ ގޮތަކާމެދު ޕާޓީތަކުގެ ހިޔާލު ތަފާތެވެ.
އެމްޑީޕީން ބުނަނީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީއަށް ކޮންމެ ކޮމެޓީއަކުން 64 ޕަސެންޓު ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ އެ ޕަސެންޓޭޖު ޖެހޭނީ ހުރިހާ ކޮމެޓީތަކެއްގެ މެދުގައި ބަހަން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މިވަގުތު އޮތީ ހުއްޓިފަ އެވެ. އިއްޔެގެ ޖަލްސާ ވެސް ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރަން އިއްޔެގެ ޖަލްސާގައި އެޖެންޑާ ކުރި ނަމަވެސް އެ ޖަލްސާ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން އެކަހެރިވެވަޑައިގެންފައިވާތީ އެވެ.
ނަޝީދު ރިޔާސަތުން ދުރުވެވަޑައިގެންނެވީ އެމަނިކުފާނު ވަކި ކުރުމުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާތީ އެ މައްސަލައިގައި ގޮތެއް ނިމެންދެކަށެވެ. ނަމަވެސް ގަވާއިދު ބުނާ ގޮތުން ނައިބު ރައީސް ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހެެނީ ރައީސްއަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާތީ އެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެެނެސް އެކަން ހައްލު ކުރަން އެމްޑީޕީން އިއްޔެ ވަނީ ހުށަހަޅައިފަ އެވެ.
މުހިންމު ބައެއް ހަބަރު
އެޑިޓަރުގެ ހޮވުން
ދުވަހުގެ ފޮޓޯ

ގައުމީ ބާސްކެޓު ބޯޅަ ޓީމް ފަރިތަކުރުންތައް ކުރިއަށް ގެންދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު











