ޑޮލަރުގެ އަގު 20.80 ރުފިޔާއަށް އުފުލިއްޖެ

Jul 11, 2026, 12:54 PM
ސްކޫލް ބަންދާ ދިމާކޮށް މިހާރަށް ވުރެ ވެސް ޑޮލަރުގެ އަގު ބޮޑުވާނެ ކަމަށް ބެލެވޭ -- ފޮޓޯ: އަދަދު ފައިލް

ސްކޫލް ބަންދާ ދިމާކޮށް މިހާރަށް ވުރެ ވެސް ޑޮލަރުގެ އަގު ބޮޑުވާނެ ކަމަށް ބެލެވޭ -- ފޮޓޯ: އަދަދު ފައިލް

ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބޭ އަގު 20.80 ރުފިޔާއަށް އުފުލިއްޖެ އެވެ. 

މިދިޔަ ހަފުތާގެ ކުރީގެ ކޮޅު ޑޮލަރެއް ލިބުނީ 20.50 ރުފިޔާއަށެވެ. އަގު އުފުލުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. 

މި ނޫހާ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނީ 20.85 ރުފިޔާއަށް ވެސް ބައެއް ތަންތަނުން ޑޮލަރު ވިއްކަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް މިހާރަށް ވުރެ ވެސް ޑޮލަރުގެ އަގު މަތިވުން އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ. 

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ވެއްޓި، ޑޮލަރުގެ ތާށިކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ޑޮލަރުގެ އަގު މައްޗަށް ދިޔައީ ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އަދަދު މަދުވުމާއި ޑޮލަރު ހަރަދު ކުރާ މިންވަރު ދަށްނުވުމާއި ރިކޯޑު އަދަދަކަށް ބޭރުގެ ދަރަނި ދައްކަންޖެހުނު ދަނޑިވަޅެއްގަ އެވެ. 

ޑޮލަރުގެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ވަނީ ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކޮށްފަ އެވެ. ނަމަވެސް އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ. 

ޑޮލަރުގެ އަގު 15.42 އަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ތިރި ކުރުމަކީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދެކެވެ. ނަމަވެސް މިފަހުން ސައީދު ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ނިމިދިޔަ ސަރުކާރާ ހެދި ކަމަށެވެ. 

"ގާނޫނު ސަސްޕެންޑުކުރީ ވެސް މިދިޔަ ސަރުކާރުން. ގާނޫނު ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރަމުން ދިޔައީ. އޭގެ ނަތީޖާ މިއަދު ބައްދަލުކުރާނެކަން އެ ވާހަކަ ދެއްކިން. ރައީސް ނަޝީދުގެ ސަރުކާރުގެ 10ރ. އާއި 15ރ. ގެ ދޭތެރޭގެ ބޭންޑެއް އެޅި ވާހަކަ ދެއްކި. އޭގެ ސަބަބުން ރައްޔިތުންނަށް ސަލާމަތް ނުވެވިގެން މި އުޅެނީ،" މިދިޔަ ހޯމަ ދުވަހު ސައީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox