މޮސްކޯ، ރަޝިއާ (ޖޫން 13) - ޔޫކްރެއިންގެ ބްލެކް ސީ ބަނދަރުތަކުން ގޮދަން އެކްސްޕޯޓް ކުރުމަށް މަގުފަހިވި އެއްބަަސްވުމާ ވަކިވާން ވިސްނަމުންދާ ކަމަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ވެސް ރަޝިއާއިން ވަނީ އެ އެއްބަސްވުމާ ދުރަށް ޖެހެން ވިސްނާ ކަމަށް ބުނެފަ އެވެ. އެއީ ރަޝިއާގެ ފާޓިލައިޒާ އެކްސްޕޯޓް ކުރެވޭ ގޮތް ހަމަނުޖެހޭތީ އެވެ.
އދ. މެދުވެރިވެގެން އެކުލަވާލި އެއްބަސްވުން އާކުރަން ޖެހެނީ ޖުލައި 17 ގަ އެވެ.

"އަޅުގަނޑުމެން މި ދަނީ ގޮދަން އެއްބަސްވުމާ ދުރަށް ޖެހެން ވިސްނަމުން،" ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޕުޓިން ވިދާޅުވި އެވެ.
ގޮދަން ހިފައިގެން ދަތުރު ކުރާ މަނަވަރުތަކަށް ހާއްސަކުރި ކަނޑުގެ ރޫޓުތައް ބޭނުންކޮށްގެން ޔޫކްރެއިނުން ޑްރޯން ފޮނުވާ ކަމަށް ޕުޓިން ތުހުމަތުކުރެއްވި އެވެ.
"އަޅުގަނޑުމެން އެ އެއްބަސްވުމުގައި ބައިވެރިވީ ޔޫކްރެއިނަށްޓަކައެއް ނޫން. އެއީ އެފްރިކާ އާއި ލެޓިން އެމެރިކާގެ އެކުވެރި ގައުމުތަކަށްޓަކައި ކުރި ކަމަށް. އެއީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކަށް ގޮދަން ލިބޭނެކަން ކަށަވަރު ކުރަން ކުރި ކަމެއް،" ނޫސްވެރިއެއްގެ ސުވާލާ ގުޅިގެން ޕުޓިން ވިދާޅުވި އެވެ.
ހޯމަ ދުވަހު އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރަޝިއާއިން މިދިޔަ ފެބްރުއަރީ މަހު ޔޫކްރެއިންގައި ހަަނގުރާމަ ފެށުމުން، ޔޫކްރެއިންގެ ބަނދަރުތަކުން ގޮދަން އެކްސްޕޯޓް ކުރުން މެދުކެނޑި، އެތައް މިލިއަން ޓަނެއް ސަޕްލައި ތާށިވި އެވެ.
އޭގެ ސަބަބުން އެތައް މިލިއަން ބަޔަކު ބަނޑުހައި ހޫނު ކަމަށް ވެއްޓި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލެން ފެށުމުގެ މައްސަލަ އޮތީ ކުރިމަތިވެފަ އެވެ.
އެހެންވެ، ދެ މަސް ވަންދެން ކުރި މަޝްވަރާއަށް ފަހު ޔޫކްރެއިންގައި ތާށިވެފައި ހުރި ގޮދަނުގެ ޝިޕްމަންޓް ބްލެކް ސީ ރޫޓުން އެކްސްޕޯޓް ކުރުމަަށް މަގުފަހިވާނެ ގޮތް ހެދުމަށް އެއްބަސްވި އެވެ.










