ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ކުރިއަށްގެންދިޔުމަށް ކަނޑައަޅާފައިވާ ހުރިހާ ކޮޓަރިތަކެއް ތަޅުލައި ބަންދުކޮށްފި އެވެ.
މަޖިލީހުގެ ރިޔާސަތާއި މެމްބަރުންނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމެއްގެ ތެރެއިން މަޖިލީހުގެ މަސައްކަތްތައް އެއްކޮށް ވަނީ ހުއްޓިފަ އެވެ. ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކެއް ވައްދައި ވޯޓު ނެގުމަށް ވެރިކަން ކުރަމުންދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްޑީޕީގެ 13 މެމްބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން ކޮމިޓީތައް އޮތީ އަލުން އެކުލަވާލަން ޖެހިފަ އެވެ. އެއީ, ކޮމިޓީތަކުގައި ތިއްބަވާ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމުންނެވެ. ޕާޓީތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި މިހާތަނަށް އެކަމަށް ހައްލެއް ލިބިފައި ނުވެ އެވެ.
މަޖިލިސް މެމްބަރަކު މިއަދު "އަދަދު" ނޫހާ ހިއްސާކުރި ވީޑިއޯ އަދި ފޮޓޯތަކުން އެނގޭ ގޮތުގައި މަޖިލީހުގެ އިމާރާތުގައި ކޮމިޓީތަކަށް ކަނޑައަޅާފައިވާ ހުރިހާ ކޮޓަރިތަކެއްގައި ހުރީ ތަޅު އަޅުވައި މެމްބަރުންނަށް ނުވަދެވޭ ގޮތް ހަދާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު މަޖިލީހުގެ އިމާރާތް ކޮންޓްރޯލް ކުރުން ނުވަތަ މަޖިލީހުގެ ގޯއްޗާއި އިމާރާތަކީ މަޖިލިސް ރައީސްގެ ބާރުގެ ދަށުގައިވާ ތަންތަން ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން މަޖިލީހުން ބުނީ ކޮޓަރިތައް ތަޅުލާފައި ހުންނަނީ މުހިންމު ލިޔެކިޔުންތަކެއް ހިމެނޭތީ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތަކުގައި މުހިއްމު ލިޔެކިޔުންތައް ހުންނާތީ، ކޮޓަރިތަކުގައި މަސައްކަތެއް ކުރިއަށްނުދާ ހުރިހާ ވަގުތުތަކެއްގައިވެސް އެ ކޮޓަރިތަކަކީ ތަޅުލާފައި ހުންނަ ކޮޓަރިތަކެއް ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ," މަޖިލީހުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ރިޔާސަތުގައި އިންނަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 54 މެމްބަރުންގެ ސޮޔާ އެކު ވަނީ ވައްދާފަ އެވެ. އެ މައްސަލަ އެމްޑީޕީން ހުށަހެޅި ތަކުރާރުކޮށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާތީ ކަމަށް ބުނެ އެވެ.
އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ އަންގަވާފަ އެވެ.
ރިޔާސަތު ބެލެހެއްޓެވުމުން ނަޝީދު ދުރުވެވަޑައިގެންނެވި ނަމަވެސް ގަވާއިދު ތަންދޭ މިންވަރަކުން "މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގައި އަޅުގަނޑު ދެމިހުންނާނެ" ކަމަށް އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ. އެހެންކަމުން, މިއީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ބާރުގެ ތެރެއިން ކުރެއްވި ކަމެއް ކަމަށް ބެލެވެ އެވެ.
މަޖިލީހުގައި ދާއިމީ 17 ކޮމިޓީއެއް އޮވެ އެވެ. އެއީ މަޖިލީހާ ގުޅޭ ތިން ދާއިމީ ކޮމިޓީ އާއި ދައުލަތުގެ އިދާރާތަކާ ގުޅޭ 14 ކޮމިޓީއެއް އޮވެ އެވެ. މި ހުރިހާ ކޮމިޓީއެއްގެ ވެސް މެޖޯރިޓީ ކޮންޓްރޯލް ކުރަނީ އެމްޑީޕީންނެވެ. މަޖިލިސް ހުއްޓިފައި އޮތީ ކޮމިޓީތަކުގައި ތިބޭނެ މެމްބަރުންގެ ނިސްބަތާ ގުޅޭގޮތުން އެއްބަސްވުމަކަށް ނާދެވިގެންނެވެ.
ދާއިމީ ކޮމިޓީއަކަށް އައްޔަނުކޮށްފައިވާ މެންބަރަކު ވަކިވާނޭ ހާލަތު ގަވާއިދުގެ 130 ވަނަ މާއްދާގެ ށ. ގައި އެބައޮތެވެ. އޭގެ ތެރެއިން އެއް ހާލަތަކީ ކޮމިޓީއަށް އެ މެންބަރަކު އައްޔަނުކުރި ޕާޓީގެ މެންބަރުކަމުން އެ މެންބަރަކު ވަކިވުމެވެ. އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ވަކިވި މެންބަރުގެ ޖާގައަށް އެހެން މެންބަރަކު އައްޔަނުކުރުމުގެ ބާރު އެ ސިޔާސީ ޕާޓީއަކަށް ލިބިގެންވާ ކަމަށް މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވެ އެވެ.
titledesc













