ރިޔާދު، ސައުދީ އަރަބިއްޔާ (ޖޫން 12) - އަލް-ހިލާލް އިން މަޝްހޫރު ތަރި، ލިއޮނަލް މެސީ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމާ އެކު މިހާރު އެ ކްލަބުން މަސައްކަތް ފަށާފައިވަނީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާގެ ސޮއި ހޯދުމަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަލް ހިލާލް އިން 500 މިލިއަން ޑޮލަރުގެ އަގުހުރި އޮފާއެއް މެސީ، 35، އަށް ކުރި ނަމަވެސް އޭނާ ވަނީ އެ ހުށަހެޅުމަށް ފުރަގަަސްދީ މަޝްހޫރު ފުޓްބޯޅަ ތަރި، ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އެމެރިކާގެ ކްލަބް، އިންޓަ މިއާމީ އެފްސީ އަށް ބަދަލުވާން އެއްބަސްވެފަ އެވެ.
އެހެންވެ، އަލް ހިލާލް އިން މިހާރު މަސައްކަތް ފަށާފައިވަނީ ނޭމާ, 31, ގެ ސޮއި ހޯދުމަށެވެ. އެ ގޮތުން، މެސީ އަށް ކުރި ވަރުގެ އޮފާއެއް ނޭމާ އަށް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސައުދީ އަރަބިއްޔާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނޭމާ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ: ޕީއެސްޖީން ނޭމާ ވިއްކާލާނީ މަދުވެގެން 60 މިލިއަން ޑޮލަރަށް.
ބާސެލޯނާ ދޫކޮށް، 2017 ވަނަ އަހަރު، ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 234 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ސޮއިކުރި ނޭމާ މި ވަގުތު އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
އަނިޔާއާ ހެދި ފަހަކަަށް އައިސް ކޮންމެ ސީޒަނެއްގައި ނޭމާ އަށް ގިނަ މެޗުތަކެއް އަންނަނީ ގެއްލެމުންނެވެ. އެހެންވެ، ޕީއެސްޖީން ވިސްނަމުން އަންނަނީ ނޭމާ އަށް ދެން އިތުރު ކޮންޓްރެކްޓެއް ނުދޭށެވެ. މި ސީޒަނުގައި ނޭމާ ކުޅުނު 29 މެޗުން ވަނީ 18 ގޯލު ޖަހައި، 17 ގޯލު ޖަހަން ވަނީ ފުރުސަތު ހޯދައިދީފަ އެވެ.
ނޭމާގެ ސޮއި ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑުން ވެސް މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.












