ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ބަހުސް ކުރާނެ ވަގުތު ކަނޑައެޅިފައި ނެތުމަކީ އެ މައްސަލަ އެޖެންޑާ ނުކުރާންޖެހޭ ސަބަބެއް ނޫން ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އީވާގެ މައްސަލަ މާދަމާގެ ރައްޔިތުން މަޖިލީހުގެ އެޖެންޑާގައި ނުހިމަނާ އެޖެންޑާ އިއުލާންކޮށްފައިވަނިކޮށް , ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި އަސްލަމް ވިދާޅުވީ އިތުބާރުނެތް މައްސަލާގައި މަޖިލީހުގެ ގަވާއިދުގައި ކަންކަން ވަރަށް ސާފު ކަމަށެވެ. އެގޮތުން، މައްސަލަ ހުށަހެޅުމުން ރަސްމީ ތިން ދުވަހުގެ ތެރޭގައި ނޯޓިސް ފޮނުވުމާއި، 14 ދުވަހުގެ ތެރޭގައި އެޖެންޑާ ކުރަން މަޖިލީހުގެ ގަވައިދުގައި އޮންނަކަން އަސްލަމް ފާހަގަކުރެއްވި އެވެ.
"އެހެންވީމަ އެޖެންޑާ ކުރަންވާނެ.. މާދަމާ އެޖެންޑާ ކުރުން އެއީ އެޖެންޑާ ކުރުމުގެ އިހުތިޔާރާއި ބާރު ލިބިދީފައިވާ ފަރާތް، މަޖިލީހުގެ ރައީސް ކުރައްވަން ޖެހޭ ކަމެއް"
އީވާގެ މައްސަލާގައި ކަންކުރަން ޖެހޭ ގޮތަކީ މައްސަލަ މަޖިލީހުގެ ރައީސް އެޖެންޑާ ކުރެއްވުމަށްފަހު، ބަހުސްގެ ގަޑި ކަނޑަނޭޅި އޮތް މައްސަލައާ މެދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުން ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް އީވާގެ މައްސަލަ އެޖެންޑާ ނުކުރާން ޖެހޭ ސަބަބެއް އޮތް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުން ބަހުސްގެ ގަޑި ކަނޑައަޅާފަ ނެތުމަކީ [އީވާގެ މައްސަލަ] އެޖެންޑާ ކުރުމަށް އެޅޭ ހުރަހެއް ނޫން" ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހެޅޭ މައްސަލަތައް އެޖެންޑާ ކުރުމުގާ ކަންކުރަންޖެހޭ އުސޫލުތައް އޮޅޭ ގޮތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވަމުންގެންދަވާ ކަމަށް އަސްލަމް ތުހުމަތުކުރެއްވި އެވެ. މިސާލު ނެންގެވީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ނަޝީދު އަމަލުކުރެއްވި ގޮތުންނެވެ.
"އެ މައްސަލަ ދެފަހަރެއްގެ މަތިން ހުށަހަޅަންވެސް ޖެހުނު، އޭގެ ފަހުން އައިސް މާދަމާގެ އެޖެންޑާގަވެސް އެ މައްސަލަ ނެތް، އެޖެންޑާއިން އެގޮތައް [މައްސަލައެއް] އުނިކުރުމުގެ އިހުތިޔާރު މަޖިލީހުގެ ރައީސަށް ލިބިދޭތޯ އެއީ ބޮޑުވެގެންވާ ސުވާލެއް"
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރު މާދަމާއަށް އެޖެންޑާ ކުރަން ލާޒިމެވެ. އެކަމަކު، އެ ޖަލްސާގެ ބައެއް މަސައްކަތްތައް އާންމު ކޮމެޓީން ކުރަންޖެހިފައި އޮތުމާއި ކޮމެޓީތައް އެކުލަވާނުލެވި އޮތުމުން، އެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ކުރިން ވަނީ އަންގައިފަ އެވެ.
އީވާގެ މައްސަލަ ނުހިނަމައި ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ އެޖެންޑާ ނެރެފައި މި ވަނީ އެ މައްސަލަ އެޖެންޑާކޮށްދިނުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ދެ ފަހަރެއްގެ މަތިން އެދިފައި އޮއްވަ އެވެ. އެ މައްސަލައިގައި ނިޔުޝާ ކުރިން ވިދާޅުވެފައި ވަނީ އީވާގެ މައްސަލަ އެޖެންޑާ ކުރެވޭނީ އާންމު ކޮމެޓީ އެކުލަވާލުމަށްފަހު ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަދި ނައިބުރައީސްގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަތަކެއް ހުށަހާފައިވާއިރު، މަޖިލީހުގެ މާދަމާގެ ޖަލްސާގައި އީވާ ވަކި ކުރަން ވައްދާފައި އޮތް ގަރާރު ހުށަހަޅަންޖެހޭއިރު ގަވާއިދު ބުނާ ގޮތުން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހެނީ މަޖިލީހުގެ ރައީސް އެވެ. ނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދާފައިވާތީ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު އަންގަވައިފަ އެވެ.
މަޖިލީހުގެ ރިޔާސަތު ނަޝީދު އެކަހެރިވެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި އެ މައްސަލައިގެ ނޯޓިސް ދީފައިވާތީ، ގަވާއިދު ބުނި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވަކި ކުރަން ބާއްވާ ޖަލްސާގެ ރިޔާސަތުގައި އެމަނިކުފާނަށް ނީންދެވޭނެ ކަމަށް އިދިކޮޅު މެމްބަރުން ދިޔައީ ބުނަމުންނެވެ.













