އިސްތަންބޫލް (ޖޫން 10) - ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ އިންޓަ މިލާނާ ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުންނައިރު، ސިޓީގެ އަމާޒަކީ މުބާރާތް ކާމިޔާބުކޮށް 2021ގެ ފައިނަލްގެ ހިތި ހަނދާންތައް ފޮހެލުން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލްގައި 2021 ވަނަ އަހަރު ސިޓީ ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ. އެއީ ސިޓީގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެ ކްލަބު ކުޅުނު ފުރަތަމަ ފަހަރެވެ.
އެ މެޗަށް ފަހު، ސިޓީގެ ކޯޗު ގާޑިއޯލާ އަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވިއެވެ. އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވީ ފައިނަލް މެޗަށް ސިޓީގެ މެދުތެރެއަށް އޭނަ ގެނައި ބަދަލުތަކުގެ ސަބަބުންނެވެ.
ފައިނަލްގެ ކުރިން ގާޑިއޯލާ ބުނީ 2021 ވަނަ އަހަރުގެ ނާކާމިޔާބީގެ ހަނދާންތައް ފޮހެލަން އެނާ ބޭނުންވާ ކަމަށެވެ.
"މީގެ ދެ އަހަރު ކުރިން ޗެލްސީއާ ދެކޮޅަށް އަހަރަމެން ނުކުތީ ޕްލޭނަކާއެކު. އެކަމަކު އެ ޕްލޭން މަސައްކަތެއްނުކުރި. އެހެންވެ އެންމެން ވެސް އަހަންނަށް ފާޑުކިޔަނީ އަހަރެން އެ މެޗުގައި ގޯސްތަކެއް ހެދި ކަމަށް ބުނެ،" ގާޑިއޯލާ ބުންޏެވެ.
"މި ފައިނަލަށް ވެސް އަހަރަމެން ނުކުންނާނޖީ ޕްލޭނަކާއެކު. އަހަރަމެން މިތިބީ ތައްޔާރަށް."
ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އަޒުމުގައި ސިޓީ ނުކުންނައިރު، މި ސީޒަންގައި އެ ޓީމުން ވަނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.
ފައިނަލަށް ނުކުންނައިރު ސިޓީ އަކީ ފޭވަރިޓުންނެވެ. އެ ޓީމާ ދެކޮޅަށް ނުކުންނަ އިންޓަ މިލާން 13 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ނަމަވެސް، ސިޓީން އެ ޓީމު ފަސޭހަކޮށް ނުނަގާނެ އެވެ.
ސިޓީގެ މިޑްފީލްޑު ކެވިން ޑި ބްރޭނާ ބުނީ އިންޓަ ކުޅޭ ސްޓައިލް އާއި އެ ޓީމުގެ ފެންވަރު ސިޓީ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
"އިންޓަ އަކީ ވަރަށް ރަނގަޅަށް ޑިފެންސްކުރާ ޓީމެއް. އަހަރަމެން އުންމީދެއް ނުކުރަން އޯޕަން ގޭމަކަށް. ފައިނަލެއްގައި ވަރަށް މަދު ފަހަަރަކު އޯޕަން މެޗެއް ފެންނާނީ،" ޑި ބްރޭނާ ބުންޏެވެ.
ސިޓީ އާއި އިންޓަ ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.












