ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ބާއްވަން ކުރިން އެޖެންޑާ ކުރި ނަމަވެސް، ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލާ ނުނިންމޭތީ މުއްދަތެއް ނެތް ގޮތަކަށް އެ މައްސަލަ ޕާކުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އީވާގެ މައްސަލަ އެޖެންޑާނުކުރަން ނިންމީ މަޖިލިހުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ އަދަދަށް އައި ބަދަލަށް ފަހު ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ދެން ތިބޭނެ ގޮތް އަދިވެސް ފާސްނުވާތީ ކަމަށެވެ.
މަޖިލިހުގެ ގަވާއިދުގައި އޮންނަ ގޮތުން، އިތުބާރު ނެތް މައްސަލަތަކުގެ ގަރާރެއް ހުށަހެޅުމުން މެމްބަރުން ބަހުސްކުރަން ދެވޭ ވަގުތުތައް ފާސްކުރާނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ.
"ވީމާ، މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން ބަަހުސް ކުރުމުގެ ވަގުތު ކަނޑައަޅައި ނިމުމުން، އެ ގަރާރު އެޖެންޑާކުރެވޭނެ ތާރީހެއް ފަހުން އަންގާނެ ވާހަކަ ދެންނެވިން،" މަޖިލިހުގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީގެ މެމްބަރުކަމުން ވަކިވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުގެ މެންބަރުން އުފެއްދި "ދަ ޑިމޮކްރެޓްސް" ޕާޓީއާ ގުޅިވަޑައިގަތް 13 މަޖިލިސް މެމްބަރުންގެ ތެރޭގައި އީވާ ވެސް ހިމެނެ އެވެ.

އީވާ ވަކިކުރުމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ އޭގެ ފަހުންނެވެ. އަދި އެ މައްސަލާގައި އީވާ ވަކިކުރުމަށް ވޯޓު ދޭން ޖެހޭ ގޮތަށް ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް ތްރީލައިން ވިޕެއް ނެރުމަށް ވެސް ފާސްކޮށްފައިވެ އެވެ.
އީވާގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ވެސް މިހާރު ވަނީ ހުށަހަޅުއްވައިފަ އެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގައި އަދިވެސް ހުންނެވި ނަޝީދު މަޖިލިހުގެ ރައީސްކަމުން ވަކިކުރަން ހުށަހެޅީ އެމްޑީޕީގެ 50 މެމްބަރުން ހިމެނޭ ގޮތަށް ޖުމުލަ 54 މެމްބަރުންގެ ސޮޔާއެކުގަ އެވެ.
ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ވާދަވެރި ފަރާތްތަކުން ހުށަހެޅި ގަރާރެއްގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސޮއިކުރެއްވުމުން އޭނާ ޕާޓީން ވަކިކޮށްފައިވަނިކޮށެވެ.
ނަޝީދު މަގާމުން ދުރުކުރުުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމީ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް މައްސަލާގައި ރިޔާސަތުގައި ނަޝީދު އިންނަވައިގެން ވޯޓަށް ނާހައި ލަސްކުރަނީ ގާނޫނު އަސާސީއާއި މަޖިލިހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެވެ.














