ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މާދަމާ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފި އެވެ.
މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅަން ނިންމިކަން އިއުލާނުކުރީ މިއަދު މެންދުރު ބޭއްވި އެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެއީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާތީ ކަމަށް އެމްޑީޕީގެ ޕީޖީން ބުނެ އެވެ.
އޭރުން ފެށިގެން އެ މައްސަލައަށް މެމްބަރުންގެ ސޮއި ހަމަކުރަމުންދާއިރު "އަދަދު" ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގަައި 54 މެމްބަރުން ވަނީ ސޮއިކޮށްފަ އެވެ. އަދި, މާދަމާ އެ މައްސަލަ ހުށަހަޅާނެކަން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރަކު ވަނީ ކަށަވަރުކޮށްްދީފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި, ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ. އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ސޮއިނުކުރާ މެމްބަރުންގެ ނަންތައް ހާމަކޮށްފައި ނުވެ އެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ.
ރާއްޖޭގެ ދެކުނުން އީއީޒެޑް ބައިނަލްއަގްވާމީ ކޯޓުން ކަނޑައެޅިއިރު، ދައުލަތަށް ގެއްލުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނަޝީދު ނިންމެވުމުން މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ވެސް ކުރި އެވެ.
ނަޝީދު ވަކިކުރަން އެމްޑީޕީން ނިންމި ސަބަބު
އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ, ނަޝީދު ވަކިކުރަން ނިންމި ސަބަބު ތަފްސީލު ކޮށްދެއްވާފަ އެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީ ޕާލަމަންޓީ ގްރޫޕުން ރައީސް ނަޝީދާ މެދު ބައްލަވަނީ ހާއްސަ ނަޒަރަކުން ކަމަށާއި, އެއީ އެމްޑީޕީ އުފެދިގެން މިހިސާބަށް އައިއިރު ލީޑާޝިޕްގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކުރިން ވަރަށް ގިނަ ބައެއް ރުހުން ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވާތީ ކަމަށެވެ.
އަދި, އެމްޑީޕީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވުމުން, ވަރަށް ގިނަ ކަންކަމުގައި ޕީޖީ ގްރޫޕުން އެމަނިކުފާނަށް ދޫދީގެން ތިބިކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް, ގާނޫނާއި ގާނޫނު އަސާސީން މަތިކޮށްފައިވާ މުހިންމު މަސްއުލިއްޔަތުތައް އަދާކުރުމުގައި އެންމެ މީހަކަށް ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކުވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް އަޅުގަނޑުމެން އެއްވެސް މީހެއްގެ އަމިއްލަކަމެއް ނޫންކަން މީ. އަމިއްލަ ގެ ނޫންކަން މީ. ރައްޔިތުންގެ މަޖިލިސް ކުރާގެ ކަން. މިތަނަކީ މިތަނުގެ ރައީސްގެ ވެސް މިތަނުގެ އަމީންއާންމުގެ ވެސް އަމިއްލަ ގެ ކަމުގައި ދެކެވަޑައިގެން ނުވާނެ," ނަޝީދު ވަކިކުރަން ނިންމަން ޖެހުނު ސަބަބު ތަފްސީލު ކޮށްދެއްވަމުން އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދަށް ގޮންޖައްސަވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ އަމިއްލަފުޅަށް ގޮތް ނިންމަވައިގެން, ވަކި ބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން ކަމަށެވެ.
އެ މޭރުމުން ވާހަކަދައްކަވަމުން އަސްލަމް ވަނީ, މަޖިލިސް ރައީސަކީ ވަކި ފަރާތަކަށް ނުޖެހި އެންމެނަށް ހަމަހަމަކަމާއެކު މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއް ކަމަށާއި, ވަކި މައްސަލައެއް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމުގެ ބާރު މަޖިލިސް ރައީސަށް ލިބިގެން ނުވާކަން ފާހަގަކުރައްވާފަ އެވެ.
އަސްލަމް ވިދާޅުވީ ކޮންމެ ދުވަހަކު މިފަދަ އަމަލުތައް ތަކުރާރުވެ, ރައީސް ނަޝީދަށް ހިތުގައި ދެވިފައިވާ ލޯތްބާއި ގަދަރު ކުޑަވަމުންދާ ކަމަށެވެ. އަދި, އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމުގައި ބަހައްޓައިގެން އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ހިސާބަށް މިއަދު އާދެވިފައިވާ ކަމަށެވެ.













