ރިޕޯޓުމަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ އިޖުރާއަތު ހިނގާނެ ގޮތް

މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ އިޖުރާއަތު ހިނގާނެ ގޮތް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސް ކަމަށް ބުނުން ފިޔަވައި ގާނޫނު އަސާސީގައި މަޖިލީހުގެ ރައީސްގެ ބާރުތަކާ ގުޅޭ ގޮތުން މާ ބޮޑު ވާހަަކައެއް ނެތް. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބާރުތައް ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި.

ރައްޔިތުންގެ މަޖިލީހުގެ ބަހުސް ކުރާ މާލަމް: ރައީސް ވަކި ކުރަން ހުށަހަޅާ މައްސަލައިގައި އާންމު މެމްބަރެއްގެ ހައިސިއްޔަތުން ބައިވެރިވެވޭ -- ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ބަހުސް ކުރާ މާލަމް: ރައީސް ވަކި ކުރަން ހުށަހަޅާ މައްސަލައިގައި އާންމު މެމްބަރެއްގެ ހައިސިއްޔަތުން ބައިވެރިވެވޭ -- ފޮޓޯ: މަޖިލިސް

"މި މަޖިލީހުގެ އިތުބާރު، މި މަޖިލީހުގެ 100 ޕަސެންޓު އިތުބާރު އަޅުގަނޑަށް އޮތްކަން އަޅުގަނޑަށް ޔަގީން ކަށަވަރު. އެންމެ އިއްޒަތްތެރި މެމްބަރަކު ވެސް 87 މެމްބަރުންގެ ތެރެއިން އެންމެ އިއްޒަތްތެރި މެމްބަރަކު ވެސް ނެތޭ މި ރިޔާސަތަށް އިތުބާރު ނެތް.

އިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން އިއްޒަތްތެރި މެމްބަރުން އަޅުގަނޑަށް ތިޔަ ދެއްވާ ތިޔަ ދެއްވާ އިތުބާރާ ތިޔަ ދެއްވާ އެއްބާރުލުމާއި ތިޔަ ބަހައްޓަވާ ގާތް ކަމަށް."

އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ޖަލްސާ ހޫނުވި ވަގުތުކޮޅެއްގައި ވިދާޅުވި ވާހަކައެކެވެ. ނަމަވެސް, މިއަދު އެމަނިކުފާނު ރައީސްކަން ކުރައްވާ އަދި ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިން އެ މަސައްކަތް ކުރަނީ ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކި ކުރުމަށެވެ.

ނަޝީދު ވަކި ކުރަން ނިންމީ ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަކި ކުރަން ހުށަހަޅާފައި އޮތް މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލައްވާތީ އެވެ. އެހެންކަމުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކި ކުރުމުގެ މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ތިރީގައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރަން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މަގާމެކެވެ. އެ މާއްދާގައި ލާޒިމް "އާންމު އިންތިހާބަށްފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި" މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސަކު ކަނޑައަޅަންޖެހޭނެ ކަމަށެވެ.

ނަމަވެސް, ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސް ކަމަށް ބުނުން ފިޔަވައި ގާނޫނު އަސާސީގައި މަޖިލީހުގެ ރައީސްގެ ބާރުތަކާ ގުޅޭ ގޮތުން މާ ބޮޑު ވާހަަކައެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބާރުތައް ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ ކޮންމެ މަޖިލީހަކުން ފާސް ކުރާ އެއްޗެކެވެ. އެހެންކަމުން މިހާރު އަމަލު ކުރަމުންދަނީ "19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު" އަށެވެ. އެ ގަވާއިދުގެ ދެ ވަނަ މާއްދާއިން ފެށިގެން ފަސް ވަނަ މާއްދާއާ ހަމައަށް ރައީސްގެ ބާރުތަކާއި ޒިންމާތައް ބަޔާންކޮށްފައި އޮވެ އެވެ. ރައީސްއަކީ ގަވާއިދުވާ ގޮތުން އެ މަޖިލިސް ހިންގުމުގެ "އެންމެ އިސްވެރިޔާ" އެވެ.

ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބެހިފައިވާ ގޮތް:

  1. މަޖިލީހުގެ ގަވާއިދު ހިފެހެއްޓުން (ގަވާއިދަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް ހުއްޓުވުން)
  2. މަޖިލީހުގެ އިމާރާތް ކޮންޓްރޯލް ކުރުން (މަޖިލީހުގެ ގޯއްޗާއި އިމާރާތަކީ ރައީސްގެ ބާރުގެ ދަށުގައިވާ ތަންތަން)
  3. އެކިއެކި ލިޔުންތަކުގައި ސޮއި ކުރުން (މަޖިލީހުން ފޮނުވާ ބިލާއި ގަރާތުތަކުގައި ސޮއި ކުރުން)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިހާބު ކުރަންޖެހޭނެ ގޮތް ވެސް ބަޔާންކޮށްފައި އޮންނަނީ އެ މަޖިލީހުގެ ގަވާއިދުގަ އެވެ. ގަވާއިދުގައިވާ ގޮތުން ރައީސް އައްޔަން ކުރަންޖެހޭނީ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ކުރީގެ ރައީސް ނަޝީދު އެ މަގާމަށް އިންތިހާބުވީ ދިގުދެމިގެންދިޔަ ޖަލްސާއެއްގައި މެއި 28، 2019 ގަ އެވެ. ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް 67 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން ނަޝީދު މަގާމަށް އިންތިހާބުވީ 77 ޕަސެންޓު މެމްބަރުންގެ ތާއީދާއެކު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުން

ގާނޫނު އަސާސީގެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަ ބަޔާންކޮށްފައިވާ މާއްދާގައި އެ މަގާމުން އޭނާ ވަކިވާނެ ގޮތް ވެސް ބަޔާންކޮށްފައިވެ އެވެ. އޭގައި ވާގޮތުން މަޖިލީހުގެ ރައީސް ވަކިވާނީ އެ މަޖިލީހުން ރައީސް ވަކި ކުރަން ފާސް ކުރުމުންނެވެ. އެކަމުގެ ކޮންމެވެސްވަރެއްގެ އިޖުރާއަތެއް ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވެ އެވެ.

ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ބ. ގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޭނާގެ މަގާމުން ވަކި ކުރާނަމަ އެފަދަ ގަރާރެއް ހުށަހެޅުމުގެ 14 ދުވަސް ކުރިން އެކަން މަޖިލީހުގެ އިދާރާއަށް އަންގަން ޖެހެ އެވެ.

ހަމަ އެ މާއްދާގެ ޅ. އާއި ކ. ގައި ބުނެފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކި ކުރަން ބާއްވާ ޖަލްސާއެއްގެ ރިޔާސަތު ރައީސްއަކަށް ނުބެލެހެއްޓޭނެ އެވެ. އަދި, އެކަމަށް ނަގާ ވޯޓުގައި ވެސް ރައީސްގެ މަގާމުގައި ހުންނަ މީހަކަށް ބައިވެރިނުވެވޭނެ އެވެ.

އެކަމަކު އަސާސީގެ 82 ވަނަ މާއްދާގެ ކ. ގައިވާ ގޮތުން މަޖިލީހުގެ ރައީސް ވަކި ކުރަން ބާއްވާ ޖަލްސާގައި އާންމު މެމްބަރެއްގެ ހައިސިއްޔަތުން ރައީސްއަށް ބައިވެރިވެވޭނެ އެވެ. އަދި, އޭނާގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު ވެސް އެ މާއްދާއިން ލިބިދީފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރާނެ ގޮތުގެ އިތުރު ތަފުސީލު ދީފައި އޮންނަނީ އަނެއްކާވެސް އެ މަޖިލީހުގެ ގަވާއިދުގަ އެވެ. ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ވަކި ކުރުމުގެ މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ހަތަރު ބައި ކުޅަ އެއްބައި މެމްބަރުންގެ ސޮޔާއެކު އެވެ. އެއީ މަދުވެގެން 22 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކި ކުރަން ހުށަހަޅާ ގަރާރުގައި ވަކި ކުރަން ބޭނުންވާ ސަބަބު ލިޔެފައި އޮންނަންޖެހެ އެވެ. އެ މާއްދާގެ ނ. ގައި ބުނެފައި އޮންނަ ގޮތުން އެފަދަ މައްސަލައެއް ހުށަހެޅުމުން އެކަން އަމީންއާންމު ރައީސްއަށާއި މެމްބަރުންނަށް ރަސްމީ ތިން ދުވަހުގެ ތެރޭގައި އަންގައި ނޯޓިހެއް ފޮނުވަންޖެހެ އެވެ. އަދި, އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށްފަހު ދެން އެންމެ އަވަހަށްޖެހޭ ރަސްމީ ބަންދު ނޫން ދުވަހެއްގައި ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާ ބާއްވަންޖެހެ އެވެ.

ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައިވާ ގޮތުން ނޯޓިސްގެ މުއްދަތު ހަމަވެގެން މައްސަލަ މަޖިލީހަށް ހުށަހެޅުމުން ދެން އިތުރު އެއްވެސް ބަހުސެއް ކުރިއަށް ގެންދެވޭނީ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހު އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް އެވެ. އަދި ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ވަކި ކުރަން ބާއްވާ ޖަލްސާގެ ބަހުސް ތިން ގަޑިއިރަށްވުރެ ދިގެއް ނުކުރެވޭނެ އެވެ.

ގަވާއިދުގައިވާ ގޮތުން އެ ޖަލްސާގެ ރިޔާސަތު ނައިބު ރައީސް ބެލެހެއްޓެވި ނަމަވެސް އެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކާނެ މެމްބަރުން ކަނޑައަޅަންޖެހެނީ އާންމު ކޮމެޓީންނެވެ. އަދި ގަރާރު ފާސް ވަނީ މަޖިލީހަށް ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތު ލިބުމުންނެވެ.

ނަޝީދު މަގާމުން ވަކި ކުރަން ނިންމުން

އެމްޑީޕީގެ ރައީސަކަށް ހުންނަވައި ދި ޑިމޮކްރެޓްސް އުފައްދަވަން މަސައްކަތް ކުރައްވާތީ ނަޝީދާއި އެމްޑީޕީއާ ދެމެދު ބޮޑު ހަމަނުޖެހުމެއް ހިނގާތާ ދުވަސްގަނޑެއް ވެއްޖެ އެވެ. މަޖިލީހުގެ ތެރެއިންނާއި ބޭރުން އެކަން ފެނެ އެވެ. ނަމަވެސް އެކަން ނިއުޅިގެންދިޔައީ ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި އެކަމުގެ ބަހުސް މިިދިޔަ ބުދަ ދުވަހު ފެށި ހިސާބުންނެވެ.

ރާއްޖޭގެ ދެކުނުން އީއީޒެޑް ބައިނަލްއަގްވާމީ ކޯޓުން ކަނޑައެޅިއިރު، ދައުލަތަށް ގެއްލުންވާ ގޮތަށް އެ މައްސަލައިގައި ވަކާލާތުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާ ފުރަތަމަ ލިޔުމުން ޖަވާބު ދެއްވުމުން އެ ދުވަހު ރިޔާސަތުން ނިންމީ ވޯޓަށް ނޭހުމަށެވެ.

އެހެން އޮއްވައި، ރިފްއަތު އިއްޔެ ހާޒިރުވެ ދިފާއުވެވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން މެމްބަރުން ވަނީ އިންތިހާއަށް ނިޒާމީ ނުކުތާ ނަގައި ވާހަކަ މެދުކަނޑާލައިފަ އެވެ. ރިޔާސަތުން ނަޝީދު ވަރަށް ގިނަ ނިޒާމީ ނުކުތާއަށް އެ ދުވަހު ފުރުސަތު ދެއްވި އެވެ.

އެހެން އެކަން އޮއްވައި މިއަދުގެ ޖަލްސާ ފެށުމާއެކު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވަނީ މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އިމްތިޔާޒުގެ މައްސަލައަށް ބަހުސް ކުރަން ފާސްނުވި ނަމަވެސް އެ މައްސަލައިގައި ގޮތެއް ނުނިންމާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅުން ވަކާލާތު ކުރި އެވެ. ރިޔާސަތުން ނިންމެވީ އިތުބާރުގެ ނެތްކަމުގެ މައްސަލަ ބާއްވާފައި އެޖެންޑާގައި ދެން އޮތް މައްސަލައަށް ދިޔުމަށެވެ.

އެ މައްސަލައިގައި މިއަދު އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގައި އިހުތިޖާޖުކޮށްފަ އެވެ. އިހުޖާޖު ކުރިއަށް ދަނިކޮށް ނަޝީދު ނިންމެވީ މަޖިލިސް ސަޔަށް މެދުކަނޑުއްވާލުމަށެވެ. އޭގެ ފަހުން ރިޔާސަތުގައި އިންނަވާނީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ކަމަށް އޭގެ ކުރިން ނަޝީދު އިއުލާނު ކުރެއްވި އެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox