މޮސްކޯ، ރަޝިއާ (ޖޫން 5) - ޔޫކްރެއިންގައި ހަނގުރާމަ ކުރާ ވާގްނާ ޕްރައިވެޓް ސިފައިންގެ ގްރޫޕަށް ހަމަލާ ދޭން އުޅުނު ރަޝިއާ ސިފައިންގެ މީހަކު ހިފަހައްޓާފައިވާ ކަމަށް އެ ގްރޫޕުން ބުނެފި އެވެ.
ވާގްނާގެ ޗީފް ޔެވްގެނީ ޕްރިގޯޝިން ވިދާޅުވީ ރަޝިއާ ސިފައިންގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ ކަމަށެވެ. އޭނާ އެކަމުގެ އިންޒާރުދެމުން ދާތާ މަސްތަކެއް ވެއްޖެ އެވެ.
އެހެން ނަމަވެސް މިއީ އެ ގްރޫޕުން ރަޝިއާ ސިފައިންގެ މީހަކު ހިފެހެއްޓި ފުރަތަމަ ފަހަރެވެ. އެ މީހާ ފެންނަ ވީޑިއޯއެއް ވަނީ ޓެލެގްރާމް މެދުވެރިކޮށް އާއްމުކޮށްފަ އެވެ.

"އަހަރެން ވާގްނާގެ ކާރަކަށް ބަޑި ޖެހީ. އެކަން ކުރީ ޒާތީ ގޮތުން ވާގްނާއާ މެދު ހިތްހަމަނުޖެހޭތީ،" ރަޝިއާގެ ލެފްޓިނެންޓް ކާނަލްއެއް ކަމަށް ބުނާ އެ މީހާ ވީޑިއޯގައި ބުންޏެވެ.
އޭނާ މިނިވަން ކުރާނެ ވަގުތެއް އަދި ޝަރުތެއް ވެސް ވާގްނާއިން ހާމައެއް ނުކުރެ އެވެ.
ރަޝިއާއިން ޔޫކްރެއިންގައި ކުރާ ހަނގުރާމައިގައި ވާގްނާ ގްރޫޕުން ބައިވެރިވަނީ ސަރުކާރުގެ ފައުޖުތަކަށް އެހީވުމަށެވެ. އެ ގްރޫޕުން ދަނީ ހަނގުރާމައިގައި އިސް ދައުރެއް އަދާ ކުރަމުންނެވެ.










