ލަންޑަން (ޖޫން 6) - ހުސްވެފައިވާ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުގެ މަގާމަށް ސެލްޓިކްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ގެންނަން އެ ކްލަބުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އޮސްޓްރޭލިއާ އަށް ނިސްބަތްވާ ޕޮސްޓެކޮގްލޫ ،57، ވަނީ މި ސީޒަންގައި ސެލްޓިކާ އެކު ތިން ތަށި ކާމިޔާބުކޮށްފަ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އޮތް ސްކޮޓިޝް ކަޕްގެ ފައިނަލް ސެލްޓިކަށް ކާމިޔާބު ކޮށްދިނުމަށް ފަހު، އެ ކްލަބުގައި އޮތް މުސްތަގްބަލާ މެދު ސުވާލުކުރުން ޕޮސްޓެކޮގްލޫ ވަކި ޖަވާބެއް ނުދެ އެވެ. ޓޮޓެންހަމް އިން ވެސް ޕޮސްޓެކޮގްލޫ ކޯޗަކަށް ހަމަޖެއްސުމާ މެދު ވަކި އެއްޗެއް ނުބުނެ އެވެ.
ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގައި މާބޮޑު ތަޖުރިބާއެއް ނެތް ނަމަވެސް، އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ޕޮސްޓެކޮގްލޫ ސެލްޓިކްގައި ކޮށްފައިވާ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފަ އެވެ. ހާއްސަކޮށް ސެލްޓިކްގެ ކުޅުމުގެ ސްޓައިލްގެ ސަބަބުން ޕޮސްޓެކޮގްލޫ އަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފަ އެވެ.
ޓޮޓެންހަމް އިން ވަނީ މިދިޔަ ސީޒަން ފެށިގެން ދެ ބައި ނުވަނިސް އެ ޓީމުގެ ކޯޗަކަށް ހުރި އިޓަލީގެ އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން، ވަގުތީ ކޯޗުކަން ހަވާލުކުރީ ކްރިސްޓިއަން ސްޓެލީނީއާ އެވެ. އެކަމަކު، ފަހުން ސްޓެލީނީ ވެސް މަގާމުން ވަކިކޮށް، ޓޮޓެންހަމްގެ ކޯޗުކަން ވަގުތީ ގޮތުން ހަވާލުކުރީ ރަޔާން މޭސަންއާ އެވެ.












